24 ސެޕްޓެމްބަރ 2018 - 09:53

އެކްޓުކުރުން ހުއްޓައިލާނެ ވާހަކަ ކުރިން ބުނި ނަމަވެސް، އެ ހިޔާލު މިހާރު ދޫކޮށްލައި ކުރިއަށް ދާން ނިންމާފައިވާ ކަމަށް އެމެރިކާގެ ދުވަސްވީ މަޝްހޫރު އެކްޓަރު ރޮބަޓް ރެޑްފޯޑް ބުނެފި އެވެ.
އުމުރުން 82 އަހަރުގެ އެކްޓަރު މިދިޔަ މަހު ބުނި ގޮތުގައި މިހާރު ރިލީޒްކުރަން ތައްޔާރުވަމުން އަންނަ "ދި އޯލްޑް މޭން އެންޑް ދަ ގަން" އަކީ އޭނާގެ ފަހު ފިލްމަށް ވެދާނެ އެވެ.
ނަމަވެސް އެ ފިލްމު ޕްރިމިއާ ކުރަން ނިއު ޔޯކްގައި ބޭއްވި އިވެންޓްގައި ވެރައިޓީ އަށް ރެޑްފޯޑް ބުނީ އެކްޓް ކުރުން ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް މިހާރު ނެތް ކަމަށެވެ. އަދި "ދި އޯލްޑް މޭން އެންޑް ދަ ގަން" އަކީ އެންމެ ފަހުގެ ފިލްމަށް ވެދާނެތޯ ސުވާލު ކުރުމުން 2002 ގައި އޮސްކާގެ ލައިފް އެޗީވްމަންޓް އެވޯޑް ވެސް ލިބިފައިވާ އެކްޓަރު ވަނީ އެއަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހަދައިފަ އެވެ.
"ހިނގާ އެކަން ސިއްރެއްގެ ގޮތުގައި ބާއްވަމާ،" ހިނިގަނޑެއް ޖަހާލާފައި ރެޑްފޯޑް ބުންޏެވެ. "ރިޓަޔަމަންޓްގެ ވާހަކަ ހަގީހަތުގައި ދެއްކުނީ އޮޅުމަކުން. އެއީ މިސްޓޭކެއް. އަހަރެން ބޭނުމެއް ނޫން އެކްޓިން އިން ރިޓަޔާ ކުރާކަށް. އުމުރު ތަންދިންހާ ދުވަހަކަށް މި މަސައްކަތުގައި ދެމިހުންނާނަން،"
މިދިޔަ އަހަރު ރިލީޒް ކުރި "ދަ ޑިސްކަވަރީ" އާއި "އަވާ ސޯލްސް އެޓް ނައިޓް" ފަދަ ފިލްމްތައް ކުޅެފައިވާ ރެޑްފޯޑަކީ ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނާ ކުޅެފައިވާ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި "ދަ ކެންޑިޑޭޓް"، "ދަ ގްރޭޓް ގެޓްސްބައި" އަދި "އޯލް ދަ ޕްރެޒިޑެންޓްސް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
ވަރަށް ގިނަ ޓީވީ ސިލްސިލާތައް ވެސް ކުޅެފައިވާ ރެޑްފޯޑް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ 2014 ގެ "ދަ ކޮމްޕެނީ ޔޫ ކީޕް" އެވެ.
ޑޭވިޑް ލޮވެރީ ލިޔެ، ޑައިރެކްޓްކޮށްފައިވާ ކްރައިމް ކޮމެޑީ "ދި އޯލްޑް މޭން އެންޑް ދަ ގަން" ސިނަމާތަކަށް އަންނާނީ އަންނަ ހުކުރު ދުވަހު އެވެ.