23 ސެޕްޓެމްބަރ 2018 - 08:04

ވެބް ސީރީޒްތަކުގެ މަގުބޫލުކަން އިންޑިއާގައި ބޮޑުވަމުން އަންނަ އިރު، ނެޓްފްލިކްސް އިން ދާދި ފަހުން ސްޓްރީމް ކުރި "ސެކްރެޑް ގޭމްސް" އަށް ލިބުނު ތަރުހީބު ހީކުރި ވަރަށް ވެސް ވެސް މާ ބޮޑެވެ. އޭގެ ކާމިޔާބީ ފެނިފައި އިތުރު ވެބް ސީރީޒްތައް ހެދުމުގެ ފޯރި ވެސް މިހާރު ވަނީ މާ ބޮޑަށް ގަދަވެފަ އެވެ.
އަނެއްކޮޅުން ނެޓްފްލިކްސް އިން ވަނީ "ސެކްރެޑް ގޭމްސް" ގެ ބެލުންތެރިން އުފާވާ ކަހަލަ ހަބަރެއް ހުކުރު ދުވަހު ދީފަ އެވެ. އެހެންވެ ސައިފް އަލީ ހާނާއި ރާދިކާ އަޕްޓޭ އަދި ނަވާޒުއްދީން ސިއްދީގީ ފަދަ ތަރިން ފެނިގެން ދިޔަ "ސެކްރެޑް ގޭމްސް" އެއް ވަނަ ސީޒަނަކުން ނިންމައިލުމެއް ނެތެވެ.
ދެވަނަ ސީޒަނެއް ގެނެސްދިނުމުގެ ތައްޔާރީތައް ވަމުން އަންނަކަން ނެޓްފްލިކްސް އިން ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެހެންވެ "ސެކްރެޑް ގޭމްސް" ގެ ކުށުގެ މާހައުލުގެ ތެރެއަށް ކުރިއަށް ވުރެ މާ ފުންކޮށް ބެލުންތެރިން ގެންގޮސްދީ، ކުށުގެ ވެށި އަމާން ކުރަން ސައިފް ފުލުހެއްގެ ގޮތުގައި ކުރާ މަސައްކަތައް ފެނިގެން ދާނެ އެވެ.
"ސެކްރެޑް ގޭމްސް" ގައި ނަވާޒުއްދީން ކުޅެފައިވާ ނުބައިބައި ރޯލް ގަނޭޝް ގައިޓޮންޑޭގެ ކެރެކްޓާ އަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވާ އިރު، އޭނާގެ ވިދުން ވެސް ކުރިއަށް މާ ބޮޑު ތަން މި ވެބް ސީރީޒުން ވަނީ އުފުލިގެން ގޮސްފަ އެވެ.
"ސެކްރެޑް ގޭމްސް" އަކީ ވިކްރަމް ޗަންދްރާ ހަމަ އެ ނަމުގައި ލިޔުނު ވާހަކަ އަށް ބިނާކޮށް އަނޫރާގް ކެޝަޕާއި ވިކްރަމަދިތިޔާ މޮޓްވާނޭ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ނެޓްފްލިކްސް އިން ބުނަން އޮތް ވާހަކައަކީ ބެލުންތެރިން ދެވަނަ ސީޒަނަށް އިންތިޒާރު ކުރާށޭ އެވެ. މާ ލަހެއް ނުވާނެ އެވެ.
"ބޭބީ ޑޯލް" ފަދަ ރީތި ލަވަތަކެއް ކިޔައިގެން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ އަންހެން ލަވަކިޔުންތެރިޔާ ކަނިކާ ކަޕޫރް އަނެއްކާ ވެސް ވަރަށް ކެޗީ ލަވައެއް ފޭނުންނަށް ދޫކޮށްލައިފަ އެވެ. މި ފަހަރުގެ ލަވައިގެ ނަމަކީ "ޗީޓާ މޯހަން" އެވެ.
ލަވަ އާންމުކޮށްލުމާ އެކު، އިންޓަނެޓްގައި މި ލަވަ އަށް ނަގާ ފޯރި ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އިނގިރޭސި އާއި ޕަންޖާބީ ބަހުން ހަދާފައިވާ ލަވަ ލިޔެފައި ވަނީ ޝައްބީރް އަހުމަދެވެ. ކަނިކާ ބުނި ގޮތުގައި ފިލްމުތަކުގެ ލަވަތަކުގެ އިތުރަށް މިހާރު، ލަވަ ކިޔުންތެރިން އަމިއްލަ އަށް ނެރޭ ލަވަތަށް ލިބެމުން އަންނަ ބޮޑު ތަރުހީބަކީ ލަވަކިޔުންތެރިންނަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އިންޑިއާގެ މަޝްހޫރު ކްރިކެޓް ތަރި އަދި ބަތަލާ އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޯލީގެ "ސުޕަހީރޯ" އެއްގެ ގޮތުގައި ފެންނަ ޕޯސްޓަރެއް މިހާރު ވަނީ ދައްކާލައިފަ އެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ އޭނާ ފިލްމަކުން ބެލުންތެރިންނާ ބައްދަލު ކުރަން އުޅެނީ ކަމަށެވެ.
ނަމަވެސް މިއީ އެއްގޮތަކަށް ވެސް ފިލްމެއްގެ ޕޯސްޓަރެއް ނޫނެވެ. މިއީ ވިރާޓް އެންޑޯޒް ކުރާ އުފެއްދުމެއް ޕްރޮމޯޓް ކުރަން ކުރިއަށް ގެންދާ ޕްރޮމޯޝަނަލް ކެމްޕޭނުގެ ބައެކެވެ. މިއީ ޓީވީ އިޝްތިހާރެކެވެ. މީގެ ޓްރެއިލާ އާންމު ކުރާނީ އަންނަ ހުކުރު ދުވަހު އެވެ.
މީގެ ކުރިން ވެސް ފިލްމެއްހެން ހީވާ ކަހަލަ ގޮތަކަށް "ދޭސީ ޗައިނީޒް" ނޫޑްލްސްގެ އިޝްތިހާރެއް ބިޔަކޮށް ގެނެސް ދީފައިވެ އެވެ. އެއީ ރޯހިތު ޝެޓީ، ރަންވީރް ސިންގް އާއި ތަމަންނާ ބާޓިއާއާ އެކު ގެނެސް ދިން އިޝްތިހާރެވެ.
ވިރާޓް އިޝްތިހާރަކުން ފެނުމަކުން ހައިރާން ވެސް ވާނެ ކަމެއް ނެތެވެ. އޭނާއަކީ މިހާރު ވެސް ތަފާތު އުފެއްދުންތަކުގެ އިޝްތިހާރުތަކުން ފެންނަ މީހެކެވެ. އޭގެ ތެރޭގައި "ހެޑް އެންޑް ޝުޑާ" ޝޭމްޕޫ އާއި "ވިކްސް" ކަހަލަ ބްރޭންޑްތައް ހިމެނެ އެވެ.