ދެ ސިމް ލެއްވޭ އައިފޯނު ތަފާތުވާނެ
ދެ ސިމް ލެއްވޭ އައިފޯނު ތަފާތުވާނެ

"އައިފޯން އެކްސްއެސް" އަދި "އައިފޯން އެކްސްއެސް މެކްސް" އުފައްދާފައި ވަނީ ދެ ސިމް ބޭނުންކުރެވޭ ގޮތަށެވެ. ސްމާޓްފޯން މާކެޓްގައި ދެ ސިމް ފޯނުތަކަކީ އަދި ވަކި މާކެޓެކެވެ. މިއީ މިލިއަނުން ފައިދާ ހެދެން އޮތް މާކެޓެކެވެ. މި މާކެޓަށް ވަންނަން އެޕަލް އަށް މަޖުބޫރުވި ސަބަބު މި އެވެ.

އައިފޯނުގައި ދެ ސިމް ބޭނުންކުރެވޭ ގޮތް އެޕަލް އިން ހަދާފައި ވަނީ ސްމާޓްފޯނު މާކެޓްގައި ހުރި އެހެން ފޯނުތަކާ ތަފާތު ގޮތަކަށެވެ. ދެ ސިމް ބޭނުންކުރެވޭ ގޮތަށް މި އަހަރު ނެރުނު އައިފޯނުގައި ހިމެނެނީ "އީ-ސިމް" އަކާއި "ފިޒިކަލް" ސިމް ކާޑެވެ. އީ-ސިމް ހިމެނޭ ފޯނުތަކުގައި، ފެކްޓަރީން ނެރޭއިރު ވެސް، ފޯނުގެ ސާކިޓް ބޯޑުގައި ސިމް ކާޑެއް ވަޅުލާފައި އިނދެ އެވެ. މިއީ ބޭނުންކުރާ މީހުންނަށް ބަދަލުކުރެވެ އެއްޗެއް ނޫނެވެ.

ދެ ސިމް ބޭނުންކުރެވޭ ގޮތަށް، ބައްރުތަކަށް، އައިފޯން ދޫކޮށްލި ނަމަވެސް، އީ-ސިމް ސަޕޯޓްކުރާ އޮޕަރޭޓަރުން ގައުމުތަކުގައި އަދި ވަރަށް މަދެވެ. އެހެންކަމުން، ގިނަ ގައުމުތަކުގައި ދެ ސިމް އައިފޯނުތަކުގެ އެ ފީޗާ ބޭނުމެއް ނުކުރެވެ އެވެ. މި ސަބަބަށްޓަކައި ޗައިނާ މާކެޓަށް މި އަހަރު ނެރޭ އައިފޯނުތައް ވަނީ ފިޒިކަލް ދެ ސިމް ކާޑް ބޭނުންކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ޗައިނާގައި ދެ ސިމް ކާޑް ލެއްވޭ ފޯނުތަކަށް ބޮޑު ތަރުހީބެއް ލިބެ އެވެ. ސެމްސަންގް، ވާވޭ އަދި އެލްޖީ ފަދަ ކުންފުނިތަކުން ނެރޭ ކޮންމެ ފޯނަކަށް ދެ ސިމް ކާޑު ލެއްވެނީ މި ސަބަބަށްޓަކަ އެވެ. އެޕަލް އަށް ވެސް ވީ ގޮތަކީ މި އެވެ.

އައިފޯން ބޭނުންކުރާ މީހުންނަށް، ވަކިން ޚާއްސަކޮށް އައިފޯނަށް މަރުދޭ މީހުންނަށް، ދެ ސިމް އަކީ މުޅިން އާ ޓެކްނޮލޮޖީއެކެވެ. އޭގެ މޮޅުކަމުގެ ވާހަކަ ދައްކައި ހުސްނުވާ ވަރުގެ ބޮޑުކަމެކެވެ. އެހެންވެ، އެންޑްރޮއިޑް ކޮމިއުނިޓީ ބޭނުންކޮށް ބާކޮށްފައިވާ ޓެކްނޮލޮޖީއެއް އަދި އެހައި ބޮޑު ފަސޭހައެއް ލިބުމުން ހީވަނީ އާ ކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެންނެވެ. އެހެން ނަމަވެސް، އީ-ސިމް ޚިދުމަތްތައް އޮޕަރޭޓަރުން ފަށައިގަންނަންދެން ދެ ސިމް އައިފޯނުތައް ހިފަހައްޓާލައިގެން ތިބުން ނޫން ގޮތެއް އަދި ނެތެވެ.