24 ސެޕްޓެމްބަރ 2018 - 14:04
ލާހޯރް (ސެޕްޓެމްބަރު 24) - ކޮރަޕްޝަނުގެ ކުށުގައި އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް، މިނިވަންކޮށްފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ލާހޯރުގެ ހައި ކޯޓަށް ހާޒިރުވާން އަމުރު ނެރެފި އެވެ.
ލާހޯރު ހައި ކޯޓަށް އަންނަ މަހު 8 ވަނަ ދުވަހު ނަވާޒް ޝަރީފް ހޮވަން ޗިޓް ފޮނުވާފައި ވަނީ ގައުމަށް ޣައްދާރުވުމުގެ މައްސަލައެއްގަ އެވެ. ނަވާޒް ޝަރީފުގެ އިތުރުން ކުރީގެ ބޮޑު ވަޒީރު ޝާހިދު ޚައްގާން އައްބާސީއާ ދެކޮޅަށް ވެސް ހައި ކޯޓަށް ވަނީ ޕެޓިޝަން ހުށަހަޅައިފަ އެވެ. އައްބާސީ ވަނީ ކޯޓަށް ހާޒިރުވެފަ އެވެ. ނަމަވެސް ނަވާޒް ޝަރީފުގެ ވަކީލް ވިދާޅުވީ އަނބިކަނބަލުން އަވަހަރާވުމާ ގުޅިގެން ގިނަ ބަޔަކު ތައުޒިޔާ ކިޔުމަށް އަންނަމުންދާތީ ކޯޓަށް ހާޒިރުވެވެން ނެތް ކަމަށެވެ. އެހެންވެ އެހެން ތާރީޚެއް ހަމަޖައްސައިދިނުމަށް ވަކީލް އެދިފައިވެ އެވެ.
ހައި ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ކުރީގެ ބޮޑު ވަޒީރު އައްބާސީ ވަނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާ ނަވާޒް ޝަރީފަށް ކިޔައިދީފައި ކަމަށެވެ. ގައުމީ ސަލާމަތާ ބެހޭ ސިއްރުތައް ހާމަކުރުމަކީ ގައުމަށް ޣައްދާރުވުން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ގައުމުގެ އަގު ބޭރު ދުނިޔޭގައި ވެއްޓޭ ގޮތަށް ނަވާޒް ޝަރީފް އިންޓަވިއުއެއް ދީފައިވާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެ އެވެ.