ހާލުގައި ޖެހުނު އިންޑިއާގެ ދަތުރުވެރިޔާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި
ހާލުގައި ޖެހުނު އިންޑިއާގެ ދަތުރުވެރިޔާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި

ސިޑްނީ (ސެޕްޓެމްބަރު 23) - ދުނިޔޭ ވަށާ ބުރު ޖެހުމުގެ ރޭހަކަށް ނުކުތް އިންޑިއާގެ ދަތުރުވެރިޔާގެ ޔޮޓުގެ ކުނބު ބިނދި އަނިޔާވެ، ހާލުގައި ޖެހުމުން އޭނާ ސަލާމަތް ކުރުމަށް ބައިނަލްއަގުވާމީ ރެސްކިއު ޓީމަކުން މަސައްކަތް ފަށައިފި އެވެ.

ހާލުގައި ޖެހުނު އިންޑިއާގެ ދަތުރުވެރިޔާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި
ހާލުގައި ޖެހުނު އިންޑިއާގެ ދަތުރުވެރިޔާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި

ޔޮޓްގައި އެކަނި ހުރި އަބިލޭޝް ޓޮމީ ހާލުގައި ޖެހިފައި ވަނީ ވެސްޓަން އޮސްޓްރޭލިއާގެ 3،200 ކިލޯ މީޓަރު (2،000 މޭލު) ބޭރުންނެވެ. އޭނާގެ ޔޮޓް ތުރިޔާގެ ކުނބު ބިންދައިގެން ދިޔައީ އިންޑިއާ ކަނޑުގައި ވަރުގަދަ ތޫފާނެއްގައި ޖެހިގެންނެވެ. ވަރަށް ހާލުން އޭނާ ވަނީ މެސެޖެއް ކޮށްފަ އެވެ. ޓޮމީ ބުނެފައި ވަނީ އޭނާގެ އުނަގަނޑަށް ތަދުވާވަރުން ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނުކުވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ގާތްގަނޑަކަށް 70 މޭލުގައި ވައި ޖެހެމުން ދިޔަ ތޫފާނުގައި 45 ފޫޓުގެ ބިޔަ ރާޅު ނެގި އެވެ. ގޯލްޑަން ގްލޯބް ޔޮޓް ރޭހަށް ނުކުތް ގިނަ ބައިވެރިން އަދިވެސް ރޭހުގައި ދަތުރު ކުރެ އެވެ. ޖުލައި 1 ގައި ފެށި ރޭހުން ހަތް ޔޮޓެއް މިހާރު ވަނީ ވަކިވެފަ އެވެ.

އޮސްޓްރޭލިއާގެ އެއާ ފޯސް އިން ދަނީ ޓޮމީ އަށް އެހީތެރިވުމުގެ މަސައްކަތް ކުރަމުންނެވެ. ރޭސް އިންތިޒާމް ކުރި ފަރާތުން ބުނީ އޮސްޓްރޭލިއަން ޖޮއިންޓް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ދަނީ ޓޮމީ އަށް އެހީވެދެވެން އޮތް ކޮންމެ ގޮތަކަށް އެހީވެދެވޭތޯ މަސައްކަތް ކުރަމުން ކަމަށެވެ.

އުމުރުން 39 އަހަރުގެ އިންޑިއާ ނޭވީގެ ކުރީގެ ކޮމާންޑަރު ކޮމިއުނިކޭޓް ކުރަމުން ދަނީ ޓެކްސް ޔުނިޓެއް މެދުވެރިކޮށެވެ. އޭނާގެ ސެޓެލައިޓް ފޯނު ވެސް ވަނީ ހަލާކުވެފަ އެވެ.

"ހިނގާ ބިނގާވެ އުޅެވޭ ވަރެއް ވެސް ނުވޭ. ސްޓްރެޗަރެއް ބޭނުންވޭ. ސެޓެލައިޓް ފޯނު ވަނީ ހަލާކުވެފައި،" ޓޮމީ އިއްޔެ ކުރި ޓެކްސްޓް މެސެޖުގައިވެ އެވެ.

ޓޮމީގެ އިމަޖެންސީ ދަބަހުގައި އިތުރު ސެޓެލައިޓް ފޯނެއް އޮވެ އެވެ. އެކަމަކު އެ ދަބަހާ ހަމައަށް އޭނާ އަށް ދެވޭ ވަރެއް ނުވެ އެވެ.

ޓޮމީ ވަނީ 2013 ވަނަ އަހަރު ދުނިޔެ ވަށާ ބުރު ޖަހައިފަ އެވެ. އޭނާ އަކީ ދުނިޔެ ވަށައި ބުރު ޖެހި އިންޑިއާގެ ފުރަތަމަ މީހާ ވެސް މެ އެވެ.