23 ސެޕްޓެމްބަރ 2018 - 09:48

މެޑްރިޑް (ސެޕްޓެމްބަރު 23) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 1-0 އިން ހޯދި މޮޅާ އެކު ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ރެއާލް އެއް ވަަނަ އަށް އެރީ ފަސް މެޗުން 13 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު މިރޭ ކުޅޭ މެޗުން ޖިރޯނާއާ އެއްވަރުކޮށްލައިގެން ވެސް އަލުން އެއް ވަނަ އަށް އެރޭނެ އެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ކާމިޔާބުކުރީ އުއްމީދީ މިޑްފީލްޑަރު މާކޯ އަސެންސިއޯ އެވެ. މެޗުގެ 41 ވަނަ މިނިޓްގައި ރެއާލުގެ ލޫކަ މޮޑްރިޗް ޖެހި ބޯޅައެއް އެސްޕަންޔޯލް ކުޅުންތެރިއަކު ފައިގައި ޖެހިފައި ލިބުނީ އަސެންސިއޯ އަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
ދެ ވަނަ ހާފުގައި ރެއާލަށް އިތުރު ލަނޑެއް ޖަހައިދޭން އިސްކޯ އާއި ކަރިމް ބެންޒެމާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު އެންމެ ރަނގަޅަށް ބޭނުން ހިފޭ ގޮތެއް ނުވި އެވެ.
އެސްޕަންޔޯލަށް ލަނޑު ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ ޕަބްލޯ ޕިއާޓީ އާއި ހެނާން ޕެރޭޒް އަށެވެ. އޭގެ ތެރެއިން ޕެރޭޒް ޖެހި ބޯޅަ ރޭގެ މެޗުގައި ރެއާލް ގޯލު ބެލެހެއްޓި ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ވަނީ ރަށުން ބޭރުގައި 2-0 އިން ގެޓާފޭ ބަލިކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އެތުލެޓިކޯ ލީޑުނެގި ލަނޑަކީ ގެޓާފޭގެ ކީޕަރު ޑޭވިޑް ސޮރިއާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެތުލެޓިކޯގެ ތޯމަސް ލެމާ ފޮނުވާލި ބާރު ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު ސޮރިއާ ގައިގައި ޖެހިފަ އެވެ.
އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 60 ވަނަ މިނިޓްގައި ލެމާ އެވެ. މި މެޗުގެ ފަހު 23 މިނިޓް ގެޓާފޭ އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ އިވާން އަލެޖޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.
މި މޮޅާ އެކު ލީގުގައި ގެޓާފޭ އަތުން ބަލިނުވެ އެތުލެޓިކޯ އިން ވަނީ ނުވަ މެޗު ހަމަކޮށްފަ އެވެ. ގެޓާފޭ އަށް ލީގުގައި އެންމެ ފަހުން އެތުލެޓިކޯ އަތުން މޮޅެއް ހޯދުނީ 2011 ވަނަ އަހަރު އެވެ.