އިންސްޓަގްރާމްގެ ދެ މޭސްތިރިން އިސްތިއުފާ ދީފި
އިންސްޓަގްރާމްގެ ދެ މޭސްތިރިން އިސްތިއުފާ ދީފި

ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގެ ދެ ބާނީ ކަމަށްވާ ކުރީގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ކެވިން ސިސްޓްރޮމް އާއި ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) މައިކް ކްރެއިގާ އިންސްޓަގްރާމް ދޫކޮށްލައިފި އެވެ.

އިންސްޓަގްރާމްގެ ދެ މޭސްތިރިން އިސްތިއުފާ ދީފި
އިންސްޓަގްރާމްގެ ދެ މޭސްތިރިން އިސްތިއުފާ ދީފި

އެ ދެ މީހުން އިސްތިއުފާ ދޭކަން ކަށަވަރުކޮށްދީފައި ވަނީ އެ ވާހަކަ ނިއު ޔޯކް ޓައިމްސް އިން ވެސް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.

އިސްތިއުފާ ކަށަވަރުކޮށް ދެމުން ސިސްޓްރޮމް އާންމުކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނީ "އުފެއްދުންތެރިކަން އިތުރަށް ކުރިއަރުވަން ބޭނުންވާތީ" ދެ މީހުން އިންސްޓަގްރާމް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި ފާއިތުވި 8 އަހަރު އިންސްޓްގަރާމާ އެކު ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި އެ ފުރުސަތަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުންޏެވެ.

ދެހާސް ދިހައެއްގައި ވުޖޫދަށް އައި އިންސްޓަގްރާމަކީ މިހާރު މާކް ޒުކަބާގްގެ ފޭސްބުކްގެ ދަށުން ހިންގާ ޕްލެޓްފޯމެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ފޭސްބުކުން އިންސްޓަގްރާމް ގަތީ އެއް ބިލިއަން ޑޮލަރަށެވެ. އިންސްޓަގްރާމަކީ މިހާރު ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ އެޕެކެވެ.

ސިސްޓްރޮމް ބުނި ގޮތުގައި އެ މީހުން އިންސްޓަގްރާމް ދޫކޮށްލާ އިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކި އެންމެ 13 މީހުންނާ އެކު ފެށި މަސައްކަތް ފުޅާވެ، އިންސްޓަގްރާމްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް ދިއުމެވެ.

"ދެން އަހަރެމެން ބޭނުން ވަނީ އަނެއްކާ ވެސް އާ ބާބެއް ހުޅުވަން،" އޭނާ ބުންޏެވެ.

ސިސްޓްރޮމް އާއި މައިކް އިސްތިއުފާއާ އެކު ޒުކަބާގް ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުންނަކީ ކުރިއަށް އޮތް ތަނުގައި ވެސް އިންސްޓަގްރާމްގެ ހިއްސާއަކަށް ވާނެ ކަމަށާއި ދެ މީހުންގެ އާދަޔާހިލާފު ހުނަރުވެރި ހިދުމަތްތައް އަބަދު ވެސް ބަލައި ގަނެ، އެކަމަށް ޝުކުރު އަދާ ކުރާނެ ކަމަށެވެ.

"އަހަރެން އެ މީހުންނަށް އިތުރު ކުރިއެރުމަށް އެދެމް. އަދި މުސްތަގުބަލުގައި އެ މީހުން ދެން އަންނާނީ ކޮން ކަހަލަ އުފެއްދުމަކާ އެކުތޯ ދުށުމުގެ ޝައުގުވެރިކަން ވެސް ބޮޑު،" ޒުކަބާގް ބުންޏެވެ.