ދަ ރެސިޑެންސް އާއި ދިގުރަށުގައި ހަދާ ރިސޯޓު ބްރިޖަކުން ގުޅާލައިފި
ދަ ރެސިޑެންސް އާއި ދިގުރަށުގައި ހަދާ ރިސޯޓު ބްރިޖަކުން ގުޅާލައިފި

ގއ. ފަޅުމާފުށީގައި އޮންނަ ދަ ރެސިޑެންސް އާއި ދިގުރަށް ބްރިޖަކުން ގުޅުވާލައިގެން ހަދާ ދަ ރެސިޑެންސްގެ ދެ ވަނަ ރިސޯޓު އަންނަ އަހަރު ޖެނުއަރީ މަހު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދަ ރެސިޑެންސް ބައި ސެނިޒާރޯގެ ނަމުގައި ދިގުރަށުގައި ހަދާ ރިސޯޓާއި ފަޅުމާފުށި ބްރިޖަކުން ގުޅާލުމުން އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ރިސޯޓަށް ވެގެންދާނެ އެވެ. ފަޅުމާފުށީގައި މަތީ ފެންވަރުގެ 94 ވިލާ ހުރެ އެވެ.

ދިގުރަށުގައި ހަދާ ރިސޯޓާ ބެހޭ ގޮތުން ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި ބުނެފައި ވަނީ އެ ރަށުގައި 173 ވިލާ ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި ބީޗް ވިލާ އާއި ވޯޓާ ވިލާ ވެސް ހިމެނެ އެވެ. އެތަންތަން ހަދާފައި ވަނީ ރާއްޖެއިން ލިބެންހުރި ތަކެތި ބޭނުންކޮށްގެން ކަމަށް ވެސް އެ ރިސޯޓު މެނޭޖްކުރާ ކުންފުނިން ސެނިޒާރޯ ހޮޓެލްސް އިން ބުންޏެވެ.

އެ ރިސޯޓުގައި ހުރިހާ ވައްތަރެއްގެ ކެއުން ލިބޭ ދަ ޑައިނިން ރޫމް އާއި ލި ބައި، ޗައިނީސް ކެއުންތަކަށް ހާއްސަ ސިގްނޭޗާ ކެންޓޮނީސް ރެސްޓޯރަންޓް ކިޔާ ރެސްޓޯރަންޓެއް ވެސް ހުރެ އެވެ. އޭގެ އިތުރުން 42 މީޓަރުގެ އިންފިނިޓީ ޕޫލަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ޖިމް އެއް ވެސް ހުރެ އެވެ.