25 ސެޕްޓެމްބަރ 2018 - 11:29

ސިޑްނީ (ސެޕްޓެމްބަރު 25) - އިންޑިއާ ކަނޑުގެ މެދުގައި ޔޮޓެއްގައި ހާލުގައި ޖެހުނު އިންޑިއާ މިހާ ސަލާމަތް ކޮށްފި އެވެ.

ދުނިޔޭ ވަށާ ބުރު ޖެހުމުގެ ރޭހަކަށް ނުކުތް އިންޑިއާގެ ދަތުރުވެރިޔާ އަބިލާޝް ޓޮމީ ހާލުގައި ޖެހުނީ ޔޮޓުގެ ކުނބު ބިނދި އަނިޔާވުމުންނެވެ. ޔޮޓްގައި އެކަނި ހުރި އަބިލޭޝް ޓޮމީ ހާލުގައި ޖެހިފައި ވަނީ ވެސްޓަން އޮސްޓްރޭލިއާގެ 3،200 ކިލޯ މީޓަރު (2،000 މޭލު) ބޭރުންނެވެ. އޭނާގެ ޔޮޓް ތުރިޔާގެ ކުނބު ހުކުރު ދުވަހު ބިންދައިގެން ދިޔައީ އިންޑިއާ ކަނޑުގައި ވަރުގަދަ ތޫފާނެއްގައި ޖެހިގެންނެވެ. ވަރަށް ހާލުން އޭނާ ވަނީ މެސެޖެއް ކޮށްފަ އެވެ.

ޓޮމީ ބުނެފައި ވަނީ އޭނާގެ އުނަގަނޑަށް ތަދުވާވަރުން ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނުކުވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ގާތްގަނޑަކަށް 70 މޭލުގައި ވައި ޖެހެމުން ދިޔަ ތޫފާނުގައި 45 ފޫޓުގެ ބިޔަ ރާޅު ނެގި އެވެ. ގޯލްޑަން ގްލޯބް ޔޮޓް ރޭހަށް ނުކުތް ގިނަ ބައިވެރިން އަދިވެސް ރޭހުގައި ދަތުރު ކުރެ އެވެ. ޖުލައި 1 ގައި ފެށި ރޭހުން ހަތް ޔޮޓެއް މިހާރު ވަނީ ވަކިވެފަ އެވެ.

"ޓޮމީ ވަނީ ސްޓްރެޗަރުގައި ޔޮޓުން ނަގާފައި،" އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން ކެޕްޓަން ޑީކޭ ޝަރްމާ ވިދާޅުވި އެވެ.
ޓޮމީ ހާލުގައި ޖެހުނުކަން އެނގުމާ އެކު އޭނާ އަށް ސަލާމަތް ކުރެވޭތޯ ވަރަށް ގިނަ ގައުމުތަކުން މަސައްކަތް ފެށި އެވެ. އޭނާއާ ހަމައަށް ފުރަތަމަ ތިޔައީ ފްރާންސްގެ ފިޝަރީޒް ޕެޓްރޯލް އުޅަނދެކެވެ. ޑޮކްޓަރަކާއި ސްޓްރެޗަރެއް އެ ބޯޓުން ގެންދިޔަ އެވެ.
ޝަރްމާ ވިދާޅުވީ ފުރަތަމަ ބެލީ އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ޓޮމީ ނަގަން ކަމަށެވެ.
އުމުރުން 39 އަހަރުގެ އިންޑިއާ ނޭވީގެ ކުރީގެ ކޮމާންޑަރު ކޮމިއުނިކޭޓް ކުރަމުން ދަނީ ޓެކްސް ޔުނިޓެއް މެދުވެރިކޮށެވެ. އޭނާގެ ސެޓެލައިޓް ފޯނު ވެސް ވަނީ ހަލާކުވެފަ އެވެ.
ޓޮމީގެ އިމަޖެންސީ ދަބަހުގައި އިތުރު ސެޓެލައިޓް ފޯނެއް އޮވެ އެވެ. އެކަމަކު އެ ދަބަހާ ހަމައަށް އޭނާ އަށް ދެވޭ ވަރެއް ނުވެ އެވެ.
ޓޮމީ ވަނީ 2013 ވަނަ އަހަރު ދުނިޔެ ވަށާ ބުރު ޖަހައިފަ އެވެ. އޭނާ އަކީ ދުނިޔެ ވަށައި ބުރު ޖެހި އިންޑިއާގެ ފުރަތަމަ މީހާ ވެސް މެ އެވެ