24 ސެޕްޓެމްބަރ 2018 - 11:09

އިބޫ: ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ގުޅައި، އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ކަމަށް އަންނަނީ ބުނަމުން. އެގޮތުން އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާގެ ބޮޑުވަޒީރާއި ރައީސާއި ސައޫދީ އަރަބިއްޔާގެ މަންދޫބު ވަނީ އަޅުގަނޑުމެންނަށް ގުޅުއްވައި އެހީތެރިވާނެ ކަމަށް ވިދާޅުވެފައި. ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެއް.

އިބޫ: މި ޓްރާންސިޝަން ތެރޭގައި ވެސް އެންމެން އެކުގައި ތިބުމަށް އެދެން. މި ކޯލިޝަން ދެމެހެއްޓުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދައުރު ވަރަށް މުހިންމު ވާނެ. ސަރުކާރު އެކުލަވާލުމަށް ފަހު ވެސް ތިޔަ ބޭފުޅުންގެ އެއްބާރުލުން ބޭނުންވާނެ. ކޮމެޓީތަކެއް އެކުލަވާލައި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކާ އެކު ކުރަންޖެހޭ މުއާމަލާތްތައް ކޮށް، އެކުވެރިކަމާ އެކު ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން. އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރަން.

އިބޫ: އެންމެން އެކީގައި ތިބެ ކަންކަން ހުރަސްކޮށް، މިތިބީ ރައްޔިތުން ހަވާލުކުރާ މަސައްކަތް އަމާނާތްތެރިކަމާ އެކު ކުރުމަށް އެކުވެރިކަމާ އެކުގައި. ގުޅިފައިވާ ކޯލިޝަންގެ ބޭފުޅުން މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދީފައި. ފެނިގެން ދިޔަ އެއް ކަމަކީ މުޅި ގައުމުން އިންސާފު ގެއްލިފައިވާ ކަން. އެންމެން ވެސް ފުރަތަމަ ބުނާ ވާހަ އަކީ އިންސާފުގެ ވާހަކަ. ރައްޔިތުން އެދޭ ބަދަލު ގެނައުމަށް އަޅުގަނޑުމެން އެކުގައި ތިބޭނެ ވާހަކަ ދަންނަވަން.

މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ގެންދަވަނީ ވާހަކަ ދައްކަވަމުން.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ފަށައިފި.

މަހްލޫފް، އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި. މިގޮތަށް އަމުރުކުރީ، ޓެރަރިޒަމް އަމަލެއް ހިންގުމުގެ މައްސަލައިގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި ޝަރީއަތުގައި، މަހްލޫފްގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް އޭނާގެ ވަކީލުން އިއްޔެ ހުށަހަޅާފައިވާތީ. މިއަދުގެ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، މަހްލޫފް މިހާތަނަށް ބަންދުގައި ބެހެއްޓީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށާއި އެކަމަކު އެ މުއްދަތުގައި އެފަދަ އޭނާ ނުކުރައްވާ ކަމަށް. މަހްލޫފަށް ކުރާ ޓެރަރިޒަމްގެ މައްސަލައިގެ ދައުވާއާ މެދު ގޮތެއް ނިންމަން ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ އަންނަ ބުރާސްފަތި ދުވަހު.

އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާ ބައްދަލު ކުރައްވައިފި. އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ވާހަކަ ދައްކަވައި ދެންމެ ވިދާޅުވީ އެއީ އާންމު އުސޫލުން ކުރެއްވި ބައްދަލުވުމެއް ކަމަށް.

ހައްޔަރުކޮށް ދައުވާކުރުމަށް ފަހު ގޭ ބަންދުގައި ބަހައްޓާފައި ހުރި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފު 1:00 ގައި ކޯޓަށް ހާޒިރުކުރާނެ. ކޯޓަށް ހާޒިރުކުރަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަކަށް. ނަމަވެސް ބެލެވޭ ގޮތުގައި މި އަޑުއެހުމުގައި މަހްލޫފުގެ ބަންދާ މެދު ގޮތެއް ނިންމާނެ.

