25 ސެޕްޓެމްބަރ 2018 - 15:30

ލަންްޑަން (ސެޕްޓެމްބަރު 25) - ދުނިޔޭގެ ބާޒާރުގައި ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު ތެރޭ ތެލުގެ އަގު ނުދާ ވަރަށް މައްޗަށް ހިނގައްޖެ އެވެ.
ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 81 ޑޮލަރުގަ އެވެ. މިއީ ނޮވެމްބަރު 2014 އަށް ފަހު ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ތެލުގެ އަގު މައްޗަށް ގޮސްފައި މި ވަނީ ތެޔޮ އުފައްދާ ގައުމުތަކުން އަލްޖީރިއާގައި ހަފުތާ ބަންދުގައި ބޭއްވި ބައްދަލުވުމުގައި މިހާރު ތެޔޮ އުފައްދާ މިންވަރު މަތި ނުކުރަން ނިންމުމާ ގުޅިގެންނެވެ. އޯޕެކުގެ މެންބަރުންނާއި އޯޕެކުގައި ނުހިމެނޭ ގައުމުތަކުން ވެސް ވަނީ ތެލުގެ މާކެޓް މިހާރު އޮތް ގޮތާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ. ނަމަވެސް ސައުދީ އަރަބިއާގެ ތެލާ ބެހޭ ވަޒީރު ޚާލިދު އަލް ފާލިހު ވަނީ ކުރިމަގުގައި ތެޔޮ އުފައްދާ މިންވަރު މަތިކުރަން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާ ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް ނޮވެމްބަރު މަހު ތަންފީޒް ކުރަން ފެށުމުންނެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތެލުގެ އަގު ތިރި ކުރަން ތެޔޮ އުފައްދާ މިންވަރު މަތި ކުރަން މަސައްކަތް ފަށައިފަ އެވެ. އޯޕެކުން 2016 ވަނަ އަހަރު ވަނީ ތެޔޮ އުފައްދާ މިންވަރު މައްޗަށް ނުޖައްސަން އެއްބަސްވެފަ އެވެ.