25 ސެޕްޓެމްބަރ 2018 - 08:17

ކާމިޔާބީގެ އުފަލެވެ. މިނިވަންކަމުގެ އިހުސާސެވެ. އުއްމީދުން ފުރި ބަންޑުންވަމުންދާ ހިތްތަކެވެ.
އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)، ރައީސް އަބްދުﷲ ޔާމީން ބަލިކުރެއްވުމަކީ އެތަކެއް ހާސް ދިވެހިން ފެންބޮވައިގެންފައި ތިބި ބަދަލެވެ. ކެމްޕެއިން ބިނާކުރެއްވި ގަބޫލުކުރުންތަކާއި ވެވަޑައިގެންނެވި ވައުދުތަކަށްޓަކައި އިބޫ އަށް ތާއީދުކޮށް އިތުބާރުކުރި މީހުންނާއި އިދިކޮޅު ކޯލިޝަން ބަލައިގަންނަން ހިތް ނޭދުނަސް ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ބޭނުންވި މީހުން ހިމެނޭ ގޮތަށެވެ.
ބޮޑު ތަފާތަކުން ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވުމުގެ އުފާ މުޅި ރާއްޖޭގައި ފާޅުކުރަމުންދާ ސަބަބަކީ އެއީ އެވެ. އާ ފެށުމެއް ލިބުމެވެ. ހަގީގަތަކަށް ވެދާނެކަން ގަބޫލުކުރަން ދަތިވި ދުވަހެއް އައުމެވެ.
އެކަމަކު އެ އުފާވެރިކަމާ ގުޅިލާމެހިފައިވާ މާސިންގާ އުއްމީދުތައް، ހިނދުކޮޅުގެ ޖަޒުބާތުތަކުގެ ތެރެއަށް ގެނބިގެނެއް ނުދެ އެވެ. އިބޫ އިންތިޚާބު ކާމިޔާކުރެއްވުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޅުކުރަމުންދާ ޝުއޫރުތަކަކީ އެއީ އެވެ؛ އިބޫ އެވެ! ވިދާޅުވި ބަސްފުޅުތަކުގައި ހިފަހައްޓަވާށެވެ! ރައްޔިތުންނަށް ޚިދުމަތްކުރައްވާ ހެޔޮލަފާ ވެރިއަކަށް ވެވަޑައިގަންނަވާށެވެ! ވައުދުތައް ފުއްދަވާށެވެ!
އިބޫ އަށް ރައްދުވަމުންދާ "އިރުޝާދުތަކާއި ހަނދާންކޮށްދިނުމާއި އިންޒާރުތައް" ދޭހަކޮށްދެނީ އާ ރައީސްގެ ގޮތުގައި އެ މަނިކުފާނު އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ޒިންމާ ބޮޑުކަމެވެ. ޓްވިޓާގައި މީހަކު ކުރިއަށް އޮތް ރިޔާސީ ދައުރު ސިފަކުރީ "ބޮލުގެ ރިހުމަކަށް ވާނެ ދިގު ފަސް އަހަރު"ގެ ގޮތުގަ އެވެ.
ތެދެކެވެ؛ ދިވެހިންގެ އިންތިޒާރަކީ އެންމެންނަށް ހަމަހަމަ، އިންސާފުވެރި، ހިތްފަސޭހަ، އަމާން އަދި ފާގަތި ދިވެހިރާއްޖެއެއް އިބޫ ހޯދައިދެއްވުމެވެ. އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށެވެ. ކުރަހައިދެއްވި އުއްމީދީ މަންޒަރު ހަގީގަތަކަށް ހައްދަވަން ޖެހިވަޑައިގަންނަވާނެކަން އިބޫ އަށް ހަނދާންކޮށްދިނުމުގައި އާއްމުން އެންމެ ހިނދުކޮޅެއް ވެސް ލަހެއް ނުކުރެ އެވެ.
އިބޫ ފުރިހަމަކޮށްދެއްވަން ބައެއް މީހުންނަށް އެންމެ މުހިއްމު ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ކޯޓުތަކާއި މިނިވަން މުއައްސަސާތައް ނުފޫޒުން އެއްކިބާކުރުމާއި އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި މަސައްކަތްތެރިން ބާރުވެރިކުރުވުމާއި ތިމާވެށި ހިމާޔަތްކުރާ ސިޔާސަތުތަކެކެވެ.
"ކެމްޕެއިން ވައުދުތަކަކީ ޖޯޝާއި ފޯރީގައި ދައްކާ ހުސް ވާހަތަކަކަށް ނުވަތަ ހަމައެކަނި ނަމެއްގައި ޗާޕްކޮށްފައި ހުންނަ ލަފްޒުތަކަކަށް ވެގެން ނުވާނެ،" މުއައްލިމް އިބްރާހީމް ޓްވީޓްކުރި އެވެ.
ޓްވިޓާގައި މީހަކު އިބޫ އަށް ގޮވާލި އެވެ؛ ޑީލް ނަހައްދަވާށެވެ! ނަމޫނާ ވެރިއަކަށް ވެވަޑައިގަންނަވާށެވެ!
"ޒުވާނުން ދެކެން ބޭނުންވަނީ ދީލަތި، އޯގާތެރި ސަރުކާރެއް. ހިތްތިރި، ހެޔޮ ވެރިއެއް. އަދި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް، ހުރިހާ ރައްޔިތުންނާ މެދު ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ކަން ކުރުން،" ބަނޑޭގެ ނަމުގައި ޓްވިޓާ ބޭނުންކުރާ މީހަކު ލިޔުނެވެ.