މުލީއާގެއިން ނެރެގެން ދެ ޕިކަޕުގައި މުލީއާގޭގެ ގަރާޖަށް މިރޭ ވެއްދި ސާމާނު އެތަނުން ނެރެގެން އެ ދެ ޕިކަޕުގައި މިހާރު ވަނީ އެހެން ތަނަކަށް ގެންގޮސްފައި. ނޫސްވެރިންގެ ކުރިމަތިން، އެ ސާމާނު މުލީއާގޭގެ ވެހިކަލް ގަރާޖުން ނެރެގެން ގެންދިޔައިރު، އޭގެ ތެރޭގައި ހުރީ ދޮންނަ މެޝިންގެ އިތުރުން ބަދިގެއަށް ބޭނުންވާ ބައެއް ސާމާނުކަން ފާހަގަކުރެވޭ. ދެ ޕިކަޕުގައި ސަތަރި އަޅައިގެން، މުލީއާގެއިން ނެރެގެން މުލީއާގޭގެ ގަރާޖަށް ތަކެތި ގެންދިޔަ މައްސަލާގައި އިދިކޮޅު ބަޔަކު ގަރާޖު ކައިރިއަށް އެއްވެ އަޑު އުފުލި. އެކަމަކު، ފުލުހުން ވަނީ އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައި. ރައީސް އޮފީހުގެ ތަރުޖަމާން މުއާޒް ވިދާޅުވީ، މުލީއާގެއިން ނެރެގެން ގެންދާ ތަކެތީގެ ތެރޭގައި ރައީސް ޔާމީންގެ އަމިއްލަފުޅު ތަކެތި ހިމެނޭ ކަމަށް. އަދި އޭގެ ތެރޭގައި ގާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް އޭނާ ވިދާޅުވި.

މުލީއާގެއިން ދެ ޕިކަޕެއްގައި ނެރެގެން މުލީއާގެ ގަރާޖަށް ގެންދިޔަ ސާމާނާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް، ވެރިކަން ހަވާލު ކުރުމުގެ މި މަރުހަލާގައި މުލީއާގެއިން ގެންދާ ބައެއް ތަކެއްޗަކީ، ރައީސް ޔާމީންގެ އަމިއްލަފުޅު ދިރިއުޅުއްވުމުގައި ބޭނުންކުރައްވާ ތަކެތި ކަމަށް. އަދި އޭގެ ތެރޭގައި ގާނޫނާ ޚިލާފު އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ވިދާޅުވި.

"ފަތުރަނީ ދޮގު ޚަބަރެއް،" މުއާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިނިވަން ކުރުމާ މެދު ކްރިމިނަލް ކޯޓުން މިރޭ ގޮތެއް ނުނިންމާ. ސަބަބަކީ އެއީ މުޅިން ވެސް ހުކުމެއްގައި ތިއްބެވި ބޭފުޅުން ކަމަށް ވުން. އެހެންވެ އެ ބޭފުޅުން މިނިވަން ކުރުމާ މެދު ގޮތެއް ނިންމުން ވަނީ އެހެން ރެއަކަށް ފަސްކޮށްފައި.

އަބްދުﷲ ރިޔާޒްގެ އިތުރުން، މިހާރު ހުކުމެއްގައި ނެތް ސިޔާސީ ހުރިހާ ބޭފުޅުން ކްރިމިނަލް ކޯޓުން ދެންމެ މިނިވަންކޮށްފި. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާން އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް.

ރަޔަޓް ގިއަރުގައި އައި އެސްއޯ ފުލުހުންތަކެއް ނުކުމެ، ގަރާޖު ކައިރިއަށް އެއްވި މީހުންތައް އެ ސަރަހައްދުން ފޮނުވައިލަން ފަށައިފި.

