24 ސެޕްޓެމްބަރ 2018 - 14:29

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ކަންކަން ދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ފުރިހަމައަށް ލިބޭތޯ ކަށަވަރުކުރަން ރާއްޖޭގެ 15 ސަރަހައްދެއްގައި އެޗްއާރުސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރިވި ކަމަށެވެ. އަދި އެ އޮބްޒާވްކުރުމުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް ބުރޫއަރައި ނަތީޖާ އަށް އަސަރުކުރާނެ ފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ބުންޏެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެފައިވާކަން ވެސް އެޗްއާރުސީއެމުން ފާހަގަކުރި އެވެ. ނަމަވެސް ވޯޓުލުމުގެ ކަންކަން ދިޔަގޮތް ލަސްވުމުގެ ސަބަބުން ގިނަ ވަގުތު ކިއުގައި މަޑުކުރަން ޖެހުނުކަމާއި އިންތިޚާބުގެ އިދާރީ އިންތިޒާމްތައް ހަރުދަނާކުރަން ޖެހޭކަން އެ ކޮމިޝަނުން ބުންޏެވެ.
އިންތިޚާބުގައި ފެނިގެންދިޔައީ ގައުމީ ރޫހެއްގައި ސުލްހަ މަސަލަސްކަން އިސްކޮށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރި ތަން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"މިކަންކަމަށް ރިއާޔަތްކުރާއިރު ފާހަގަކުރެވުނީ މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.
އެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް 134،616 ވޯޓު ލިބިފައިވާއިރު ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،132 ވޯޓެވެ.
ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބިފައިވާއިރު މިއަހަރުގެ އިންތިޚާބުގައި ވޯޓުުލާފައިވަނީ 233،877 މީހުންނެވެ.