25 ސެޕްޓެމްބަރ 2018 - 09:32

ލަންޑަން (ސެޕްޓެމްބަރު 25) – ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ޑޮމިނޭޓްކުރަމުން އައި ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ރެއާލް މެޑްރިޑުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް މި އަހަރު ކާމިޔާބުކޮށްފި އެވެ.
ކުރިން ދެމުން އައި ފީފާގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް 2008 ވަނަ އަހަރު ރޮނާލްޑޯ ހޯދި ފަހުން، ރެޔާ ހަމަޔަށް އޭނާ ނުވަތަ މެސީ ނޫން ކުޅުންތެރިޔަކަށް އެވޯޑް ނުލިބެ އެވެ. އެ މުއްދަތުގެ ތެރެއިން 2010 އިން 2015 އަށް ފީފާ އިން އެވޯޑް ދިނީ ބެލޮންޑިއޯ އެވޯޑާ ގުޅިގެންނެވެ. އަދި 2016 އިން ފެށިގެން ދެނީ ފީފާ ބެސްޓް އެވޯޑުގެ ގޮތުގަ އެވެ.
ދެ ވަނަ އަށް ދިޔަ ރޮނާލްޑޯ އާއި ތިން ވަނަ މުހައްމަދު ސަލާހާ ވާދަކޮށް މޮޑްރިޗް މި އެވޯޑް ކާމިޔާބުކުރުގެ ފަހަތުގައި އޮތީ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް ހޯދައިދިނުމަށް ވެސް އެހީތެރިވެފަ އެވެ.
މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވެފައިވާ ރޮނާލްޑޯ އަކީ މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އަދި އެ މުބާރާތުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި ސަލާ މޮޅު ކުޅުމެއް ދެއްކި އެވެ. ރޮނާލްޑޯ އަށް އެވޯޑް ނުލިބުމުން އޭނާ އަށް ވަނީ ވާދަވެރި ލިއޮނަލް މެސީ ފަހަތަށް ޖައްސާން ލިބުނު ފުރުސަތު މި އަހަރަށް ގެއްލިފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ މި އެވޯޑް ޖުމްލަ ފަސް ފަހަރު ހޯދައިފަ އެވެ.
މި އަހަރުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ލިބުނީ ފްރާންސަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޑިޑިއާ ޑިޝޯމްޕްސް އަށެވެ. މެޑްރިޑަށް ޗެމްޕިއަންސް ލީގު ހޯދައިދިން ޒައިނުއްދީން ޒިދާން ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ ކްރޮއޭޝިއާގެ ލަޗްކޯ ޑާލިޗެވެ.
އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބްރެޒިލްގެ މަޝްހޫރު ތަރި މާރްތާ އެވެ. ޖަރުމަނުގެ ޒެނިފާ މަރޯސަން ދެ ވަނަ އަށް ދިޔައިރު ތިން ވަނަ އަކީ ނޯވޭގެ އަޑާ ހެގެބާގެވެ. އެއް ވަނަ އަންހެން ކޯޗަކީ ފްރާންސްގެ ރެނާލްޑް ޕެޑްރޮސް އެވެ.
މި އަހަރުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ ޗެލްސީ އަށް މިދިޔަ ސީޒަނުގައި ކުޅުނު ބެލްޖިއަމްގެ ތިބައޫ ކޯޓުއާ އެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާސްގެ ފްރާންސް ގޯލްކީޕަރު ހުގޯ ލޮރިސް އާއި ލެސްޓާ ސިޓީގެ ޑެންމާކް ގޯލްކީޕަރު ކެސްޕާ ޝުމައިކަލްއާ ވާދަކޮށްގެންނެވެ.
އެކަމަކު ފިފްޕްރޯ ފީފާ ޓީމުގައި އެއް ވަނަ ކީޕަރު ކޯޓުއާގެ ބަދަލުގައި ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑުގެ ޑޭވިޑް ޑެހެއާ އެވެ. އަދި އަހަރުގެ ތިން ވަނަ އެންމެ މޮޅު ކުޅުންތެރިޔާ ސަލާ ވެސް އެ ޓީމަށް ޖާގައެއް ނެތެވެ. އެ ޓީމުގައި ހިމެނޭ ޑިފެންޑަރުންނަކީ މެޑްރިޑުގެ މާސެލޯ އާއި ސާޖިއޯ ރާމޯސް އާއި ރަފައެލް ވަރާން އަދި ޕީއެސްޖީގެ ޑެނީ އަލްވެސް އެވެ. މިޑްފީލްޑަރުންނަކީ ޗެލްސީގެ އެންގޯލޯ ކާންޓޭ އާއި މެޑްރިޑުގެ މޮޑްރިޗާއި ޗެލްސީގެ އެޑިން ހަޒާޑެވެ. ފޯވާޑުންގެ ގޮތުގައި ތިބީ ރޮނާލްޑޯ އާއި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަދި މެސީ އެވެ.
އަހަރުގެ އެންމެ މޮޅު ގޯލަށް ދޭ ޕުސްކަސް އެވޯޑް މި ފަހަރު ހާސިލްކުރީ ސަލާ އެވެ. އެއީ ޕްރިމިއާ ލީގުގައި އެވަޓަން ކޮޅަށް ޖެހި ގޯލެކެވެ.