މުލީއާގެ ގަރާޖު ކައިރިއަށް އެއްވި މީހުން އަދިވެސް އެ ސަރަހައްދުން ދުރަކަށް ނުދޭ. އެ މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން. ގަރާޖު ކައިރިއަށް އެއްވި މީހުންގެ ޑިމާންޑަކީ ޕިކަޕްގައި އެތަނަށް ވެއްދި ސާމާނުތައް މީޑިއާއަށް ދެއްކުން. އެހެންވެ، ފުލުހުން މިހާރު އަންގާފައި ވަނީ ފުލުހުންގެ މީޑިއާގެ އޮފިޝަލުން ގަރާޖު ކައިރިއަށް ދިއުމުން އާންމު މީޑިއާގެ މީހުންނަށް ޕިކަޕްގައި ގެންދިޔަ ސާމާނުތައް ދައްކާނެ ކަމަށް.

މުލީއާގެ ތެރެއިން ދެ ޕިކަޕެއްގައި އެއްޗެހި ތަކެއް ނެރެގެން، ލިލީމަގުގައި ހުންނަ މުލީއާގޭގެ ގަރާޖަށް ވެއްދި މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެ، ގަރާޖު ކައިރިއަށް ބަޔަކު އެއްވެއްޖެ. އެތަނަށް އެއްވި މީހުން ޑިމާންޑު ކުރަނީ ގަރާޖުތެރެއަށް ވެއްދި ސާމާނުތައް މީޑިއާގެ ކުރިމަތީގައި ދެއްކުމަށް. ދެ ލޮރީގައި އެ ތަކެތި ގެންދިޔައީ މަތީގައި ސަތަރި އަޅައިގެން ކަމަށް މަންޒަރު ދުށް މީހުން ބުނޭ.
މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން ނަދީމާއި މެމްބަރު އިލްހާމާއި ސިނާންގެ މައްސަލާގައި ކްރިމިނަލް ކޯޓުން އަދި ގޮތެއް ނުނިންމާ. އެ ހުރިހާ ބޭފުޅުންގެ މައްސަލަ ވެސް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެއް ޝަރީއަތެއްގެ ތެރެއިން.
ރިޔާޒް: އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީން އެއްވެސް މީހަކަށް ލުއި ދެއްވާކަށް ބޭނުމެއް ނުވާނެ. އަޅުގަނޑު ދެކޭގޮތުގައި ސިޔާސީ ގޮތުން ބަންދުކޮށްފައި ތިބި އެންމެން ދޫކުރަނީ އިބޫގެ ވައުދުގެ ތެރެއިން. މިއީ ރައީސް ޔާމީންގެ ހެޔޮފުޅު ކަމުގެ ތެރެއިން ދިން ލުޔެއް ކަމަށް ނުދެކެން. އަޅުގަނޑުގެ އުފަން ރަށް ތިމަރަފުށީގެ ތިން ފޮށިން އިބޫ އަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން ވޯޓު ދިނީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑުގެ ދާއިގެ މެޖޯރިޓީ އިބޫ އަށް ދިނީތީ ވެސް ޝުކުރު ދަންނަވަން. އަޅުގަނޑު މި ހުރީ މި ގައުމަށް ޚިދުމަތް ކުރުން މަތީގައި.
އަބްދުﷲ ރިޔާޒް ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެންފި. މިހާރު ގެންދަވަނީ މީޑިއާއާ ވާހަކަ ދައްކަވަމުން.
މާރުކޭޓް ސަަރަހައްދުގައި ހުންނަ ކްރިމިނަލް ކޯޓު ކައިރީ މިހާރުވެސް ވަރަށް ގިނަ މީހުން އެބަތިބި. މުޅި ސަރަހައްދު ވަނީ ތޮއްޖެހިފައި. އެއްވެސް ތިބި މީހުން އުފާ ފާޅުކޮށް ޝުއޫރު ފާޅުކުރަމުން ދާއިރު، ޕާޓީތަކުގެ ދިދަތައް ދަނީ ވިހުރުވަމުން
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ކޯޓަށް ހާޒިރުކޮށްފި. މި ހުރިހާ ބޭފުޅުންނަކީ ވެސް ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުން
