ޕޮގްބާ އިނގިރޭސި މީޑިއާ އަށް ފާޑުކިޔައިފި
ޕޮގްބާ އިނގިރޭސި މީޑިއާ އަށް ފާޑުކިޔައިފި

ލަންޑަން (ސެޕްޓެމްބަރު 25) - އޭނާ ދައްކާ ވާހަކަތައް އިނގިރޭސި މީޑިއާ އިން ގެނެސްދެނީ މާނަ އޮޅުވާލައިގެން ކަމަށް ބުނެ އެ މީޑިއާތަކަށް މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ފާޑުކިޔައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ އަލަށް ޕްރޮމޯޓްވި ވުލްވްސްއާ 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އެ ޓީމުގެ ފަރާތުން ފެނުނީ އޭނާ ބޭނުންވާ ކަހަލަ ކުޅުމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ކުޅުންތެރިން ޒިންމާ އަދާނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މެޗަށް ފަހު ޕޮގްބާ ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު ޔުނައިޓެޑުން ބޮޑަށް ކުޅެން ޖެހޭނީ އެޓޭކިން ފުޓްބޯޅައެއް ކަމަށެވެ.

"އަހަރެމެން މި ކުޅެނީ އޯލްޑް ޓްރެފޯޑްގައި. އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި. އަހަރެމެން ކުޅެން ޖެހޭނީ އެޓޭކިން ގޭމެއް. ވުލްވްސް ކަހަަަލަ ޓީމުތަކާ ދެކޮޅަށް އަހަރެމެންނަށް މި އަށް ވުރެން ރަނގަޅަށް ކުޅެވެން ޖެހޭނެ. ޔުނައިޓެޑްގެ އެޓޭކް ފެނިފައި ޓީމުތަކުން ޖެހިލުންވާވަރުގެ ކުޅުމެއް ދައްކަން ޖެހޭނެ. މިދިޔަ ސީޒަނުގައި އާސެނަލާއި ލިވަޕޫލް އަދި ޓޮޓެންހަމް ކޮޅަށް އަހަރެމެން އެ ފަދަ ކުޅުމެއް ދެއްކިން،" ޕޮގްބާ ބުންޏެވެ.

މި ވާހަކަތަކާ ގުޅިގެން އިނގިރޭސި މީޑިއާތަކުން ރިޕޯޓުކުރީ މޮރީނިއޯގެ ޓެކްޓިކްސްތަކާ މެދު ޕޮގްބާ ހިތްހަމަ ނުޖެހިފައި ހުރިކަމަށެވެ. އަދި އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޕޮގްބާ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ވެސް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ޕޮގްބާ އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ބުނާ ކޮންމެ އެއްޗެއްގައި މީޑިއާ އިން މަސައްކަތްކުރަނީ އެހެން ކަމެއް ހާސިލްކުރުމަށް ކަމަށާއި އުފާވެރި ހެނދުނެއް ކަމަށް ބުނެ ޓްވީޓްކުރިކަމުގައިވިޔަސް އެ ވެސް އެންމެ ރަނގަޅަށް ގެނެސްދޭނެ ކަމަށް އުއްމީދުނުކުރާ ކަމަށެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޕޮގްބާ ހޯދުމުގެ މަސައްކަތްތައް ޖެނުއަރީ މަހު ބާސެލޯނާ އިން ވަރުގަދަކުރަން ވަނީ ނިންމައިފަ އެވެ. އަދި ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަންނަނީ ބާސެލޯނާގެ އޮފިޝަލުންނާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންނެވެ.