ލިވަޕޫލާއި ސިޓީ މޮޅުވިއިރު ޔުނައިޓެޑް އެއްވަރު
ލިވަޕޫލާއި ސިޓީ މޮޅުވިއިރު ޔުނައިޓެޑް އެއްވަރު

ލިވަޕޫލް (ސެޕްޓެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީ މޮޅުވިއިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

ލިވަޕޫލާއި ސިޓީ މޮޅުވިއިރު ޔުނައިޓެޑް އެއްވަރު
ލިވަޕޫލާއި ސިޓީ މޮޅުވިއިރު ޔުނައިޓެޑް އެއްވަރު

ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ސައުތެމްޓަން އަތުން މޮޅުވެފަ އެވެ. ރަށުން ބޭރުގައި ކާޑިފް ސިޓީ އަތުން ސިޓީ މޮޅުވީ 5-0 އިންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށް ވުލްވްސް އިން ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ.

ރޭގެ މެޗުން މޮޅުވެ، ލިވަޕޫލް ވަނީ ހަ މެޗުން 18 ޕޮއިންޓް ހަމަކޮށް އެއް ވަނަ އަށް ޖެހިލައިފަ އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ ހަ މެޗުން 16 ޕޮއިންޓެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގަ އެވެ. ސައުތެމްޓަންގެ ވެސްލީ ހޮއެޑް އަތުން ބައިކޮޅަށް ވަން ގޯލަކުން ލިވަޕޫލުން ލީޑު ނެގިއިރު، ދެ ވަނަ ލަނޑު ޖެހީ ޖޮއެލް މަޓިޕް އެވެ. ތިން ވަނަ ލަނޑު ޒެރްޑަން ޝަގީރީ ޖެހި ހިލޭ ޖެހުމެއް ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ކާމިޔާބުކުރީ މުހައްމަދު ސަލާހު އެވެ.

މި މޮޅާ އެކު ލިވަޕޫލުން ވަނީ އެ ޓީމުގެ 126 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ސީޒަނެއްގެ ފުރަތަމަ ހަތް މެޗުން މޮޅުވެފަ އެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މި ވަގުތު ޓީމު ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން ދިއުމަކީ ސީޒަނުގެ ފަހުކޮޅު އޭގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ކާޑިފް ދަނޑުގައި ކުޅުނު މެޗުގައި ސިޓީން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. ސިޓީން ލީޑުނެގީ ސާޖިއޯ އަގުއޭރޯ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ އަނެއް ދެ ގޯލު ޖެހީ ބެނާޑޯ ސިލްވާ އާއި އިލްކާއި ގުންޑޮގާން އެވެ.

ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ އެ ޓީމުން މި ފަހަރުގެ ޓްރާންސްފާގައި ރެކޯޑް އަގަކަށް ގަތް އަލްޖީރިއާގެ ވިންގް ރިޔާދު މާރޭޒް އެވެ. މި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ މާރޭޒަށް ވަރަށް މުހިއްމު ގޯލުތަކެއް ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި އޭނާ ނުކުންނާނީ އިތުބާރު ބޮޑުކޮށް ކަމަށެވެ.

ޔުނައިޓެޑަށް އަމިއްލަ ދަނޑުގައި ލީޑު ނަގައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އެވެ. ދެ ވަނަ ހާފުގައި ވުލްވްސް އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ޕޯޗުގަލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ޔާއޯ މުޓީނިއޯ އެވެ. މެދުކެނޑުމަކަށް ފަހު މި ފަހަރު ޕްރިމިއާ ލީގުގައި ވާދަކުރާ ވުލްވްސް އިން ވަނީ މީގެ ކުރިން ސިޓީ އަތުން ވެސް ޕޮއިންޓެއް ހޯދައިފަ އެވެ. ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ އަކީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޕޯޓޯ އަށް ކުޅުނު ކުޅުންތެރިއެކެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ޓޮޓެންހަމް ވަނީ 2-1 އިން ބްރައިޓަން ބަލިކޮށްފަ އެވެ. ބޯންމައުތު އަތުން ބާންލީ 4-0 އިން މޮޅުވިއިރު، ލެސްޓާ ސިޓީ ވަނީ 3-1 އިން ހަޑްސްފީލްޑް އަތުން މޮޅުވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސްގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފުލަމް އާއި ވަޓްފޯޑް އެއްވަރުވީ 1-1 އިންނެވެ.