އިންތިހާބާ ދިމާކޮށް 125 މީހަކު ޖަލުން މިނިވަންކުރި
އިންތިހާބާ ދިމާކޮށް 125 މީހަކު ޖަލުން މިނިވަންކުރި

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް 125 މީހަކު ޖަލުން މިނިވަންކޮށްފައިވާކަން ހާމަވެއްޖެ އެވެ.

"މިހާރު" އަށް ލިބިފައިވާ ޑޮކިއުމެންޓުތަކަކުން އެނގޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިފައިވާ ބާރުގެ ދަށުން މި ސެޕްޓެމްބަރު، 10، ގައި 99 މީހަކު އަދި ސެޕްޓެމްބަރު، 13، ގައި 24 މީހަކު ވަނީ ޖަލުން މިނިވަންކޮށްފަ އެވެ.

"އެ ފަރާތްތަކުގެ މައްޗަށް ކުރައްވާފައިވާ ހުކުމްތަކުގެ މުއްދަތުގެ ތެރެއިން ބާކީ އޮތް މުއްދަތު، މިއަދު، ސެޕްޓެމްބަރު، 10، 2018 ވީ ހޯމަ ދުވަހުން ފެށިގެން ޝަރުތާއެކު އުނިކޮށްފައިވާ ކަމަށް ބެލުމަށް ކަނޑައަޅުއްވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" މިނިސްޓަ ފޯ ލީގަލް އެފެއާޒް އައިޝަތު އާޒިމާ ޝަކޫރު ސޮއިކުރައްވައި ކަމާ ބެހޭ އިދާރާތަކަށް ފޮނުއްވި އެއް ސިޓީގައިވެ އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ދޫކުރު އެމީހުންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުންނެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލާފައިވާ 69 މީހަކު ވަނީ މިނިވަންކޮށްފަ އެވެ.

މަސްތުވާތަކެތީގެ މައްސަލަތުގައި ޖަލަށްލާފައިވާ މީހުންގެ އިތުރުން ދެން އެންމެ ގިނައިން މިނިވަންކޮށްފައި ވަނީ ވައްކަމާއި މަކަރާއި ހީލަތުގެ މައްސަލަތަކުގައި ޖަލަށްލާފައިވާ މީހުންނެވެ. މިފަދަ މައްސަލަތަކުގެ ހުކުމުގައި ތިބި 22 މީހަކު ވަނީ މިނިވަންކޮށްފަ އެވެ.

މި މަހު ޖަލުން ދޫކޮށްލާފައި ވަނީ 40 ރަށެއްގެ މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ އައްޑޫ އަތޮޅަށް ނިސްބަތްވާ މީހުންނެވެ. އައްޑޫ 30 މީހަކު ދޫކޮށްލާފައިވެ އެވެ. ދެން އެންމެ ގިނައިން މިނިވަންކޮށްފައި ވަނީ މާލޭ މީހުންނެވެ. އެއީ 25 މީހެކެވެ. އަދި ފުވައްމުލަކު 12 މީހަކު ވެސް ޖަލުން މިނިވަންކޮށްފައިވެ އެވެ.

ޖަލުން މިނިވަންކުރި ގިނަ މީހުންނަކީ ހުކުމުގައި ބާކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއް ތަންފީޒުކުރަންޖެހޭ މީހުންނެވެ. ނަމަވެސް 20 އަހަރަށް ވުރެ ގިނަ ދުވަސް ހުކުމުގެ ބާކީ އޮތް ހަތަރު މީހަކު ވެސް ޖަލުން މިނިވަން ކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.

މި މަހު ޖަލުން މިނިވަންކުރި 125 މީހުންގެ އަދަބު ލުއިކުރި ނަމަވެސް އެހެން މީހެއްގެ ހައްގަށް އަރައިގަތުމުގެ ސަބަބުން ދައްކަންޖެހިފައިވާ ފައިސާއެއް އޮތް ނަމަ އެކަމަށް ލުއި ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 95،623 ވޯޓެވެ.

ރައީސް ޔާމިނަށް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވީ ހަމައެކަނި މ. އަތޮޅާއި ފ. އަތޮޅުންނެވެ. އަނެއް 18 އަތޮޅުން މެޖޯރިޓީ ހޯއްދެވީ އިދިކޮޅު އިބޫ އެވެ.