އަންހެން ކުޅުންތެރިންނަށް ވެސް ބެލޮންޑިއޯ ދެނީ
އަންހެން ކުޅުންތެރިންނަށް ވެސް ބެލޮންޑިއޯ ދެނީ

ޕެރިސް (ސެޕްޓެމްބަރު 25) – ދުނިޔޭގެ ފުޓްބޯޅައިގައި ދޭ އެންމެ މަޝްހޫރު އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑް، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ވެސް މި އަހަރުން ފެށިގެންދޭ ގޮތަށް ނިންމައިފި އެވެ.

ފްރާންސްގެ "ފްރާންސް ފުޓްބޯލް" މަޖައްލާ އިން 1956 ވަނަ އަހަރު ދޭން ފެށި މި އެވޯޑް މިހާތަނަށް ދެމުން އައީ ހަމައެކަނި މޮޅު ފިރިހެން ކުޅުންތެރިޔާ އަށެވެ.

މި އަހަރުގެ އެވޯޑަށް ވާދަކުރާ އެންމެ މޮޅު 15 އަންހެން ކުޅުންތެރިންގެ ލިސްޓް އަންނަ މަހު އިއުލާންކުރާނެ އެވެ. އެވޯޑް ހަފުލާ އޮންނާނީ ޑިސެމްބަރު 3 ގައި ޕެރިހުގަ އެވެ.

"އަންހެނުންގެ ފުޓްބޯޅަ އަށް ވެސް ފިރިހެނުންގެ ފުޓްބޯޅައަށް ލިބޭ އިހުތިރާމް ހައްގު. އެންމެ ފަހުގެ އަންހެނުންގެ ވޯލްޑް ކަޕަށް 760 މިލިއަން މީހުން ބެލި. އެއީ އޮޅިގެން ވީ ކަމެއް ނޫން،" ފްރާންސް ފުޓްބޯލުން ބުންޏެވެ.

މި އެވޯޑަށް 1956 އިން 1994 ވަނަ އަހަރާ ހަމަޔަށް ވާދަކުރެވުނީ ޔޫރަޕުގައި ކުޅޭ ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު އޭގެ ފަހުން ޔޫރަޕުގައި ކުޅޭ ހުރިހާ ކުޅުންތެރިންނަށް ވެސް ވާދަކުރުމުގެ ފުރުސަތު ދިން އިރު 2007 އިން ފެށިގެން މިއީ މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ އެވޯޑެކެވެ. އަދި 2010 އިން 2015 އަށް ވަނީ ފީފާއާ ގުޅިގެން ފީފާ ބެލޮންޑިއޯ އެވޯޑް ނަމުގައި ދީފަ އެވެ.