25 ސެޕްޓެމްބަރ 2018 - 09:03

އެކްތާ ކަޕޫރް ގެނެސްދިން ސިލްސިލާތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ސިލްސިލާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭ" ގެ ރިބޫޓް ވާޝަން މުޅިން ތަފާތު ކާސްޓަކާ އެކު މިރޭ ސްޓާ ޕްލަސް އިން ދައްކަން ފަށާނެ އެވެ.
"ކަސޯޓީ 2" ގެ ދެ ޕްރޮމޯއެއް ޕްރޭނާ އާއި އަނޫރާގްގެ ކެރެކްޓާ ކުޅޭ ތަރިންނާ އެކު، ދައްކައިލުމަށް ފަހު "ކަސޯޓީ" ގެ އާ ޕްރޮމޯއެއް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. މި ފަހަރުގެ އުސްއައްޔަކީ ކޮމަލިކާ ވެސް "ތަންކޮޅެއް ނޫން ގޮތަކަށް" ދައްކައިލުމެވެ.
"ކަސޯޓީ" ގައި މި ފަހަރު ކޮމަލިކާގެ ރޯލް ކުޅޭ ބަތަލާއަކީ ކާކުކަން އެކްތާގެ ޓީމުން އަދިވެސް ކަށަވަރުކޮށް ނުދިން ނަމަވެސް، އެއީ ހީނާ ހާންކަމާ ދޭތެރޭ މިހާރު އެއްވެސް ބަޔަކު ޝައްކެއް ނުކުރެ އެވެ. ހީނާއަކީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ޒަމާންވީ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލް ކުޅުނު ބަތަލާ އެވެ.
އެ ސިލްސިލާގައި އޭނާ ވަރަށް ގެވެހި، ލޯބި އަންބެއްގެ ރޯލް ކުޅުނު ނަމަވެސް ކަލާޒް ޗެނެލުން މިދިޔަ އަހަރު ގެނެސް ދިން ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 11 ވަނަ ސީޒަނުގައި ވާދަކޮށްގެން ހީނާ ވަނީ އާންމުންގެ މެދުގައި ކުރިން އޮތް އޭނާގެ މައުސޫމު އިމޭޖް ވެސް ބަދަލުކޮށްލައިފަ އެވެ. ކޮމަލިކާ ފަދަ ވަރުގަދަ ނެގަޓިވް ރޯލެއް އޭނާ އަށް ކުޅެން ލިބުނީ "ބިގް ބޮސް" ދެއްކި ރުޅި ގަދަ އަދި ބޮޑާ މިޒާޖުގެ ސަބަބުންނެވެ.
ބެލުންތެރިން ޔަގީނުން ވެސް ކޮމަލިކާގެ ކެރެކްޓާ އިން ހީނާ ފެނިގެންދާ ގޮތާއި އޭނާ އެ ރޯލަށް ކިހާ ފިޓްވާކަން ބަލައިލަން މިހާރު ތިބޭނީ ކެތްތެރިކަން ކުޑަވެފަ އެވެ.
އިންތިޒާރަށް މިރޭ އުފާވެރި ނިމުމެއް އަންނަ އިރު، "ކަސޯޓީ" ނެރޭޓްކޮށް ދޭނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާނެވެ. ދެ ޕްރޮމޯއެއްގައި ވެސް އޭނާ ވަނީ ހިމަނައިފަ އެވެ.
"ކަސޯޓީ" ގައި މި ފަހަރު ޕްރޭނާގެ ރޯލް ކުޅެނީ އެރިކާ ފެނަންޑޭޒެވެ. އަނޫރާގް ބާސޫގެ ރޯލް ކުޅެނީ ޕާތު ސަމްތާން އެވެ.
މި ފަހަރުގެ ސިލްސިލާގެ މައިގަނޑު ވާހަކައަކީ ވެސް މުއްސަނދި ޒުވާން ފިރިހެނަކަށް، އޭނާއާ އެކަށީގެންވާ ވަރުގެ އަންބަކު ހޯދަން އާއިލާ އިން ކުރާ މަސައްކަތާއި އެ މީހުންގެ ހަޔާތުގެ ވާހަކަ އެވެ. "ކަސޯޓީ" މިރޭ ދައްކަން ފެށުމަށް ފަހު، ކުރިއަށް އޮތް ހަފުތާ އިން ފެށިގެން ކޮންމެ ހޯމަ ރެއަކުން ހުކުރު ދުވަހުގެ ރެއާ ހަމައަށް އެޕިސޯޑްތަކެއް ގެނެސް ދޭނެ އެވެ.
އެކަމަކު މި ފަހަރު ވެސް ސިލްސިލާ ކިހާ ދުވަހަކަށް ދެމިގެން ދާނެ ކަމެއް އަދި ނޭނގެ އެވެ.
ޕްރޭނާގެ ރޯލް ޝްވޭތާ ތިވާރީ، އަނޫރާގްގެ ރޯލް ސިޒާން ހާން އަދި މިސްޓަ ބަޖާޖްގެ ރޯލް ރޯނި ރޯއީ ކުޅުނު ކުރީގެ "ކަސޯޓީ" އަކީ ބެލުންތެރިންނަށް ޖުމްލަ 1،423 އެޕިސޯޑް ގެނެސް ދިން ސިލްސިލާއެކެވެ. އެއީ 2001-2008 އަށެވެ.