ފިލްމަކަށް ވާހަކައެެއް ލިޔަން ޝައުގުވެރިކަމެއް ނެތް، އެއީ ފޫހި ކަމެއް: ޓްވިންކަލް ކަންނާ
ފިލްމަކަށް ވާހަކައެެއް ލިޔަން ޝައުގުވެރިކަމެއް ނެތް، އެއީ ފޫހި ކަމެއް: ޓްވިންކަލް ކަންނާ

ބޮލީވުޑްގެ ފިލްމަކަށް ވާހަކައެއް ލިޔުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި އެއީ ވަރަށް ފޫހި ވެސް ވާނެ މަސައްކަތެއް ކަމަށް ލިޔުންތެރިއެއްގެ ގޮތުގައި މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުރީގެ ބަތަލާ ޓްވިންކަލް ކަންކާ ބުނެފި އެވެ.

އަކްޝޭ ކުމާރްގެ އަންހެނުން ބުނި ގޮތުގައި ބޮލީވުޑަކީ އޭނާ އަށް އަބަދުވެސް ވަރަށް ފޫހި ތަނެކެވެ. އަދި ފިލްމު ކުޅެވުނީތީ މިހާރު ދެރަވާ ކަމަށާއި ކުޅުނު ފިލްމުތަކަށް ޖޯކް ޖެހުމަކީ ވެސް ޓްވިންކަލްގެ އާދައެކެވެ.

"އަހަރެންގެ ނުހުރޭ ބޮލީވުޑަކަށް އެއްވެސް ޝައުގުވެރި ކަމެއް. ދެން ކިހިނެއް ފިލްމަކަށް ވާހަކައެއް ލިޔާނީ؟ އަހަރެން ބޮޑަށް ޝައުގުވެރިކަން ހުންނަނީ ކޮލަމާއި ކުރު ވާހަކަ ކަހަލަ އެއްޗެހި ލިޔަން،" ދާދި ފަހުން "ފިޖާމާސް އާ ފޮގިވިން" ގެ ނަމުގައި ތިން ވަނަ ފޮތެއް ނެރުނު ޓްވިންކަލް ބުންޏެވެ.

ފިލްމަކަށް ވާހަކައެއް ލިޔަން ޝައުގުވެރި ކަމެއް ނެތަސް، ޓްވިންކަލް ލިޔުނު ދެވަނަ ފޮތް "ދަ ލެޖެންޑް އޮފް ލަކްޝަމީ ޕްރަސާދު" ގައި ހިމެނޭ ކުރު ވާހަކައެއް، ދިގު ދަންމާލައިގެން އެއަށް ސްކްރީންޕްލޭއެއް ހަދައިގެން މި އަހަރު ވަނީ ފިލްމެއް ނެރެފަ އެވެ.

އެއީ އާރް ބަލްކީ ލިޔެ، ޑައިރެކްޓްކޮށް އަކްޝޭ ކުޅުނު "ޕެޑްމޭން" އެވެ. އެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ޓަމިލް ނާޑޫގެ ރަށްފުށުގެ އަންހެނުންނަށް ސެނިޓަރީ ނެޕްކިން ތައްޔާރުކޮށް ފޯރުކޮށް ދެމުން ގެންދިޔަ އަރުނަޗަލަމް މުރްގަނަތަމްއާ ބެހޭ ގޮތުން ޓްވިންކަލް ލިޔުނު ކުރު ވާހަކައަށެވެ.

ބޮލީވުޑް ދެކެ މިހާރު ފޫހިވިޔަސް، ޓްވިންކަލްއަކީ ފިލްމް ޕްރޮޑިއުސަރެކެވެ.

ކުރިން "މިސިޒް ފަނީބޯންސް" ގެ ނަމުގައި ސަމާސާ ކޮލަމްތަކެއް ލިޔެގެން، ކިޔުންތެރިންގެ މަގުބޫލުކަން ހޯދުމަށް ފަހު ޓްވިންކަލް، 43، ގެ ފުރަތަމަ ފޮތް 2015 ގައި ނެރުނީ ވެސް އެ ނަމުގަ އެވެ. އޭނާ މިހާރު މަޝްހޫރީ ވެސް "މިސިޒް ފަނީބޯންސް" ގެ ނަމުގަ އެވެ.