26 ސެޕްޓެމްބަރ 2018 - 06:35

ތެލެގޫ ފިލްމު "އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިންގައި ޝާހިދު ކަޕޫރާ އެކު ބަތަލާގެ ރޯލް ކުޅޭނީ، ކިއާރާ އަދްވާނީކަން ކަށަވަރުކޮށް ދީފި އެވެ.
މި ފިލްމު ޕްރޮޑިއުސްކުރާ ޓީ ސީރީޒުން ކުރި ޓްވީޓެއްގައި ބުނީ ފިލްމުގައި ޝާހިދާ އެކު ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ ކަމަށެވެ. މި ފިލްމު ވެގެން ދާނީ ދެ ތަރިން އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
"އަރްޖުން ރެޑީ" ގެ ހިންދީ ރިމެކިން އިން ޝާހިދާއި ކިއާރާ ފެނިގެންދާ އިރު، ޓީ ސީރީޒުން ދާދި ފަހުން ވަނީ މި ދެ ތަރިން ހިމަނައިގެން ވީޑިއޯ ލަވައެއް އުފައްދާ ކަމަށް ވެސް ބުނެފަ އެވެ.
ފިލްމު "ފަގްލީ" އިން 2014 ގައި ބޮލީވުޑަށް ތައާރަފުވި ކިއާރާ "އަރްޖުން ރެޑީ" ގެ ބަތަލާއަކަށް ހަމަޖެއްސިކަން ކަށަވަރުކޮށް ދީފައިވާ އިރު، ކުރިން އަޑުތައް އަރާފައިވާ ގޮތުން ފިލްމުގެ ބަތަލާގެ ރޯލް ކުރިން ހުށަހެޅީ އަންނަ އަހަރު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފުވާ ބަތަލާ ތާރާ ސުތާރިއާއަށެވެ.
ނަމަވެސް އެ ފިލްމުގެ ކުރިން އޭނާގެ އެއްވެސް ފިލްމެއް ރިލީޒްވާން "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޓީމުން ބޭނުން ނުވުމުން، ތާރާ "އަރްޖުން ރެޑީ" ދޫކޮށްލީ ކަމަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.
"އަރްޖުން ރެޑީ" އާ ބެހޭ ގޮތުން ކިއާރާ ބުނީ އޭނާ އެންމެ ގަޔާވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއްގެ ރިމެކިންއެއް ކުޅެން ލިބުމަކީ ވަރަށް އުފާވި ކަމެއް ކަމަށެވެ.
"މީގެ ބަތަލާގެ ރޯލަކީ ވެސް ވަރަށް ތަފާތު ކެރެކްޓާއެއް. އެއީ ވަރަށް ގިނަ ޝޭޑްސް ވެސް އެކުލެވޭ ކެރެކްޓާއެއް،" މިދިޔަ އަހަރު ރިލީޒް ކުރި "މެޝިން" ގެ ބަތަލާ ބުންޏެވެ. "ވަރަށް އުފަލުން މި ހުރީ އޭގެ ރިމެކިން ކުޅެން ލިބުނީމަ."
"އަރްޖުން ރެޑީ" ގެ ތެލެގޫ ވާޝަން ވެސް ޑައިރެކްޓް ކުރި ސަންދީޕް ވަންގާ ބުނި ގޮތުގައި ފިލްމުގެ ހިންދީ ރިމެކިން އަށް އޭނާގެ ފުރަތަމަ ހޮވުމަކީ ވެސް ކިއާރާ އެވެ. އަދި މި ފިލްމުން ޝާހިދާއި އަރްޖުންގެ ޖޯޑު މަގުބޫލު ޖޯޑަކަށް ވެގެން ދާނެ ކަމަށް ބުންޏެވެ.
އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީގައި ވެސް މަސައްކަތް ކުރާ ކިއާރާ، 26، ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރް ގެނެސްދޭ "ގުޑް ނިއުސް" އާއި ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާގެ އިތުރުން "ކަލަންކް" ހިމެނެ އެވެ.
އޭނާ އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސް އިން ސްޓްރީމް ކުރި އެންތޮލޮޖީ ފިލްމް "ލަސްޓް ސްޓޯރީޒް" ގައި ހިމެނޭ ކަރަންގެ ސެގްމަންޓުންނެވެ.
ޝާހިދުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.