08 އޯގަސްޓް 2016 - 20:20

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ބިލް ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި އިސްލާހު ފާސްވީ ހަތް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ވަގުތީ ކޮމެޓީން ފާސްކުރީ މާބޮޑު ބަދަލުތަކެއް ނެތި އެވެ. އެގޮތުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ޑްރާފްޓްގައި މީޑިއާ އިން ކަންބޮޑުވުން ފާޅުކުރި އެއްވެސް ކަމެއް އިސްލާހެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ހުރީ ކުރިއަށް ވުރެ ހަރުކަށި، ފަސޭހަކަމާއެކު އަދަބު ލިބޭ ފަދަ ގޮތަކަށެވެ.
ކޮމެޓީ މަރުހަލާގައި މައިގަނޑު ގޮތެއްގައި ގެނެސްފައި ވަނީ ވަރަށް ކުދި ކުދި ބަދަލުތަކެކެވެ. އެގޮތުން ބިލުގައި ފާހަގަކޮށްލެވޭ ދެ ކަމެއް އިސްލާހުކޮށްފައިވެ އެވެ. އަދި ބިލަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ކޮމެޓީގެ އަޣުލަބިއްޔަތުން މިރޭ ފާސްކުރި އެވެ.
އެއީ ތެދު ނިޔަތުގައި އުފައްދައި، އާންމުކުރާ ވަކި މީހަކަށް ރައްދުނުވާ ގޮތަށް، ހިޔާލީ ކަމެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު، ޑްރާމާ، ލަވަ، ވާހަކަ، އަދި އެނޫން ވެސް އެފަދަ އުފެއްދުމަކުން ފެންނަ، އިވޭ، ކިޔޭ، ވިސްނައިގަނެވޭ، ދޭހަކުރެވޭ، އިހްސާސް ކުރެވޭ ކަންތައްތަކަކީ ވަކި މީހަކަށް ދައްކުވައިދޭ ކަމެއް ނޫން ކަމާއި އެގޮތަށް ނިސްބަތްވެއްޖެނަމަ، އެއީ އިއްތިފާގެއްކަން ދައްކުވައިދޭ އެންގުމެއް އިއުލާންކޮށްފިނަމަ، އެއީ އަބުރާ ބެހުން ކަމުގައި ނުބެލެވޭނެ ގޮތް ހެދުމަށެވެ.
ހަމައެއާއެކު މީޑިއާ ފިޔަވައި އަބުރާ ބެހެވޭ ފަދަ ހިޔާލުފާޅުކޮށްގެންނާއި ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ހިޔާލު ފާޅުކޮށްގެން އެމީހެއްގެ އަދަބަކަށް 25،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކޯޓުން ކަނޑައަޅަންވާނެ ކަމަށެވެ. މީގެ ކުރިން އޮންނަނީ ޖޫރިމަނާގެ އަދަދު ބައިލައްކަ އިން ފެށުމަށެވެ.
މީގެ އިތުރުން އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމުގެ ޖޫރިމަނާ ކުރުމުގައި އޭނާ މުޖުތަމައުގައި އަދާކުރާ ހައިސިއްޔަތުގެ އިތުރުން އަމަލު ހިންގުމަށް ބޭނުން ކުރި ވަސީލަަތަށް ބަލަންވާނެ ކަމަށް ބުނެ އާންމު ނިޒާމާ ހިލާފު ހިޔާލުފާޅުކުރުމުގެ ދަށުން މާއްދާއެއް އިތުރުކުރި އެވެ.
ހަމައެއާއެކު ހަބަރު ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓް ކުރި ފަހުން ނުވަތަ ޝާއިއުކުރި ފަހުން ރައްދެއް ޝާއިއު ކުރަން ނުވަތަ ބްރޯޑްކާސްޓް ކުރަން ބޭނުންވާނަމަ، އެ ފަރާތަކަށް ރައްދުވި ހަބަރު ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ފެންވަރަށް ރައްދު ޝާއިއު ނުވަތަ ބްރޯޑްކާސްޓް ކޮށްދޭންވާނެ ކަމަށް ވެސް ކޮމެޓީން ފާސްކުރި އިސްލާހެއްގައިވެ އެވެ.
ބިލު މިހާރު އޮތް ގޮތުން ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
އެކަމަކު، ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. މިއީ ވެސް ކުރިން ނޫސްވެރިން ފާޅުކޮށްފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ހާލަތުގައި ކުރިން ވެސް އޮތް ގޮތަށް ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ.
ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރު ވެ އެވެ.
މި ބިލު ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިރޭ ފޮނުވާއިރު، މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާނެ އެވެ.
އަބުރު ރައްކާތެރިކުރުމަށް ކަމަށް ބުނެ ހުށަހަޅާފައިވާ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ލާން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީ ލައިން ވިޕެއް ވަނީ ނެރެފަ އެވެ. އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ބިލާ ދެކޮޅު ހަދާފަ އެވެ. އެކަމަކު، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން އަދި ވިޕެއް ނުނެރެ އެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުންގެ މެދުގައި ވެސް ހިޔާލު ތަފާތުވެފައިވާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވާ ބިލަށް އާންމުންގެ ފަރާތުން އެއްވެސް ހިޔާލެއް ލިބިފައިވާ ނަމަ އެއީ ބާތިލް އެއްޗެއްގެ ގޮތުގަ އާއި އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ފުރުސަތު ބަންދުކުރަން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ. އަދި މިހާތަނަށް ހާޒިރުކުރަން ފަރާތްތަކުގެ ހިޔާލު ދެން ނުހޯދާ ގޮތަށް ވެސް ޕީޕީއެމްގެ ސާފު އަގުލަބިއްޔަތު އޮންނަ ކޮމެޓީން ނިންމި އެވެ.