މަޓީ އިން އިބޫއަށް މަރުހަބާ ކިޔައިފި
މަޓީ އިން އިބޫއަށް މަރުހަބާ ކިޔައިފި

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް މަރުހަބާ ކިޔައިފި އެވެ.

އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމުން މަޓީން ނެރުނު ބަޔާނެއްގައި ބުނީ އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި އިބޫގެ ސަރުކާރާ އެކު މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަޓީއަކީ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ އިސް ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ޖަމްއިއްޔާ އެވެ.

އިބޫ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކި ގައުމުތަކާއި ޖަމާއަތްތަކުން ގެންދަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އިންތިޚާބުގެ ނަތީޖާ ރައީސް ޔާމީން ވެސް ވަނީ ގަބޫލުފުޅު ކުރައްވައި، ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރައްވާ ކަން އިއުލާން ކުރައްވައިފަ އެވެ.

ބޮޑު ކޯލިޝަނާ އެކު އިންތިޚާބަށް ނިކުމެވަޑައިގެން އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ 134،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،000 ވޯޓެވެ.