24 ސެޕްޓެމްބަރ 2018 - 12:04

އޮކްލެންޑް (ސެޕްޓެމްބަރު 24) - ސްޓްރޯބެރީން ތިނޯސް ފެނުމުގެ ބިރު އޮސްޓްރޭލިއާގައި ބޮޑުވެފައި ވަނިކޮށް ނިއު ޒީލެންޑުގެ ސްޓްރޯބެރީން ވެސް ތިނޯސް ފެނިއްޖެ އެވެ.
ނިއު ޒީލެންޑުގެ ބައެއް ސުޕަމާކެޓްތަކުން ބުނެފައި ވަނީ އެއީ އޮސްޓްރޭލިއާ އިން އެތެރެކޮށްފައިވާ ބާވަތްތައް ކަމަށެވެ. އޮސްޓްރޭލިއާގެ ސުޕަމާކެޓްތަކުން ވިއްކި ސްޓްރޯބެރީން ތިނޯސް ފެނިގެން ވަނީ 100 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފަ އެވެ.
ނިއު ޒީލެންޑުގެ ކައުންޓްޑައުން ސްޓޯރުން ބުނެފައި ވަނީ ތިނޯސް ފެނިފައި ވަނީ މިދިޔަ ހަފުތާގައި ވެސްޓަން އޮސްޓްރޭލިއާ ސްޓޭޓުން އެތެރެކުރި ސްޓްރޯބެރީން ކަމަށެވެ. ނިއު ޒީލެންޑުގެ ސްޓްރޯބެރީގައި ތިނޯސް ހުރި ކަމަށް ރިޕޯޓްކުރި ނަމަވެސް އެއްވެސް ކަސްޓަމަރަކަށް ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައެއް ނުވެ އެވެ. އެކަމަކު އޮސްޓްރޭލިއާގައި ވަނީ ތިނޯސް ހުރި ސްޓްރޯބެރީ ކެވުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
އޮސްޓްރޭލިއާ އިން ތިނޯސް ހުރި ސްޓްރޯބެރީ ފުރަތަމަ ފެނިފައި ވަނީ ކްއީންސްލެންޑުންނެވެ. ކްއީންސްލޭންޑް ސްޓޭޓް ސަރުކާރުން ވަނީ އެކަން ކުރާ ބަޔަކު ހޯދުމަށް މަގުފަހިވާފަދަ މައުލޫމާތެއް ދިން ފަރާތަކަށް 100،000 އޮސްޓްރޭލިއާ ޑޮލަރު (72،000 އެމެރިކާ ޑޮލަރު) ދޭނެ ކަމަށް ބުނެފަ އެވެ.
އޮސްޓްރޭލިއާގެ ބައެއް ސުޕަމާކެޓްތަކުން ވަނީ ތިނޯސް ވިއްކުން ހުއްޓާލައިފަ އެވެ. ސްޓްރޯބެރީ އަށް ތިނޯސް ލާ ބަޔަކު އެނގިއްޖެ ނަމަ އެ ބަޔަކަށް ދޭ އަދަބު މިހާރު ވަނީ 10 އަހަރުގެ ބަދަލުގައި 15 އަހަރަށް ޖަލަށްލާން އަދަބު ބޮޑުކޮށްފަ އެވެ.
ސްޓްރޯބެރީން ތިނޯސް ފެނުމާ ގުޅިގެން އޮސްޓްރޭލިއާގައި ސްޓްރޯބެރީގެ މާކެޓް ވަނީ ވެއްޓިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީގެ ޕީކް ސީޒަނުގައި ދިމާވި މައްސަލައާ ގުޅިގެން އެތައް ހާސް މަސައްކަތު މީހުންނަކަށް ވެސް ވަނީ ގެއްލުމާ ކުރިމަތިލާން ޖެހިފަ އެވެ. އޮސްޓްރޭލިއާގެ ސްޓްރޯބެރީ މާކެޓުގެ އަގަކީ އަހަރަކު 130 މިލިއަން އޮސްޓްރޭލިއާ ޑޮލަރެވެ. ކްއީންސްލޭންޑުން ވަނީ ދަނޑުވެރިންނަށް ބަދަލުގެ ގޮތުގައި އެއް މިލިއަން އޮސްޓްރޭލިއާ ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ.