24 ސެޕްޓެމްބަރ 2018 - 10:01

ލަންޑަން (ސެޕްޓެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ ޗެލްސީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުމެއް އައިއިރު، އެވަޓަން އަތުން 2-0 އިން އާސެނަލުން މުހިއްމު މޮޅެއް ހޯދައިފި އެވެ.
ރޭގެ މެޗުގެ ކުރިން މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީ ވަނީ ލީގުގައި ކުޅުނު ފަސް މެޗު ކާމިޔާބުކޮށްފަ އެވެ.
ރޭ އެއްވަރުވުމުން ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ޗެލްސީ އަށް ވަނީ ގެއްލިފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއްވަރަށް ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ލިވަޕޫލް އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކު އެވެ.
އާސެނަލުން ވަނީ ރޭގެ މެޗު ކާމިޔާބުކޮށް ފުރުސަތުގެ ބޭނުން ހިފައިފަ އެވެ. އެ ޓީމު ވަނީ ހަ މެޗުން 12 ޕޮއިންޓް ހަމަކޮށް ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދޭން އިންގްލެންޑްގެ ފޯވާޑް މިކައިލް އެންޓޯނިއޯ ޖެހި ބޯޅަ ޗެލްސީގެ އަގުބޮޑު ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީ އަށް ލަނޑު ޖަަހައިދޭން އެންގޯލޯ ކާންޓޭ އާއި އޮލިވިއޭ ޖިރޫޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ.
ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅައެއް ވެސްޓް ހޭމް ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ. ވެސްޓް ހޭމް މޮޅުކޮށްދޭން އެންޑީ ޔާމޮންލަންކޯ އަށް ލިބުނު ރަނުގެ ފުރުސަތު އޭނާ ނަގާލިއިރު، ފަހު ވަގުތު ޗެލްސީގެ ރޮސް ބާކްލޭ ފޮނުވާލި ނުރައްކާތެރި ބޯޅަ ހުއްޓުވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ފަބިއަންސްކީ އެވެ.
މިއީ ރަށުން ބޭރުގައި ޗެލްސީ އެންމެ ފަހުން ކުޅުނު 48 މެޗުގެ ތެރެއިން ލަނޑެއް ނުޖެހި ނިންމާލި ދެ ވަނަ މެޗެވެ. މެޗާ ބެހޭގޮތުން ޗެލްސީގެ ކޯޗު ސާރީ ބުނީ ތިން ޕޮއިންޓް ނުހޯދުނު އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ހާފުގައި ދަށްކޮށް ދިއުމުން ކަމަށާއި ފަހު ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ކުޅުންތެރިން ކުރިމަތިވި ހާލަތްތަކަށް އެންމެ ރަނގަޅަށް ތައްޔާރުވެފައި ނެތުމުން ކަމަށެވެ.
އާސެނަލް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ސަސްޕެންޝަނަށް ފަހު އެނބުރި އައިސް މި މެޗުގައި ކުޅުނު އެވަޓަންގެ ބްރެޒިލް ފޯވާޑް ރިޗާލިސަން ވަނީ ނުރައްކާތެރި ބޯޅަތަކެއް ފޮނުވާލައިފަ އެވެ. އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ހުއްޓުވީ އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕެޓަ ޗެކް އެވެ.
އާސެނަލުން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު އަލެކްސަންޑަ ލަކަޒޭޓް ޖެހިއިރު، ދެ ވަނަ ލަނޑު ކާމިޔާބުކުރީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޭގެ ފަހުން ވެސް އިތުރު ލަނޑު ޖަހަން ފުރުސަތުތަކެއް ލިބުނުއިރު، ބޭނުމެއް ނުކުރެވުނެވެ.
މެޗަށް ފަހު އާސެނަލް ކުޅުންތެރިން އެންމެ ބޮޑަށް ފާހަގަކުރީ އެ ޓީމުގެ ކީޕަރު ޗެކްގެ ނަމެވެ. މި މެޗުގައި އެ ޓީމަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ޗެކް އަށެވެ. އޭނާ ވަނީ އެވަޓަންގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.