24 ސެޕްޓެމްބަރ 2018 - 12:01

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ދެކެ މި ރަށުގެ ގިނަ ބަޔަކު އިންތިހާއަށް ލޯބިވެ އެވެ. އެއީ ހަމައެކަނި މިރަށާ އޮންނަ އާއިލީ ގުޅުމުގެ ސަބަބަކުން އެކަންޏެއް ނޫނެވެ. ރަށުގެ ކޮންމެ ދިމާލަކުން ވެސް ފެންނަން ހުރީ މައުމޫންގެ ސަރުކާރުން ކޮށްދިން ކަންތައްތަކެވެ. އެހެންވެ މިއީ އަބަދުވެސް މައުމޫންގެ ރަށެކޭ ބުނެ އުޅެ އެވެ. އަދި އެކަން ވޯޓުން ފެނެ އެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސައުދު ހުސެއިންގެ ވާހަކަ އެވެ. ޕީޕީއެމްގެ ޓިކެޓްގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް، މި ރަށުގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ރާމިޒާ ވާދަކޮށްގެން، ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބުކުރެއްވީ މި ރަށުގެ މީހުން އޭނާ ދެކެ ލޯބިވާލެއް ހަމަ ބޮޑުވީމަ އެވެ. އެ އިންތިހާބުގައި ރާމިޒަށް ވުރެ 600 އަށް ގިނަ ވޯޓު އިތުރަށް ހޯއްދެވި އެވެ.

ސައުދުގެ ވަރަށް ގާތް މީހަކު ބުނީ ސައުދު ކަހަލަ ރައްޓެއްސަކު ނުލިބޭނެ ކަމަށެވެ. އަދި އޭނަށް ސައުދަކީ އެއްބަނޑު މީހެއް ފަދަ އެވެ.

"އަޅުގަނޑު ކޫއްޑޫގައި އަދާކުރި ވަޒީފާ ދޫކޮށްލީ ސައުދަށްޓަކައި. އަޅުގަނޑުގެ މަންމަ ކައިރީ ވެސް ބުނިން ސައުދަށް އަނިޔާދޭ ތަން ބަލަން ކެތްނުވާނެ ކަމަށް. އެހެންވެ އާއިލާގެ ބައެއް މީހުންނާ ދެކޮޅަށް އަޅުގަނޑު ހިތާއި ރޫހުން މަސައްކަތްކުރީ ސައުދުއަށް،" މި ވަގުތު ނަން ޖަހަން ބޭނުންނުވާ ރަހުމަތްތެރިޔާ ބުންޏެވެ.

ސައުދުއާ އެކު އިދިކޮޅު ކޯލިޝަންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވި އިރު އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. ނަމަވެސް އެއިން އެއްވެސް ގޮންޖެހުމަކަށް ބޮލެއް ނުލެނބި އެވެ. އޭނާ ބޭނުންވީ ސައުދު ހުންނެވި ގޮތަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ކެމްޕޭން ކޮށްދޭށެވެ.

"އަޅުގަނޑު ނުކުތީ ސައުދުގެ ހައްގުގައި. އަޅުގަނޑު ބޭނުމެއް ނުވޭ އުމުރު ދުވަހު ސައުދު ޖަލުގައި އޮންނާކަށް. އެ ދުވަހަކުން އަޅުގަނޑުމެން ޖެހޭނެ ސައުދުގެ އަނބިދަރިންގެ ހަރަދުތައް ބަލަހައްޓަން. އެހެންވެ ސައުދުއަށް އަޅުގަނޑުމެންނަށް ކޮށްދެވެން ހުރިހާ މަސައްކަތެއް ކޮށްދޭނަން،" އޭނާ ބުންޏެވެ.

ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި ސައުދުއާ ވާދަކުރެވޭނެ އެހެން ކެންޑިޑޭޓެއް މި ރަށުގައި ނެތެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް މި ރަށުން އަގުލަބިއްޔަތު ނުހޯދޭނެ ކަމަށް ވިދާޅުވެ ސައުދު ޗެލެންޖް ކުރެއްވީ ވެސް އެހެންވެ ކަމަށް، ސައުދުގެ ގާތް މީހުން ބުނެ އެވެ.
