25 ސެޕްޓެމްބަރ 2018 - 08:15

ވަންޕްލަސް ފޯނުތަކުގެ ބެޓެރީ އަވަހަށް ޗާޖްކުރަން ބޭނުންކުރާ ޓެކްނޮލޮޖީ އަށް އެ ކުންފުނިން ދީފައިވާ ނަމަކީ "ޑޭޝް ޗާޖް" އެވެ. އެކަމަކު މިއީ އެ ކުންފުންޏަށް ބޭނުންކުރުމުގެ ހުއްދަ އޮންނަ "ޓްރޭޑް މާކް" އެއް ނޫނެވެ.
ޔޫރަޕްގައި މި ނަން ރެޖިސްޓްރީކުރުމަށް އެދުމުން ވަނީ ހުއްދަ ނުދީފަ އެވެ. ސަބަބަކީ "ޑޭޝް" އަކީ އެހެން ދެ ކުންފުންޏަކުން ބޭނުންކުރުމަށް ހުއްދަ ދީފައިވާ ބްރޭންޑް ނަމަކަށްވުމެވެ.
ޔޫރަޕްގެ އޯޑިއޯ ކުންފުންޏެއް ކަމަށް ވާ "ބްރޭގީ" އިން "ޑޭޝް" މަރުކާގެ އާލާތައް ވިއްކަ އެވެ. އަދި ޑޭޝް އަކީ އެމެޒޯން އިން ފޯރުކޮށްދޭ ޚިދުމަތަކަށް ކިޔާ ނަމެކެވެ.
"ޑޭޝް"ގެ ފަހަތަށް އެހެން ނަމެއް ލައިގެން ވެސް ވަންޕްލަސް އަށް ވަނީ ބޭނުންކުރެވޭ ގޮތް ނުވެފަ އެވެ. މިކަން މިހެން އޮއްވައި، ބްރޭގީން ވަނީ ވަންޕްލަސް ގޮވައިގެން ކޯޓަށް ދާން ނިންމާފަ އެވެ. އެއީ ވީހައި އަވަހަކަށް "ޑޭޝް" މަރުކާ ބޭނުންކުރުން ހުއްޓުވުމަށެވެ.
ވިޔަފާރި ކުންފުނިތަކުގެ މެދުގައި ވާދަވެރިކަމާއި ހަސަދަވެރިކަން އޮންނަ ވަރަކީ މި އެވެ. ޔޫރަޕްގައި ޑޭޝް މަރުކާ ބޭނުންނުކުރުމަށް ނިންމައި، "ޑޭޝް ޗާޖް" ގެ ނަން އެހެން ނަމަކަށް ބަދަލުކުރަން ވަންޕްލަސް ނިންމާފަައި ވަނިކޮށް އަދި ޑޭޝް މަރުކާގައި ކުރިން އުފައްދާފައި ހުރި ޗާޖަރުތައް ހުސްކުރަން ހިފާފައި ވަނިކޮށް، ބްރޭގީން އެ ވަނީ ކޯޓަށް ގޮސްފަ އެވެ.
މަސްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ބްރޭގީން ކޯޓަށް ދިޔަ ނަމަވެސް، ވަންޕްލަސް އަށް އެއްވެސް ކަމެއް ނުވާނެ އެވެ. އެއީ ޔޫރަޕުން ކަނޑައަޅާފައިވާ ގަވައިދުތަކަށް ވަންޕްލަސްއިން ތަބާވެ އަމަލުކުރަން ފަށާފައި ވާތީ އެވެ.