24 ސެޕްޓެމްބަރ 2018 - 09:53

ސްމާޓްފޯން ބޭނުންކޮށް އުޅޭ ގިނަ މީހުންނަކީ މިހާރު ފޯނުގެ މޮޅުކަމާހުރެ ފޮޓޯގްރާފަރުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. ފޯނުން ފޮޓޯ ނެގޭނެ މޮޅު ގޮތް ގޮތް ހޯދައި، އެކަންކަމުގެ އަޖުމަ ބަލާ މީހުން ވެސް މަދެއް ނޫނެވެ.
ބައެއް ވީޑިޔޯގްރާފަރުންނަށް ވެސް މިހާރު ކަމުދަނީ މިފާޑުގެ ފޯނުތަކެވެ. މޮޅު ފޯނެއް އޮތަކަސް، ސާފު، ގުޑުން ކުޑަ ވީޑިޔޯ ނެގުމަކީ ފަސޭހަކަމެއް ނޫނެވެ. އެކަމަށް ބޭނުންކުރާނެ އާލާތްތައް ދުނިޔޭގައި ވަރަށް ގިނައިން މިހާރު ލިބެންހުރެއެވެ. ގިމްބަލްގެ ނަމުގައި ވިއްކާ މިބާވަތުގެ ކެމެރާ ހަރުތަކަކީ ގިނަ ފަހަރަށް ބަރުވެފަ، އުފުލަން ފަސޭހަ އެއްޗެއް ނޫނެވެ. އެކަމަކު މުޅިން ތަފާތު ގިމްބަލްއެއް ވަރަށް އަވަހަށް ބާޒާރަށް ނުކުންނާނެއެވެ. އެއީ ޗައިނާގެ ކުންފުންޏަކުން ފައްކާކޮށްފައިވާ ގިމްބަލްއެއް ކަމަށްވާ އެޓޮމްއެވެ.
އެޓޮމް ފަރުމަކޮށްފައިވަނީ ތިން ލެނބުން ލަނބާލައިގެން ފަތްޖަހާލުމަށް ފަހު ދަބަހަށް، ނޫނީ ޖީބަށް ވެސް ލެވޭހާ ކުޑަކޮށެވެ. މީގެ ބޮޑުމިނަކީ ގާތްގަޑަކަށް އައިފޯން އެކްސްއެއްގެ ބޮޑުމިނެވެ. މިއީ އާންމުކޮށް ބާޒާރުގައި މިހާރު ވިއްކަން ހުރި ގިމްބަލްތަކަށްވުރެ ކުޑަ ގިމްބަލްއެކެވެ. މީގެ ބަރުދަނުގައި ހުންނަނީ 440 ގްރާމެވެ. މިއަށް 310 ގްރާމް އުފުލުމުގެ ގާބިލްކަން ލިބިފައިވެއެވެ. 310 ގްރާމަށްވުރެ ލުއި ފޯނަކަސް ގޯޕްރޯއަކަސް މީގައި އަޅުވައިގެން ބޭނުންކުރެވެއެވެ.
ގިމްބަލް އުފައްދާފައިވާ މަގްސަދު މި ގިމްބަލްއިން ޚާއްސަ ގޮތެއްގައި ފުރިހަމަކޮށްދެއެވެ. މީގެ އަތްގަނޑުގައިވާ ފިތްތަކުން ފޯނު ކޮންޓްރޯލްކުރެވެއެވެ. ފިތާލާ ފިތަކުން ފޯނު ހުރަހަށް ނޫނީ ދިގަށް އަނބުރާލަދެއެވެ. މިއާއެކު ބޭނުންކުރާ އެޕްގެ ހުރިހާ މަސައްކަތްތަކެއް ގިމްބަލްގެ އަތްގަނޑުން ކޮށް ނިންމާލެވެއެވެ. އެޓޮމް ގިމްބަލް ގެ ބޭނުންކުރުމަށް ސްނޮޕާ އެޕް ގެންގުޅޭކަށް ކޮންމެހެން ނުޖެހެއެވެ. ބްލޫޓޫތުން ފޯނާ ގުޅާފައިވާ ނަމަ އަތްގަނޑު ބޭނުންކޮށްގެން ވެސް ވީޑިއޯ ރެކޯޑުކުރެވޭނެއެވެ.
އެޓޮމް އުފައްދާފައިވަނީ ފޯނު ބޭނުން ކޮޅަކަށް އެނބުރޭ ގޮތަށެވެ. އަދި މޫނު ދެނެގަންނާނެ ބާރާއި ހިލަމަށް ހަރަކާތްކުރުމުގެ ކުޅަދާނަކަން މިއަށް ލިބިފައިވެއެވެ. އެހެންވީމާ، ކޮންމެހެން އަތުން ހިފައިގެން މަންޒަރު ނަގާކަށް ނުޖެހެއެވެ. ހަރެއްގައި ބަހައްޓައިގެން ވެސް ބޭނުން މަންޒަރުތައް މިއިން ނެގޭނެއެވެ. ހަމައެއާއެކު އަޑު ރިކޯޑުކުރާނެ ވަކި މައިކެއްވެސް މިއާއެކު ހިމެނެއެވެ. ވީޑިއޯ ރިކޯޑުކޮށް ނިމޭއިރު އަޑުތައް ވެސް ހުންނާނީ ފުރިހަމަވެފައެވެ.