އިންތިޚާބުގެ ނަތީޖާ އައިޝާ ހުސެން ރަޝީދަށް ސިފަވަނީ ޚުދުމުޚުތާރުކަމުގެ ތެރެއަށް ވެއްޓެމުން ދަނިކޮށް ޒުވާނުން އަނެއްކާވެސް ނުކުމެ ގައުމު ސަލާމަތްކޮށްދިން ކާމިޔާބީއެއްގެ ގޮތުގަ އެވެ. އޭނާ ބުނަނީ ދެން އޮތީ ސިޔާސީ މީހުން އަދާކުރަން ޖެހޭ ޒިންމާ ކަމަށެވެ. އަދި އެ ކަމުގައި އެ މީހުން ހަރާންކޯރުވެގެން ނުވާނެ ކަމަށެވެ.
"އަހަރެމެން މި ތިބީ ސިޔާސީ މީހުން ހަދާ އެއްޗެއް ބަލަން!" އައިޝާ ޓްވީޓްކުރި އެވެ.
އައިޝާ ދެކޭގޮތުގައި ރައީސް ޔާމީންގެ މައްޗަށް އިބޫ ކުރި ހޯއްދެވުމަކީ ފެށުމެކެވެ. "ހަގީގީ މަސައްކަތް" ކުރިއަށް އޮތީ އެވެ؛ ގައުމު ބިނާކުރުމެވެ.
"ކުރީ ފަހަރުން އެއްވެސް ފިލާވަޅެއް ލިބުނު ނަމަ، ހަނދާނުގައި ބަހައްޓަންވީ ހަގީގީ މަސައްކަތް އަދި ކިރިޔާ ފެށުނީކަން. އެންމެންނޭ، އަތުކުރި އޮޅާލާ. މިއީ ގައުމު ބިނާކުރުމުގެ ވަގުތު،" އޭނާގެ ޓްވީޓެއްގައި ލިޔެފައިވެ އެވެ.
ގިނަ ބަޔަކަށް، އިބޫގެ ކާމިޔާބީން މުހިއްމު ވަނީ އިބޫއެއް ނޫނެވެ. އިބޫ ތަމްސީލްކުރެއްވި އިދިކޮޅު ކޯލިޝަނާއި އޭގައި ބައިވެރިވާ ޕާޓީތަކާއި ލީޑަރުންނެއް ވެސް ނޫނެވެ. އެ ކާމިޔާބީން ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރެވޭ ދޮރެވެ. ރައީސް ޔާމީން ހަނިކުރެއްވި އަސާސީ ހައްގުތައް އަނބުރާ ލިބި ޑިމޮކްރެޓިކް ޖާގަ އަނެއްކާވެސް ތަނަވަސްވެގެންދިޔުމުގެ އިންތިޒާރެވެ. އެ ފުރުސަތު ލިބޭ ހިސާބުން އޭގެ ބޭނުން ހިފަންވީ އެންމެ އާދައިގެ ރައްޔިތުންގެ މަސްލަހަތު ދިފާއުކުރަންކަން އެއީ މި ދަނޑިވަޅުގެ އެންމެ މުހިއްމު އެއް ގޮވާލުމެވެ.
"މިހާރު މި އޮތީ ޖާގަ ލިބިފައި. އިބޫއަކީ ދެފުށްކެހެރިއަކަށް ނުވަންޏާ މި ޖާގަ އޮންނަން ޖެހޭނީ ލިބިފައި. އެހެންވީމާ ސެންޓަ-ރައިޓް [ފިކުރުން] ބޭނުންވާ ވަރަށް ވުރެ ދުރަށް ޑިމޮކްރެސީ ގެންދަން ދެން ނަގަން ޖެހޭ ފިޔަވަޅު އެޅުމަކީ އަހަރެމެންގެ ޒިންމާއެއް. ރައްޔިތުންގެ ބާރަކީ ކޮންމެ އަހަރަކު ވެސް މުޅި އަހަރަށް ދެމިގެންދާ އެއްޗަކަށް ހަދަންވީ،" މުހައްމަދު އަލްސަން ފޭސްބުކްގައި ލިޔުނެވެ.
"އެންމެން އެއްބައިވެގެން، މި ގައުމުގެ މަސައްކަތު ފަންތީގެ ހައްގުގައި، 99 ޕަސެންޓުގެ ހައްގުގައި އިތުރު ބާރެއް ލާންވީ. މަދު ބަޔަކަށް ނޫން، އެންމެނަށް."
އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމުގެ ފޯރިހިއްޕާލާފައި އޮތް މި ދަނޑިވަޅުގައި ވެސް، މުހިއްމު ވަނީ ކޮން ކަންތައްތަކެއްކަން ދިވެހިން ހަނދާން ހުރިކަން ސޯޝަލް މީޑިއާގެ ޝުއޫރުތަކުން އެނގެ އެވެ. ރައީސް ޔާމީންގެ ވެރިކަން ބޭނުން ނުވި އެތައް ބަޔަކު ވެސް އަވަސްވެގަތީ އިބޫ ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކާއި ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒުތަކާ ބެހޭ ގޮތުން ވާހަކަދައްކާށެވެ.
އިންތިޚާބުގެ ނަތީޖާ އިން އުއްމީދުތައް ވަރަށް އުހަށް އަރައިފި އެވެ. ދެން އޮތީ އާ ރައީސް އެ އުއްމީދުތައް ހާސިލްކޮށްދެއްވާތޯ ބެލުމެވެ.