24 ސެޕްޓެމްބަރ 2018 - 07:50

ބާސެލޯނާ (ސެޕްޓެމްބަރު 24) – އެކަކު މަދުކޮށް ކުޅެ ޖިރޯނާއާ 2-2 އިން އެއްވަރުވި ނަމަވެސް ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް ބާސެލޯނާ އަލުން އަރައިފި އެވެ.
ހަތަރު މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ ބާސެލޯނާ އާއި ރެއާލް މެޑްރިޑަށް ވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ. ބާސެލޯނާ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިން ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ޑިޕޯޓިވޯ އަލަވެސް އެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ލިއޮނަލް މެސީ ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މައްސަލަތަކެއް ދިމާވީ 35 ވަނަ މިނެޓުގައި ކްލެމެން ލެންގްލޭ އަށް އަށް ރަތްކާޑެއް ދެއްކުމުންނެވެ.
އޭގެ ފައިދާ ނަގައި ޖިރޯނާ އިން ފަހަތުން އަރައި ކުރި ހޯދި އެވެ. ދެ ލަނޑު ވެސް ޖަހައިދިނީ ކްރިސްޓިއަން ސްޓުއާނީ އެވެ. ބާސެލޯނާ އަށް އެއްވަރުކޮށްދިނީ 63 ވަނަ މިނެޓުގައި ޖެރާޑް ޕީކޭ އެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މެޗު ޑޮމިނޭޓްކުރަމުން ދިޔައީ އޭނާގެ ޓީމުން ކަމަށާއި ރަތްކާޑުގެ ސަބަބުން އަސަރުކުރި ކަމަށެވެ. އަދި އޭނާ ދެކޭ ގޮތުގައި އެއީ ރަތްކާޑު ދައްކަން ޖެހޭ ހާލަތެއް ވެސް ނޫނެވެ.
"ޓީމުން މަސައްކަތްކޮށް ނަތީޖާ ހަމަހަމަކުރި ބަލިވެފައި އޮއްވާ ވެސް. އަހަރެމެން އެއްވަރުކުރިން. އެކަމަކު ލަނޑު ޖެހޭ ގޮތްނުވީ،" ވަލްވާޑޭ ބުންޏެވެ.