"މި ރަށުގައި ނުހުންނާނެ ސައުދު ބަލިކޮށްލެވޭނެ ކެންޑިޑޭޓެއް. އެކަން އަޅުގަނޑުމެން ދެއްކިން ފުރަތަމަ ކައުންސިލް އިންތިހާބުގައި ވެސް. އޭގެ ފަހުން މަޖިލީހުގެ އިންތިހާބުގައި ވެސް. އަޅުގަނޑުމެން ވަރަށް ދެރަވި ސައުދުގެ ގޮނޑި ގެއްލުވާލައި، އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުން،" ސައުގެ ގާތް ރަހުމަތްތެރިޔާ ބުންޏެވެ.
ސައުދު ޕީޕީއެމް ދޫކުރައްވައި އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތްކުރައްވަން ފެއްޓެވުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އެހެންވެ ސައުދުގެ ސަޕޯޓަރުން ތިބީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ވޯޓުން އޭގެ ބަދަލު ހިފަން އެ މީހުން ތިބީ ކެތްމަދުވެފަ އެވެ.
"އަޅުގަނޑުމެން ތިބީ ބައި އިލެކްޝަނެއް ބޭއްވި ނަމަވެސް ރައީސް ޔާމީން ތާއީދުކުރާ ކެންޑިޑޭޓަކު ބަލިކުރަން ކެތްމަދުވެފައި. މިއީ އަޅުގަނޑުމެން ރައީސް މައުމޫނަށާއި ސައުދަށްޓަކައި ވީ ގުރުބާނީއެއް،" އެކަކު ބުންޏެވެ.
ރިޔާސީ އިންތިހާބުގައި މި ރަށުގައި އެންމެ ފޯރިއާ އެކު އިދިކޮޅު ކޯލިޝަނަށް ކެމްޕޭން ކުރީ ސައުދުގެ ޓީމުންނެވެ. ސައުދުގެ ކެމްޕޭން އޮފީހުގައި ޖަލްސާތައް ބޭއްވުމާއި ކެއުމާއި ސައި އަބަދު ވެސް ކުރިއަށް ދިޔަ އެވެ. ސައުދުގެ ޓީމާ އެކު އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ ސަޕޯޓަރުން ވެސް ނުކުތެވެ. ނަމަވެސް އެއީ ނިސްބަތުން ވަރަށް މަދު ބައެކެވެ.
"މިރަށުގެ 70 ޕަސެންޓް ކޮންޓްރޯލް ކުރާނީ ރައީސް މައުމޫންގެ ސަޕޯޓަރުން. އެއީ އަބަދުވެސް އެކަން އޮންނަ ގޮތް. މި ރަށަކީ މައުމޫންގެ ރަށެއް. އެއީ ސަމާސާ ވާހަކައެއް ނޫން،" ސައުދުގެ ޓީމުގައި ހިމެނޭ އެހެން މީހަކު ބުންޏެވެ.
މިރަށުގެ އެމްޑީޕީ މީހުން ވެސް ގަބޫލުކުރާ ހަގީގަތެއް އޮވެ އެވެ. އިދިކޮޅު ކޯލިޝަނަށް ބޮޑު އަގުލަބިއްޔަތެއް ހޯދުނީ މައުމޫނަށް ތާއީދުކުރާ ސައުދުގެ ސަޕޯޓަރުން ކުރި ބުރަ މަސައްކަތުންކަމެވެ. މައުމޫންގެ މަންމާފުޅު ކައްދައިދީއަކީ މިރަށަށް އުފަން ބޭފުޅެކެވެ.
"މީގެ ކުރިން ކައުންސިލްގައި ހުންނާނީ އެމްޑީޕީ އެންމެ މީހެއް. އެވެސް ވަރަށް ކުޑަ ތަފާތަކުން. އެކަމަކު މިފަހަރު ހޮވީ މުޅިން އެމްޑީޕީގެ މެމްބަރުން. އެއީ ސައުދުގެ ޓީމުން ކުރި ބުރަ މަސައްކަތް،" މިރަށުގެ އެމްޑީޕީ ސަޕޯޓަރަކު ބުންޏެވެ.