ކުރީގެ ރައީސް މައުމޫނާއި ދަނބިދަރިކަލުން ނަދީމް ވެސް ވަނީ ކޯޓަށް ހާޒިރުކޮށްފައި
ކުރީގެ ޕޮލިސް ކޮމިޝަަނަރު އަހްމަދު އަރީފް ވެސް ޖަލުން މާލެ ގެނެސްފި. އޭނާގެ ބަންދާ މެދު ވެސް މިރޭ ގޮތެއް ނިންމާނެ ކަމަށް ބެލެވޭ
ސިޔާސީ ބޭފުޅުން ކޯޓަށް ހާޒިރުކުރާތީ އެއްވެ ތިބި މީހުންގެ ތެރޭގައި، އެ ބޭފުޅުންގެ އާއިލާ އާއި ސިޔާސީ ޕާޓީގެ މެންބަރުން ވެސް ހިމެނޭ. އެ މީހުން ކޯޓު ދޮށުގައި ތިބޭތާ ވަރަށް ގިނައިރު ވެއްޖެ.
ކުރީގެ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ވެސް ކޯޓަށް ވަޑައިގެންފި. ފިރިކަލުން މައުމޫނާއި ދަރިކަލުން ފާރިސް ބަންދުން ދޫކޮށްލުމާ މެދު ގޮތެއް ނިންމަން އިރުކޮޅަކުން ކޯޓަށް ހާޒިރުކުރާނެ
ކޯޓުން ރިޔާޒް ދޫކޮށްލީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ. ދައުލަތުން ވެސް ކޯޓުގައި އެކަމަށް އިންކާރެއް ނުކުރޭ. ރިޔާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތު ނުވުމުން ދައުލަތުން ހައި ކޯޓަށް ދިއުމުން ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކުރީ 24 އެޕްރީލް ގައި.
ޖަލުގައި ތިބި ސިޔާސީ ބޭފުޅުންގެ ތެރެއިން ރިޔާޒްގެ މައްޗަށް ހައި ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ވަނީ ނިމިފަ. އެކަމަކު އެ ހުކުމް އައުމުގެ ކުރިން، މިދިޔަ މާޗް މަހުން ފެށިގެން ރިޔާޒް ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ
އަބްދުﷲ ރިޔާޒް މިނިވަންކޮށްފި.
ވަކީލުން ދެންމެ ކޯޓުން ނިކުމެ ވިދާޅުވީ ކޯޓަށް ހާޒިރުކުރަންޖެހޭ ބޭފުޅުން ގޮވައިގެން މާފުށިން ދަތުރު ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ބޭފުޅުން ކޯޓަށް ހާޒިރުކޮށް އަޑުއެހުންތައް ފަށަން ގަޑިއެއްހާއިރު ނަގާނެ ކަމަށް ކޯޓުން ބުނާ ކަމަށް
ޖަލަށް ލާފައިވާ ބޭފުޅުންގެ އާއިލާ އާއި އެ ބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ މީހުން ކޯޓު ދޮށުގައި އެބަތިބި
އަދިވެސް ކޯޓު ދޮށަށް އަންނަނީ މީހުން ޖަމާވަމުން. މިހާރު ވަރަށް ގިނަ އަދަދަކަށް މީހުން އެބަތިބި.
އެއްވެފައި ތިބި މީހުން ފޮނުވާލަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރޭ. ހަމައެކަނި ކުރާ ކަމަކީ ޓްރެފިކަށް ދަތިނުވާ ގޮތަށް މީހުން މަގުގެ އެއްފަރާތަށް ޖެއްސުން. މީގެ ކުރިން މި ސަރަހައްދަށް އެއްވުމަށް ފުރުސަތެއް ނުދޭ.
މިހާރު ކޯޓަށް ހާޒިރުކޮށްފައިވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް. ރިޔާޒްގެ އަޑުއެހުން މިހާރު ދަނީ ކުރިއަށް. ދެން ތިބި ބޭފުޅުން އަދި ކޯޓަށް ހާޒިރެއް ނުކުރޭ. އެ ބޭފުޅުންގެ ވަކީލުންނާއި ޕީޖީގެ ވަކީލުން ވަނީ ކޯޓަށް ހާޒިރުވެފައި.
