08 އޯގަސްޓް 2016 - 20:41

ގާނޫނު އަސާސީން ދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާކުރުމަށް ފަހު އެ ބިލް ހުށަހެޅީ މުޒާހަރާ ކުރުން މަނާކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބިލް ހުށަހެޅުއްވި މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ މުޒާހަރާކުރުން މަނާކުރަން ބިލެއް ހުށަހަޅުއްވާފައި ނުވާނެ ކަމަށެވެ. އޭނާ އިސްލާހެއް ހުށަހެޅުއްވީ އެއްވެ އުޅުމުގެ ގާނޫނަށް ކަމަށް ވިދާޅުވި ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
"އެ އިސްލާހު މަޖިލީހުން ބަލައިގަތް ކަމެއް އަދި އަޅުގަނޑަށް ޔަގީނެއް ނޫން. ފުރަތަމަ މަޖިލީހުން އޭތި ބަލައިގަނެ ޕަބްލިޝްކުރީމަ އޭގެ ތަފްސީލް ދެވޭނީ،" ރިފާއު ވިދާޅުވި އެވެ.
އެއްވެ އުޅުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހެޅިއިރު ގާނޫނުން ދީފައިވާ އެ ހައްގު މިހާރު ވެސް އޮތީ ވަރަށް ބޮޑަށް "ހިފަހައްޓައިފަ" އެވެ. މާލޭގެ އެއްވެސް މަގެއްގައި މުޒާހަރާކުރަން ނުވަތަ ސިޔާސީ އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުދެ އެވެ. މަގުމައްޗަށް ބަޔަކު އެއްވެއްޖެ ނަމަ ފުލުހުން ލައްވައި އެކަން ހުއްޓުވަ އެވެ.