އަޖޭ ދޭވްގަންގެ ޝިވާއޭ: ހޮލީވުޑްގެ މަންޒަރުތަކެއް ކޮޕީ ކޮށްފައި؟
އަޖޭ ދޭވްގަންގެ ޝިވާއޭ: ހޮލީވުޑްގެ މަންޒަރުތަކެއް ކޮޕީ ކޮށްފައި؟

އަޖޭ ދޭވްގަން ބުނަނީ އޭނާ އެކްޓްކޮށް ޑައިރެކްޓްކުރާ "ޝިވާއޭ" ގައި ބޮލީވުޑް ފިލްމަކުން މިހާތަނަށް ފެނިފައި ނުވާ ކަހަލަ މޮޅު އެކްޝަންތައް ފެންނާނެ ކަމަށެވެ. އަދި މަންޒަރުތައް ޝޫޓްކޮށްފައި ހުރިލެއް މޮޅުކަމުން ހިންދީ ފިލްމުތައް އެހެން ލެވެލް އަކަށް ގެންދިއުމަށް މި ފިލްމު އެހީތެރިވާނެ ކަމަށް އަޖޭ ޔަގީންކޮށްދެ އެވެ.

އަޖޭގެ މި ވާހަކަތައް ގަބޫލުކުރާ މީހުން ވަރަށް ގިނަ ވާނެ އެވެ. އަޖޭގެ އެކްޓިން ހުނަރާއި މާޒީގައި އޭނާ ކޮށްފައިވާ މަސައްކަތަށް ބަލާފަ އެވެ.

އާދިއްތަ ދުވަހު "ޝިވާއޭ"ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކުރުމާއެކު ވެސް ގިނަ ބަޔަކު އެ ޓްރެއިލާ ބަލައިގަތީ ވަރަށް މޮޅު އެއްޗެއްގެ ގޮތުގަ އެވެ. އެ ޓްރެއިލާގައި އެކްޝަން، ރޮމޭންސް، ކުޑަކުދިން އަދި މުސްކުޅިންގެ އިތުރުން މޮޅު ފިލްމަކަށް ބޭނުންވާނެ ހުރިހާ ކަމެއް ހިމަނާފައިވެ އެވެ.

ނަމަވެސް މިހާތަނަށް ނެރުނު އެންމެ ދިގު ޓްރެއިލާގެ ރެކޯޑް ހޯދި މި ފިލްމުގެ ޓްރެއިލާއިން ގިނަ ބަޔަކަށް ފާހަގަވި އެއްކަމަކީ ހޮލީވުޑްގެ ހަ ފިލްމެއްގެ މަންޒަރުތަކެއް ކޮޕީކޮށް މައްސުނިކޮށްފައިވާ ކަމެވެ.

ހަތަރު މިނިޓް 20 ސިކުންތުގެ މި ޓްރެއިލާގައި "ޖީ އައި ޖޯ: ރިޓާލިއޭޝަން" ގައި ފަރުބަދައެއްގެ މަތީގައި ނަގާފައިވާ އެކްޝަން މަންޒަރުތަކެއް އަޖޭ ވަނީ ކޮޕީކޮށްފަ އެވެ.

އަދި "އެކްސްޓްރީމް ވޭޒް"ގައި ޖޭސަން ބޯންގެ މޮޅު އެކްޝަން މަންޒަރެއް ވެސް ވަނީ ކޮޕީކޮށްފަ އެވެ.

ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު ސްކައި ފޯލްގައި ޑެނިއަލް ކްރެއިގް ދުވާ މަންޒަރު ހަމަ އެގޮތަށް އަޖޭ ކޮޕީކޮށްފައި ވާއިރު އެނޫންވެސް ބައެއް ހޮލީވުޑް ފިލްމުތަކުގެ ބައެއް މަންޒަރުތައް އަޖޭ ކޮޕީކޮށްފައިވާކަން މި ޓްރެއިލާ އިން އެކަނިވެސް ޔަގީންވެ އެވެ.

ހިންދީ ފިލްމުތައް އުފެއްދުން ހޮލީވުޑް ފެންވަރަށް ގެންދަން މަސައްކަތްކުރާ ކަމަށް ބުނެ ހޮލީވުޑް ފިލްމުތަކުގެ މަންޒަރުތައް ކޮޕީ ކޮށްފައިވާތީ ސޯޝަލް މީޑިއާގައި އަޖޭ އަށް ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ފާޑުކިޔައި މަލާމަތް ކުރަމުންނެވެ.