ރޮނާލްޑޯގެ އެހީއާ އެކު ޔުވެންޓަސް މޮޅުވެއްޖެ
ރޮނާލްޑޯގެ އެހީއާ އެކު ޔުވެންޓަސް މޮޅުވެއްޖެ

ފްރޮސިނޯނޭ (ސެޕްޓެމްބަރު 24) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު އިޓާލިއަން ލީގުގައި ރޭ ފްރޮސިނޯނޭ އަތުން 2-0 އިން މޮޅުވެ ޔުވެންޓަސް އިން ލީގުގައި ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑަށް ބޮޅެއް އިތުރުކޮށްފި އެވެ.

ރެއާލް މެޑްރިޑް ދޫކޮށް މި ސީޒަނުގައި ބޮޑު އަގުގައި ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ އަށް ފުރަތަމަ މެޗުތަކުގައި ލަނޑު ނުޖެހުނު ނަމަވެސް އޭނާ ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ތިން ގޯލް ޖަހައިފަ އެވެ. އެކަމަކު ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން މިދިޔަ ހަފުތާގައި ވަނީ ރަތްކާޑެއް ހޯދައިފަ އެވެ.

ލީގުގެ އާދައިގެ ޓީމެއް ކަމަށްވާ ފްރޮސިނޯނޭ އިން ވަނީ ރޭ ވަރުގަދަ ޔުވެންޓަސް އަށް ލަނޑެއް ޖެހިޔަނުދީ 80 މިނެޓު ހިފަހައްޓައިފަ އެވެ. އެ ޓީމުގެ ގޯލް ފޫއަޅުވާލި ގޯލް ރޮނާލްޑޯ ޖެހީ 81 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ގޯލް އިތުރު ވަގުތުގެ ތެރޭ ކާމިޔާބުކުރީ ފެޑެރިކޯ ބާނަޑެސްކީ އެވެ.

މި މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. އެ ޓީމު ވަނީ ރޭ ޓޮރިނޯ އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެފަ އެވެ. ލޮރެންޒޯ އިންސިނޭ ދެ ލަނޑު ޖެހިއިރު އަނެއް ގޯލް ޖެހީ ސިމޮނީ ވާޑީ އެވެ.

ލީގުގެ ވަރުގަދަ އެހެން ޓީމުތަކުގެ މެޗުތަކަށް ބަލާއިރު އިންޓަ މިލާން ވަނީ ހޮނިހިރު ދުވަހުގެރޭ ސަމްޕްޑޯރިއާ އަތުން 1-0 އިން މޮޅުވެފަ އެވެ. ފަހު ވަގުތު މާސެލޯ ބްރޮޒޮވިޗް ޖެހި ގޯލުން ހޯދި މި މޮޅާ އެކު އިންޓަ އޮތީ ހަތް ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ. ރޭ ބޮލޯނިއާ އަތުން 2-0 އިން ބަލިވި ރޯމާ އޮތީ ފަސް ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. އެޓަލާންޓާއާ 2-2 އިން އެއްވަރުވި އޭސީ މިލާން އޮތީ ފަސް ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.