ބޮލީވުޑްގެ އަންހެން ޑައިރެކްޓަރު ކަލްޕަނާ ލަޖްމީ މަރުވެއްޖެ
ބޮލީވުޑްގެ އަންހެން ޑައިރެކްޓަރު ކަލްޕަނާ ލަޖްމީ މަރުވެއްޖެ

"ރުޑާލީ" އާއި "ދާމަން" ފަދަ ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދިން ބޮލީވުޑްގެ މަޝްހޫރު އަންހެން ޑައިރެކްޓަރު ކަލްޕަނާ ލަޖްމީ ކިޑްނީގެ ކެންސަރަށް ފަރުވާ ހޯދާތާ ގިނަ ދުވަސްތަކެއް ފަހުން މަރުވެއްޖެ އެވެ.

އުމުރުން 64 އަހަރުގެ ޑައިރެކްޓަރު މަރުވީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ފަތިހުގެ ވަގުތެއްގަ އެވެ.

އަންހެނުންނާ ގުޅޭ މައްސަލަތަކަށް ފިލްމުތައް ހަދަން ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ކަލްޕަނާ އަށް ކިޑްނީގެ ކެންސަރު ޖެހި ފަރުވާ ހޯދަން ފެށީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭނާ މަރުވި ހަބަރަކާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ޓްވިޓާގައި ހިތާމަފާޅުކޮށްފަ އެވެ. ކަލްޕަނާގެ ޖަނާޒާ މިއަދު މެންދުރު ބާއްވާނެ އެވެ.

ކަލްޕަނާ އެންމެ ފުރަތަމަ ފިލްމު އުފެއްދުމުގެ މަސައްކަތަށް ނުކުތީ 1978 ގައި ގެނެސް ދިން ޑޮކިއުމަންޓްރީ "ޑީޖީ މޫވީ ޕައޮނިއާ" އިންނެވެ. އެއަށް ފަހު ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމަކީ 1986 ގައި ޝަބާނާ އަޒްމީ އާއި ނަސީރުއްދީން ޝާހް ހިމަނައިގެން ގެނެސް ދިން "އޭކް ޕަލް" އެވެ.

ނަމަވެސް އޭނާ އާންމުންގެ މެދުގައި މަގުބޫލު ޑައިރެކްޓަރަކަށް ވެގެން ދިޔައީ 1993 ގައި ޑައިރެކްޓް ކުރި "ރުޑާލީ" އިންނެވެ. އެ ފިލްމުގައި ޑިމްޕަލް ކަޕާޑިއާ ކުޅުނު ރޯލަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތެއްގައި "ދަރްމިޔާން" ވެސް ބެލުންތެރިންނަށް ގެނެސް ދިން ކަލްޕަނާގެ ދެން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2001 ގައި ރަވީނާ ޓަންޑަން ކުޅުނު "ދާމަން: އަ ވިކްޓިމް އޮފް މެރިޓަލް ވަޔަލަންސް" އެވެ. އެ ފިލްމުން ރަވީނާ އަށް ވެސް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯށް ލބުނެވެ.

ކަލްޕަނާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2006 ގައި ސުޝްމިތާ ސެން ކުޅުނު "ޗިންގާރީ" އެވެ.