ސައުދުގެ އެހެން ސަޕޯޓަރަކު ބުނީ މި ރަށުން މައުމޫނާއި ސައުދު ތިބި ފަޅި ނޫން އެހެން ފަޅިއަކަށް "ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ" ކަމަށެވެ.
"މިފަހަރުގެ ވޯޓު ނެގުމުގެ ކުރިން ވެސް އަޅުގަނޑުމެން ލަފާކުރިން މި ރަށުން އަޅުގަނޑުމެން 70 ޕަސެންޓް ވޯޓު ނަގާނެ ކަމަށް. އޭގެ ބޭނުމަކީ މައުމޫނަށާއި ސައުދުއަށް ދިން އަނިޔާގެ ބަދަލު ވޯޓުން ހިފަން. މިކަން އަޅުގަނޑުމެން ކާމިޔާބުކުރީ މި ރަށަށް ނިސްބަތްވާ ކޯޓުތަކުގެ ފަނޑިޔާރުންނާއި ދައުލަތު އިސް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުންނާ ވެސް ޗެލެންޖްކޮށް،" އެކަކު ބުންޏެވެ.
"އެ ބޭފުޅުން ކެނޑިނޭޅި ކޮންމެ ހަފުތާ ބަންދެއްގައި މި ރަށަށް ވަޑައިގެން ފާޅުގައި ރައީސް ޔާމީނަށް ކެމްޕޭންކުރާތާ ހައެއްކަ މަސް ވެއްޖެ. އެއީ ސައުދުގެ ތާއީދު ނެތްކަން ރައީސް ޔާމީނަށް ދައްކަން."
އެ މީހާ ބުނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި މި ރަށުގެ ބޭފުޅުން ބޭނުންވީ މަގާމު ދިފާއުކުރައްވަން ކަމަށެވެ. އަނެއްކޮޅުން ސައުދުގެ ސަޕޯޓަރުން ބޭނުންވީ އެ މީހުންނަށް މި ރަށުން ކާމިޔާބެއް ނުލިބޭނެކަން ސާބިތުކޮށްދޭށެވެ.
"ކުރިން ބޭއްވި ރިޔާސީ އިންތިހާބުގައި ވިލިނގިލިން ރައީސް ޔާމީނަށް އަގުލަބިއްޔަތު ލިބުނީ މައުމޫނާއި ސައުދުގެ ސަޕޯޓަރުންގެ ބުރަ މަސައްކަތުން. ނަމަވެސް ސައުދު ޕީޕީއެމުން ވަކިވުމުން ޔާމީނަށް އޮތް ތާއީދު ވަނީ ގެއްލިފައި. އޭގެ މައިގަނޑު ސަބަބަކީ މައުމޫނަށާއި ސައުދު އަށް ދިން އަނިޔާ އާއި އެކި ވަޒީފާތަކުގައި ތިބި މިރަށުގެ އެތައް ބަޔަކު ވަޒީފާއިން ކަނޑާލުން،" ސައުދުގެ ސަޕޯޓަރަކު ބުންޏެވެ.
ކޫއްޑޫގައި ވަޒީފާ އަދާކުރަނިކޮށް ކުއްލި ގޮތަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވަކިކުރި ނާޒިމް މޫސާ ވެސް ހުރީ މި ވެރިކަން ނިމޭނެ ދުވަހަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާއަކީ ސައުދުގެ ގާތް ރަހުމަތްތެރިއެއްގެ އިތުރުން އޭނާގެ ކެމްޕޭން އޮފީސް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މީހާ އެވެ.
"މި އޮފީސް ހިންގަން އަޅުގަނޑު އުޅެނީ. އެހެންވެ އެކަން ހުއްޓާލަން އެންގުމުން އަޅުގަނޑު ހުއްޓައެއް ނުލިން. ދެން އަޅުގަނޑަށް މިފްކޯ އިން އެންގީ ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރި ކަމަށް. އެ ދުވަހުން ފެށިގެން އަޅުގަނޑު ހުރީ މި ދުވަހަށް އިންތިޒާރުކޮށްގެން،" ސައުދު ކެމްޕޭން އޮފީސް ކުރިމަތީގައި ހުރެ އޭނާ ބުންޏެވެ.