ގިނަ އަދަދެއްގެ ބަޔަކު ވަނީ ކްރިމިނަލް ކޯޓު ދޮށަށް އެއްވެފައި.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ކޯޓަށް ހާޒިރުކުރަނީ.
އެކި މައްސަލަތަކާ ގުޅިގެން ބަންދުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމުގެ މަސައްކަތްތައް، ރިޔާސީ އިންތިޚާބުގައި އިދިކޮޅަށް ލިބުނު ކާމިޔާބީއަށް ފަހު ވަކީލުން މިހާރު ވަނީ ފަށާފައި. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މިނިވަންކުރުމުގެ އަމުރަކަށް އެދި އެ ދެ ބޭފުޅުންގެ ވަކީލުން ހައި ކޯޓަށް ހުށަހަޅާފައި ވާއިރު، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައި. ނަދީމްގެ މައްސަލާގެ އަޑުއެހުމަކާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިނިވަން ކުރަން ހުށަހަޅާފައިިވާ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ހަވީރު ބާއްވާނެ. އޭގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ މައްސަލައިގެ އަޑުއެހުމެއް ވެސް މިއަދު ބާއްވާ ކަމަށް އެނގިފައިވޭ
ޕީޕީއެމްގެ އިސްބޭފުޅުން ގެންދަވަނީ އިބޫ އަށް މަރުހަބާ ވިދާޅުވަމުން.
ރައީސް: ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު މާފަށް އެދެމުން ހިދުމަތުން އަޅުގަނޑު ދުރަށް ޖެހިލައިފިން. އެކަމަކު ނޮވެމްބަރު 17 އަންނަންދެން އަޅުގަނޑު މި ގޮނޑީގައި ދެމިހުންނާނަން.
ރައީސް: އިގްތިސާދީ ގޮތުން ވެސް އިޖުތިމާއީ ގޮތުން ރާއްޖެ ވަނީ މި ފަސް އަހަރުގެ ތެރޭގައި ކުރިއަރައިގެން ގޮސްފައި. ރައްޔިތުންގެ ބަސް އިއްވައިފި. އެއަށް އަޅުގަނޑު އިހުތިރާމްކުރަން. އަޅުގަނޑު އެދެނީ އިބްރާހިމް މުހަންމަދު ސޯލިހާއި އޭނާގެ ޓީމުން ވެސް މިކަން ކުރިއަށް ގެންދެވުން.
ރައީސް؛ އެހެންވީމަ އަޅުގަނޑު ބޭނުންވަނީ އިއްޔެގެ ވޯޓުގެ ނަތީޖ އަޅުގަނޑު ގަބޫލުކޮށް ދެން ގައުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭން.
ރައީސް: އަޅުގަނޑު ދަންްނަވާލަން ބޭނުންވަނީ ދިވެހިން ބޭނުންވާ ގޮތް ބުނެދީފިއޭ. ދެން ރައީސް ކަމަށް އިންތިހާބު ކޮށްފައިވާ އިބްރާހިމް މުހަންމަދު ސޯލިހާ ބައްދަލުކޮށް މަރުހަބާ ވެސް ދަންނަވައިފިން.
ރައީސް: އަޅުގަނޑު ވަރަށް އިހުލާސްތެރި ކަމާ އެކު ގޮންޖެހުންތަކާ އެކު އަޅުގަނޑު މަސައްކަތް ކުރީ އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކަށް ހެދޭތޯ. އެކަން ރައްޔިތުން ބަލައިގެންފިކަން އިއްޔެގެ ވޯޓުން އަޅުގަނޑަށް އެނގިއްޖެ. އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން
ރައީސް؛ ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް އަޅުގަނޑު ކޮށްދިނީމު. ވެރިކަމަށް އައިއިރު ޒުވާނުން ތިބީ ހަވާސާއިން ބޭރުގައި. އެ މީހުން މުޖުތަމައުގައި ގަދަރު ލިބިގެންވާ ބަޔަކަށް ހަދަން މަސައްކަތް ކުރީމު. ޒުވާނުންނަށް އެންމެ ބޭނުންވާ ކަމަކީ ބޯހިޔާވަހިކަން ކަމަށް ވާތީ އެކަމަށް އަޅުގަނޑު މަސައްކަތް ކޮށްދިނީމު
ރައީސް: ސަރުކާރުގެ ތެރެއިން އެކި ކަންކަމަށް ސިޔާސަތު ބަދަލުކޮށް ގާނޫނުތައް ބަދަލުކުރިން. އޭގެ ތެރޭގައި ނުކުޅެދޭ ކުދިންނާއި ދުވަސްވީ މީހުންގެ ކަންކަން ހިމެނޭ.
ރައީސް: އަޅުގަނޑު ވެރިކަމާ ކުރިމަތިލިއިރު އަޅުގަނޑު ދެންނެވިން ދިވެހި ރާއްޖެ އަށް ބޭނުންވި ވަރަށް ގިނަ ކަންކަން އެބަހުއްޓޭ. ރަށްރަށަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މައްސަލަތައް ހިމެނޭ. ކޮންމެ ރަށެއްގައި ވެސް މިކަހަލަ އަސާސީ ހިދުމަތްތައް މާލެއެކޭ އެއްގޮތަށް ލިބެންވާނެ ކަމަށް ރައްޔިތުން ގަބޫލު ކުރި.
ރައީސް: އަޅުގަނޑަށް ދިމާވި އެއް ކަމަކީ އަބުރު ކަތިލުމުގެ މައްސަލަ. ގިނަ ބަޔަކު ބޭނުންވާ ގޮތަށް މިހާރު އެކަން ވަނީ ތަރުތީބު ކުރެވިފައި
ރައީސް: އަޅުގަނޑަށް ދިމާވި ހުރިހާ ކަމަކުން އަޅުގަނޑަށް ﷲ ނަސްރު ދެއްވި. އަޅުގަނޑު މަސައްކަތް ކުރީ ގައުމަށް ނަސްރު ހޯދައިދޭން. އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. އަޅުގަނޑުގެ ސަރުކާރުން ވާނީ ވަރަށް ކެރިގެން ދީނާ ހިލާފު ކަންކަމަށް ނޫނެކޭ ބުނެފައި. އަޅުގަނޑު މަސައްކަތް ކުރީ އިޖުތިމާއީ ފޭރާން ރަނގަޅު ކުރަން.
ރައީސް ޔާމީން، ގައުމާ މުހާތަބު ކުރައްވަނީ.
ރައީސް ޔާމީން، ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންނާ ކުޑައިރުކޮޅެއްގެ ތެރޭގައި ބައްދަލު ކުރައްވަން ވަނީ ނިންމަވާފައި. މި ބައްދަލުވުން އޮންނާނީ ޕީޕީއެމް އޮފީހުގައި.
ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު އިބޫ ވަޑައިގެންފި. އެ ބައްދަލުކުރެއްވުމަށް ފަހު، އިބޫ ކާރުކޮޅުގައި ނުކުމެވަޑައިގަތީ ސީދާ ރައީސް އޮފީހުން ކަމަށް ވާތީއާ އެކު، މީޑިއާއަކާ ބައްދަލެއް ނުކުރައްވާ.
ރައީސް ޔާމީންގެ ދައުވަތަކަށް އިބޫ މިވަގުތުވީ ރައީސް އޮފީހަށް ވަޑައިގެންފައި.
ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައީސް އަބްދުﷲ ޔާމީންއާ ބައްދަލު ކުރައްވަން ރައީސް އޮފީހަށް ދެންމެ ވަޑައިގެންފި އެވެ.
އިބޫ، ރައީސް އޮފީހަށް ވަޑައިގަތީ، ރައީސް ޔާމީންގެ ދައުވަތަކަށެވެ. މިއީ، ރައީސްގެ ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިންތިޚާބަށް ފަހު ދެ ބޭފުޅުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓު (58.4 ޕަސެންޓުން)ނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓު، (41.6 ޕަސެންޓެ)ވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން ވޯޓުލާފައިވެ އެވެ.