23 ސެޕްޓެމްބަރ 2018 - 09:41

ލާހޯރު (ސެޕްޓެމްބަރު 23) - ކޮރަޕްޝަނުގެ ކުށުގައި 10 އަހަރަށް ޖަލަށްލާފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ޖަލު ހުކުމް ސަސްޕެންޑްކޮށް، ޖަލުން ނެރުނު ފަހުން މަންމައާ ބައްދަލުވި ވަގުތު އުފަލުން ކަރުނަ ހިލުނު ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރާވަލްޕިންޑީގެ އަޑިއަލާ ޖަލުގައި 68 ދުވަސް ހޭދަކުރެއްވުމަށް ފަހު ލާހޯރުގެ ޖަތީ އުމްރާގައި ހުންނަ އާއިލީ ގެއަށް ވަޑައިގެން މަންމަ ޝާމިން ބޭގަމްއާ ބައްދަލުކުރި ވަގުތު އާއިލާ އަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފަ އެވެ.
ނަވާޒް ޝަރީފް ޖަލުން ދޫކޮށްލާ ވާހަކަ ކޮއްކޮ ޝަހްބާޒް ޝަރީފް ކުރިން ވަނީ މަންމަ ޝާމިން އަށް ފޯނު ކުރައްވައި ދަންނަވައިފަ އެވެ. އެހެންވެ ނަވާޒް ޝަރީފް ވަޑައިގަންނަވަންވާ އިރަށް ޝާމިން ބޭގަންގެ އިރުޝާދާ އެއްގޮތަށް ޚާއްސަ ފަރިއްކޮޅެއް ވަނީ ތައްޔާރުކޮށްފަ އެވެ.
ނަވާޒް ޝަރީފް ޖަލުން ދޫކޮށްލުމާ އެކު ޕާކިސްތާން މުސްލިމް ލީގު-ނަވާޒްގެ އެތައް ބަޔަކު ވަނީ އުފާފާޅުކޮށްފަ އެވެ. ޖަލުން ނެރެގެން ގެންދިޔަ އިރު އެތައް ސަޕޯޓަރުންނެއް ވަނީ ކާރަށް ފިނިފެންމާ އުކައިފަ އެވެ.
ނަވާޒް ޝަރީފްއާ އެކު ވަނީ ދަރިކަނބަލުން މަރިޔަމް އަދި ދަނބިދަރިކަލުން މުހައްމަދު ސަފްދާރު ވެސް ޖަލުން ނެރެފަ އެވެ.