މޯދީކެއާ: ދުނިޔޭގެ އެންމެ ބޮޑު ހެލްތުކެއާ ސްކީމް އިންޑިއާގައި ތައާރަފްކޮށްފި
މޯދީކެއާ: ދުނިޔޭގެ އެންމެ ބޮޑު ހެލްތުކެއާ ސްކީމް އިންޑިއާގައި ތައާރަފްކޮށްފި

ނިއު ދިއްލީ (ސެޕްޓެމްބަރު 24) - ދުނިޔޭގެ އެންމެ ބޮޑު ހެލްތު އިންޝުއަރެންސް ސްކީމް އިންޑިއާގައި އިއްޔެ ތައާރަފް ކޮށްފި އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައި ވަނީ މި ސްކީމްގެ ދަށުން 500 މިލިއަން މީހުންނަށް ހެލްތު އިންޝުއަރެންސް ކަށަވަރު ކޮށްދޭނެ ކަމަށެވެ. "މޯދީކެއާ"ގެ ނަމުން މަޝްހޫރު މި ސްކީމްގައި ފަގީރު ކޮންމެ އާއިލާއަކަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި 500،000 ރުޕީސް (6،900 ޑޮލަރު) ދޭނެ ކަމަށް ވައުދުވެފައިވެ އެވެ.

ހެލްތުކެއާ މި ސްކީމްގެ ސަބަބުން މަރުކަޒީ އަދި 29 ސްޓޭޓުގެ ސަރުކާރުން އަހަރަކު 1.6 ބިލިއަން ޑޮލަރު ހޭދަކުރާނެ އެވެ. އަދި ޑިމާންޑާ އެއްވަރަށް ފަނޑް އިތުރު ކުރަމުން ގެންދާނެ އެވެ.

ހެލްތުކެއާ ސްކީމް ބޮޑު ވަޒީރު މޯދީ ފައްޓަވައިދެއްވީ އިރުމަތީގެ ޖަރްކަންދުގެ ވެރިރަށް ރަންޗީގަ އެވެ. ސްކީމް ފައްޓަވައިދެއްވުމުގެ ގޮތުން މޯދީ ވަނީ ކަސްޓަމަރަކަށް މެޑިކަލް ކާޑް ހަވާލުކޮށްދެއްވައިފަ އެވެ. މޯދީ ވިދާޅުވީ މިއީ އިންޑިއާގެ ފަގީރުންނަށް ފެންވަރު ރަނގަޅު ބޭސްފަރުވާ ފޯރުކޮށްދިނުމަށް އަޅާ މުހިންމު އަދި ބޮޑު ފިޔަވަޅެއް ކަމަށެވެ. މި ސްކީމްގެ ދަށުން 100 މިލިއަނަށް ވުރެ ގިނަ އާއިލާ އަށް ފައިދާ ކުރާނެ އެވެ.

އިންޑިއާގެ ޕަބްލިކް ހެލްތު ސިސްޓަމަށް ދިމާވެފައި އެންމެ ބޮޑު މައްސަލައަކީ ހޮސްޕިޓަލްތަކާއި ޑޮކްޓަރުން މަދުވުމެވެ. އެންމެ ފޯރުންތެރިކަން ހުންނަ މީހުން އިޚްތިޔާރު ކުރަނީ ޕްރައިވެޓް ކްލިނިކްތަކެވެ. ޕްރައިވެޓް ކޮންޒަލްޓޭޝަން އަށް 1،000 ރުޕީސް (15 ޑޮލަރު) ވެސް ހޭދަކުރަން ޖެހެ އެވެ. މިއީ ދުވާލަކު ދެ ޑޮލަރު ވެސް ނުލިބި އެތައް މިލިއަން ބަޔަކު ދިރިއުޅޭ ގައުމެއްގެ ބަޔަކަށް ބޮޑު އަދަދެކެވެ.

އިންޑިއާގެ އެވްރެޖް އާއިލާއެއްގެ ޚަރަދުގެ 60 ޕަސެންޓް ހޭދަކުރަނީ ބޭހާއި ހެލްތުކެއާ އަށް ކަމަށް ސަރުކާރުގެ އެސްޓިމޭޓްތަކުން ދައްކަ އެވެ.