22 ސެޕްޓެމްބަރ 2018 - 13:39

ސައޮޕޯލޯ (ސެޕްޓެމްބަރު 22) - ލުބުނާނުގެ ހިޒްބުﷲ ޖަމާއަަތުގެ މާލީ ހުރިހާ ކަމެއް ބަލަހައްޓާ ކަމަށް އެމެރިކާ އިން ތުހުމަތުކޮށްފައިވާ އަސަދު އަހުމަދު ބަރަކާތު ބްރެޒިލް ފުލުހުން ހައްޔަރުކޮށްފި އެވެ.
ލުބުނާނަށް އުފަން ބަރަކާތު ހައްޔަރުކޮށްފައި ވަނީ ޕެރަގުއޭ އާއި އާޖެންޓީނާ ގުޅޭ ބޯޑަރު ސަރަހައްދުންނެވެ. ޓެކްސް އަށް މަކަރު ހެދި މައްސަލައެއްގައި އޭނާ ކުރިން ވަނީ ޕެރަގުއޭ އިން ހަ އަހަރަށް ޖަލަށްލައިފަ އެވެ. އާޖެންޓީނާ ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހިޒްބުﷲ ގެ ނަމުގައި ބަރަކާތު ވަނީ 10 މިލިއަން ޑޮލަރުގެ މަނީ ލޯންޑަރިން ހިންގައިފަ އެވެ. ބްރެޒިލްގެ ފެޑެރަލް ޕޮލިހުން ބުނީ ބަރަކާތު ވަނީ 2008 ވަނަ އަހަރު ޕެރަގުއޭގެ ޖަލުން ދޫކޮށްލި ފަހުން އާޖެންޓީނާ އާއި ބްރެޒިލް އަދި ޗިލީގައި އޭނާގެ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.
އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން 2006 ވަނަ އަހަރު ވަނީ ބަރަކާތަކީ "ގްލޯބަލް ޓެރަރިސްޓެއް"ގެ ގޮތުގައި ކަނޑައަޅައިފަ އެވެ.