25 ސެޕްޓެމްބަރ 2018 - 09:07

"ރަންގް ދެ ބަސަންތީ" އާއި "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދިން ޑައިރެކްޓަރު އޯމް ޕްރަކާޝް މެހެރޭ އެންމެ ފަހުން ގެނެސް ދިން ފިލްމު "ފެނީ ހާން" އަކީ ބޮޑު ފްލޮޕެކެވެ. އަދި އޭނާ އެންމެ ފަހުން ޑައިރެކްޓް ކުރި "މިރްޒިޔާ" އަކީ ވެސް ބަލާނެ ބަޔަކު ނުވި ފިލްމެކެވެ.
ދެހާސް ސޯޅައިގައި ރިލީޒްކުރި އެ ފިލްމަކީ އަނިލް ކަޕޫރްގެ ފިރިހެން ދަރިފުޅު ހާޝްވަރްދަން ކަޕޫރާއި ސައްޔާމީ ކޭރް ބޮލީވުޑަށް ތައާރަފުކޮށްދިން ފިލްމެވެ. ނަމަވެސް މި ފިލްމުތަކުގެ ނާކާމީބީ މާޒީގެ ތެރެއަށް ދޫކޮށްލުމަށް ފަހު، މެހެރާ މިހާރު އަންނަނީ އަނެއްކާ ވެސް އާ ފިލްމެއް ގެނެސް ދޭން ތައްޔާރުވަމުންނެވެ.
މެހެރާ މި ފަހަރު ބެލުންތެރިންނަށް ކިޔައި ދޭން ނިންމާފައި ވަނީ މަޔަކާއި ފިރިހެން ދަރިއެއްގެ ގުޅުމުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ނަމަކީ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" އެވެ.
އަންޖަލީ ޕަޓިލް މުހިއްމު ރޯލެއް ކުޅޭ މި ފިލްމްގެ އިތުރު ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ. ޝަންކަރް-އިހްސާން-ލޯއިގެ މިއުޒިކް ހިމެނޭ "މޭރޭ ޕިޔާރޭ ޕްރައިމް މިނިސްޓާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 14 ގަ އެވެ. ފިލްމުގެ ޅެންތައް ހަދާފައި ވަނީ މަޝްހޫރު ގުލްޒާރެވެ.
އިންޑިއާގެ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާގެ ޝޫޓިން ފަށައިފި އެވެ. "ސައިނާ" ގެ ނަން ދީފައިވާ ފިލްމުގައި ސައިނާގެ ރޯލް ކުޅެނީ ޝްރަދާ ކަޕޫރެވެ. އޭނާ ވަނީ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ބެޑްމިންޓަން ޓްރޭނިންތަކެއް ވެސް ހަދައިފަ އެވެ.
ފިލްމު ޑައިރެކްޓް ކުރަނީ "ތާރޭ ޒަމީން ޕަރް" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔެ، "ސްޓޭންލީ ކާ ޑައްބާ" ފަދަ ފިލްމުތައް ލޮޔެ، ޑައިރެކްޓް ކުރި އަމޯލް ގުޕްތޭ އެވެ. ޓީ ސީޒީރުން ގެނެސްދޭ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ސައިނާގެ ބައޮޕިކްވެގެން ދާނީ ޝްރަދާ ކުޅޭ ދެވަނަ ބައޮގްރަފިކަލް ޑްރާމާއަށެވެ. މިދިޔަ އަހަރު އޭނާ ވަނީ މުމްބާއީގެ ކުރީގެ މަޝްހޫރު ގޭންގްސްޓާ ދާއޫދު އިބްރާހީމްގެ ދައްތަ ހަސީނާ ޕަރްކާރްގެ ބައޮޕިކްގައި ހަސީނާގެ ރޯލް ވެސް ކުޅެފަ އެވެ.
ސައިނާގެ ފިލްމުގެ މަސައްކަތް ޝްރަދާ ފެށި އިރު، އޭނާގެ ދެ ފިލްމެއް މިހާރު ވެސް ސިނަމާގައި އަންނަނީ ދައްކަމުންނެވެ. އެއީ "ބައްތީ ގުލް މީޓަރު ޗާލޫ" އާއި "ސްޓްރީ" އެވެ. ޝްރަދާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސްއާ އެކު ކުޅޭ "ސާހޯ" ފާހަގަކޮށްލެވެ އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ފްރައިޑޭ" އަށް ފަހު، އަނެއްކާ ވެސް ގޯވިންދާގެ އާ ފިލްމެއްގެ ޕޯސްޓަރެއް ދައްކާލައިފި އެވެ. މި ފިލްމަކީ އޭނާގެ ޑަބަލް ރޯލަކުން ފެނިގެންދާ "ރަންގީލާ ރާޖާ" އެވެ.
މި ފިލްމަކީ ސެންޓްރަލް ބޯޑް އޮފް ފިލްމު ސެޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަންގެ މަގާމުން މިދިޔަ އަހަރު ވަކިކުރި ޕެހެލާޖް ނިހެލާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ގޯވިންދާ 1986 ގައި ބޮލީވުޑަށް ތައާރަފު ކުރި "އިލްޒާމް" އަކީ ވެސް ނިހެލާނީ ޕްރޮޑިއުސް ކުރި ފިލްމެކެވެ. އޭގެ ފަހުން އެ ދެ މީހުން ވަނީ އެކުގައި "ޝޯލާ އޯރް ޝަބްނަމް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ރަންގީލާ ރާޖާ" ގައި ގޯވިންދާ ޑަބަލް ރޯލަކުން ފެނުނަސް، ތަފާތު ހަތަރު ކެރެކްޓާއަކުން އޭނާ ފެނިގެން ދާނެ އެވެ. އެ ހަތަރު ކެރެކްޓާގެ ތެރެއިން އެއް ކެރެކްޓާއަކީ އިންޑިއާގެ ބޭންކްތަކުން ބޮޑެތި ލޯނުތައް ނަގައިގެން މިހާރު ބަނގުރޫޓްވެފައިވާ އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ ވިޖޭ މާލިޔާގެ ކެރެކްޓާ ދައްކުވައިދޭ ރޯލެކެވެ. މާލިޔާއަކީ ކުރީގެ އެއާލައިން ކިންގްފިޝާގެ ވެރިޔާ އެވެ.
މި ފަހުން ގޯވިންދާ ކުޅުނު ހުރިހާ ފިލްމުތަކެއް ފްލޮޮޕްވެފައިވާ އިރު، "ރަންގީލާ ރާޖާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.