25 ސެޕްޓެމްބަރ 2018 - 13:23

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާއިރު ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. ޓީމުގެ ޕްރެކްޓިސްތައް ވެސް ނުފަށާ އޮތްއިރު، މުސާރައިގެ މައްސަަލަތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.

މިދިޔަ ޖުލައި މަހު 18 ވަނަ ދުވަހު ލީގު މެދުކަނޑާލީ ވިކްޓަރީ އަތުން އީގަލްސް މޮޅުވި މެޗަށް ފަހު އެވެ. އޭގެ ފަހުން މިހާތަނަށް ވިކްޓަރީން ޕްރެކްޓިސް ބާއްވާފައިނުވެ އެވެ.
"މިހާރަ"ށް އެނގިފައިވާ ގޮތުގައި މުސާރަ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކުޅުންތެރިން ޕްރެކްޓިސް ކުރަން ބޭނުމެއް ނުވެ އެވެ. އަދި މާދަމާރޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ޖެހޭއިރު، އަދި ޓީމު ތެރޭގައި ގިނަ ކަންތައްތައް ހަމަނުޖެހި ހުރުމުން ކުޅުންތެރިންގެ މެޗުކުޅެން ދިއުމާ މެދު ވެސް ދެ ވަނަ ވިސްނުމަކަށްދާން ޖެހިފައިވާ ކަމަށް "މިހާރަ"ށް ވާހަކަދެއްކި ބައެއް ކުޅުންތެރިން ވަނީ ބުނެފަ އެވެ.
މިކަމާ ބެހޭގޮތުން "މިހާރު"ން ވިކްޓަރީގެ މެނޭޖްމަންޓުގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.
ވިކްޓަރީން މި ސީޒަނަށް ގެނައީ ކުރިން ކްލަބް ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީ އަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު ލާޒްލޯ ކިސް އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މުސާރަ ނުލިބުމާއި ކްލަބްގައި ކުރިއަށްދާން އެކަށީގެންވާ މާހައުލެއް ނެތުމުގެ އިތުރުން ޕްރެކްޓިސްތައް ވެސް ބޭއްވިފައިނުވާތީ ކޯޗު ކިސް ވަނީ ފުރައިފަ އެވެ.
ލީގުގައި މި ވަގުތު ވިކްޓަރީ އޮތީ ހަތަރު މެޗުން ހޯދި ފަސް ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ވިކްޓަރީގައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު މިދިޔަ ޖޫން މަހު ގެނައި ޑެންމާކުގެ ކިމް އެލްގާޑް ވަނީ ކްލަބްގެ ކަންތައްތަކާ މެދު ހިތްހަމަ ނުޖެހިގެން އެނބުރި ގައުމަށް ގޮސްފަ އެވެ. ދެން އެ ޓީމުގައި މި ވަގުތު ތިބި ބިދޭސީ ތިން ކުޅުންތެރިން ވެސް މުސާރަ ނުލިބޭތީ ތިބީ އުނދަގޫ ހާލަތެއްގަ އެވެ.
މިދިޔަ ސީޒަނުގައި ވިކްޓަރީން ގިނަ މައްސަލަތަކެއް ފެނުނެވެ. މެނޭޖްމަންޓާ އެހެން ކަންތައްތައް އޮތީ ބޮއްސުންލައިފަ އެވެ. އޭގެ ނަތީޖާއަކަށްވީ ފަހު ވަގުތު ދިވެހި ޕްރިމިއާ ލީގުގެ ފުރުސަތު އެ ޓީމަށް ގެއްލުމެވެ. އަދި އޭގެ ފަހުން ޓީމުގައި ތިބި ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވެ، އަލުން އޮތީ ޓީމު އެކުލަވާލަން ޖެހިފަ އެވެ. މި ސީޒަނުގައި ވިކްޓަރީން މިހާތަނަށް ކުރި މަސައްކަތަށް ބަލާއިރު މިދިޔަ އަހަރާ އަޅާކިޔާއިރު އެ ޓީމު އަދި އޮތީ ރަނގަޅު ޓްރެކުގަ އެވެ. އެކަމަކު ފަހަކަށް އައިސް އަނެއްކާ ވެސް ގިނަ މައްސަލަތަކެއް ޖެހި ޓީމުގެ ހާލަތު އޮތީ ގޯސްވެފަ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ކާމިޔާބު އެއް ކްލަބް 2012 ގެ ފަހުން އަޑިއަޅާލައި އެކަށީގެންވާ ކާމިޔާބެއް ނުހޯދެ އެވެ. ކްލަބް ހިންގުމުގައި ގިނަ މައްސަަލަތަކެއް ކުރިމަތިވެގެންދިޔައިރު، އެކަމުގެ ސަބަބުން ކްލަބަށް ނޭދެވޭ އަސަރުތަކެއް އަންނަނީ ކުރަމުންނެވެ. އެއް ފަހަރު ރެލިގޭޝަން ކުޅުނުއިރު، ސަލާމަތްވީ ފަހު ވަގުތު އެވެ.
މިދިޔަ މާޗް މަހު ބޭއްވި ވިކްޓަރީގެ އިންތިހާބުގައި ޗެއާމަނަކަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބު ކުރި އެވެ. ކްލަބް ހަމަމަގަށް އެޅުވުމުގެ ވައުދުތަކެއްވީ ނަމަވެސް މިހާތަަނަށް ޓީމު ތެރޭގައި ޖެހިފައިވާ ގިނަ މައްސަލަތަކަށް އޮތީ ހައްލެއް ނުލިބި އެވެ.
ރާއްޖޭގެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ވެސް ފާއިތުވި އަހަރުތަކުގެ ގިނަ މައްސަލަތަކެއްގެ ތެރޭގައި އޮތުމަށް ފަހު އެ އަޑިގަނޑުން އަރައިނުގަނެވިގެން އޮއްވައި މި ސީޒަނުގައި ނަތީޖާތައް ދަށްވެގެން ވަނީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ އެވެ.