ނާޒިމް ބުނީ ރައީސް ޔާމީންނަށް މިރަށުން ލިބުނު ނަތީޖާއަކީ މިރަށުގެ ގިނަ ބަޔަކަށް ދިން އަނިޔާގެ ނަތީޖާ ކަމަށެވެ. އަދި ކޮންމެ ފަދަ އަނިޔާއެއް ދިން ނަމަވެސް ދުވަހަކު ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑާ އެކު މަސައްކަތްކުރި މި ރަށުގެ ދިހަ މީހަކު އެންމެ ފުރަތަމަ ވަޒީފާއިން ވަކިކުރީ. އެ ދުވަހުން ފެށިގެން ވެސް އަޅުގަނޑުމެން މިތިބީ ސައުދުއާ އެކީ. މި ރަށުން ދުވަހަކު ވެސް ރައީސް މައުމޫނާއި ސައުދު ނޫން މީހަކަށް ތާއީދެއް ނުލިބޭނެ. އަޅުގަނޑުމެން ޖާނާއި މާލު ގުރުބާންކުރީ ޔާމީނަށް މި ރަށުން މެޖޯރިޓީ ނެގިޔަ ނުދޭން،" ނާޒިމް ބުންޏެވެ.
މި ރަށުގެ ކުރީގެ ކައުންސިލަރު މުހައްމަދު ފާރޫގު ބުނީ ރަށުގައި ބައިބައިވުން އުފެދުނީ މައުމޫން ޕީޕީއެމް އިން ވަކިކުރުމުން ކަމަށެވެ.
"އަޅުގަނޑު އެންމެ ފަހުން އޮތް ޕްރައިމަރީން ކަޓުވާލައި މެޑަމް ކެމްޕޭން އޮފީހުން ނެގީ އަމިއްލަ އެދުމައިގެން އުޅުނު ބައެއް. ނަތީޖާއަކީ 0-6 އިން ބަލިވުން. އަޅުގަނޑު އެމްޑީޕީ ޕޯޑިއަމަށް އަރައި ބުނިން މި ފަހަރު ޕީޕީއެމަށް މި ރަށުން އެންމެ ގޮނޑިއެއް ވެސް ނުލިބޭނޭ،" ފާރޫގު ބުންޏެވެ.
އެކަމަކު ރިޔާސީ އިންތިހާބުގައި އޭނާ ކެމްޕޭންކުރީ ރައީސް ޔާމީނަށެވެ.
"އެކަމަކު އަޅުގަނޑަށް އެނގޭ މި ރަށުގެ ހާލަތާއި ވިންދު. އަދި ރައީސް ޔާމީނަށް މި ރަށުން މެޖޯރިޓީ ނުނެގޭނެކަން ވެސް އެނގޭ،" މިހާރު އެމްޓީސީސީގައި ވަޒީފާ އަދާކުރާ ފާރޫގު ބުންޏެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ މި ރަށުގެ ވަގުތީ ނަތީޖާ ލިބުމުން ހީވީ މި ރަށަށް އީދެއް އައިސްގެން އުޅުނުހެންނެވެ. ގިނަ ބަޔަކު ގޮވަމުން ދިޔައީ "އަނިޔާވެރިކަން ނިމިއްޖެ" އަދި "ވައްކަން ނިމިއްޖެ" ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން މިރަށުން ގާތްގަނޑަކަށް 55 ޕަސެންޓް ވޯޓު ހޯއްދެވީ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. އެއީ 856 ވޯޓެވެ. ޔާމީނަށް ލިބުނީ 733 ވޯޓެވެ.
ރައީސް މައުމޫނަށާއި ސައުދަށް ތާއީދުކުރާ މީހުން ތިބީ ވޯޓު ކަރުދާސްކޮޅު އަތަށް ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ. ނަތީޖާ އިން ފެނުނީ އެ ދެ ބޭފުޅުންގެ ހައްގުގައި ވޯޓުން ކާމިޔާބުކުރާނެ ކަމެވެ.