24 ސެޕްޓެމްބަރ 2018 - 10:30

މެންޗެސްޓާ (ސެޕްޓެމްބަރު 24) – ބާސެލޯނާ، ބަޔާން މިއުނިކް އަދި ޔުވެންޓަސް ފަދަ އަމިއްލަ ލީގުގައި ވަރުގަދަ ބާރަކަށް ވުމަށްޓަކައި، ކަޕް މުބާރާތްތަކަށް ވުރެ މެންޗެސްޓާ ސިޓީން އިސްކަންދޭނީ ޕްރިމިއާ ލީގަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ސިޓީން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ލީގު ކާމިޔާބުކުރަން ކުރާ މަސައްކަތަށް މިވަގުތު އެޅިފައިވާ ހުރަހަކީ ލިވަޕޫލާއި ޗެލްސީ އެވެ. ހާއްސަކޮށް، ހަ މެޗުން ހަ މޮޅު ހޯދާފައިވާ ލިވަޕޫލު ޓީމެއްގެ ގޮތުގައި އެކުލެވި ވަރުގަދަކޮށް އޮތުމަކީ ގާޑިއޯލާ އަށް އޮތް ޗެލެންޖެކެވެ.
ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން 2-1 އިން ބަލިވި ނަމަވެސް ސިޓީން ވަނީ ޕްރިމިއާ ލީގުގައި މި ހަފުތާގައި ކާޑިފް ސިޓީ އަތުން 5-0 އިން މޮޅުވެފަ އެވެ. ދެން އޮތީ ލީގު ކަޕުގައި މާދަމާރޭ އޮކްސްފޯޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
"އެންމެ އިސްކަންދޭނީ ޕްރިމިއާ ލީގަށް،" ގާޑިއޯލާ ބުންޏެވެ. "ދިހަ އަހަރު ތެރޭ ހަތް ފަހަރު ލީގު ކާމިޔާބުކުރި ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ޔުވެންޓަސް އަށް ބަލާލާއިރު، އެ ޓީމުތަކުން އެ ދައްކުވައިދެނީ އެއީކަން އެންމެ ވަރުގަދަ ޓީމުތަކަކީ."
ގާޑިއޯލާ ބުނީ ބޭނުންވަނީ ޕްރިމިއާ ލީގުގައި އެއް ފެންވަރެއްގައި ހިފަހައްޓައި ވަރުގަދަ ބާރެއްގެ ގޮތުގައި ދެމި އޮތުން ކަމަށެވެ. އަދި ނޮކްއައުޓް މެޗުތަކުގައި މަސައްކަތްކުރާނީ ކުރިން ހެދިފައި ހުރި ގޯސްތައް ރަނގަޅުކުރަން ކަމަށް އޭނާ ބުންޏެވެ.