ވައިގެ ތެރޭގައި ޑްރޯން ޗާޖުކުރެވިދާނެ
ވައިގެ ތެރޭގައި ޑްރޯން ޗާޖުކުރެވިދާނެ

ޑްރޯން ގެންގުޅޭ މީހުން އެންމެ ހިތްދަތިވަނީ ދުއްވަ ދުއްވާ ހުއްޓާ ޗާޖު ހުސްވެގެން ބިމަށް ތިރިކުރަން ޖެހުމުންނެވެ. ޗާޖުކޮށްގެން އަނބުރާ ދުއްވަން ފެށޭނީ އެތައް އިރެއް ފަހުންނެވެ. ފަސޭހައިން ޗާޖުކުރެވޭނެ މާ ގިނަ ގޮތްތަކެއްވެސް ނުހުރެއެވެ. މި ކަންބޮޑުވުމުގައި ތިބި ބަޔަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ބިމަށް ތިރި ނުކޮށް ވައިގެ ތެރޭގައި އުދުހެމުން ޑްރޯން ޗާޖުކުރެވޭނެ ގޮތެކެވެ.

ވައިގެ ތެރޭގައި ޑްރޯން ޗާޖުކުރެވިދާނެ
ވައިގެ ތެރޭގައި ޑްރޯން ޗާޖުކުރެވިދާނެ

ގްލޯބަލް އެނާޖީ ޓްރާންސްމިޝަން (ގެޓް) އިން މިހާރު އަންނަނީ ފަސޭހައިން ރާވާލެވޭ ޗާޖަރެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ މޭޒުމަތީ ބަހައްޓާ ވަރަށް ވުރެ ބޮޑު ޗާޖަރެކެވެ. މިކަމަށް އެންމެ އެކަށީގެންވަނީ ހުސް ބިމެކެވެ. މި ޗާޖަރު ފަރުމާކޮށްފައިވަނީ ބިމަށް ހޮޅި ޖަހައިގެން ނަރުތަކެއްގެ ފުރާފައިވާ ހެކްސެގަން ބައްޓަމަށެވެ. މި ހެކްސެގަންގެ ބޮޑުމިނުގައި 32 ފޫޓު ހުރެއެވެ.

ގެޓް ކުންފުނިން ބުނާ ގޮތުގައި އުދުހެމުންދާ ޑްރޯންތައް މި ހޮޅިތަކުން ވަށާލެވިފައިވާ ހެކްސެގަން ބައްޓަމުގެ ޖާގައިގެ ތެރެއަށް ވަނުމުން ޑްރޯން ޗާޖުކުރެވޭނެއެވެ. ގާތްގަޑަކަށް ހަ މިނިޓް އެ ޖާގައިގާ ހޭދަކޮށްގެން 25 މިނެޓް އުދުހޭނެ ބާރު ލިއްބައިދެއެވެ. މި ފްރޭމްގެ ތެރޭން 12 ކިލޮވޮޓްގެ ކަރަންޓު އުފައްދައިދެއެވެ. ބުނެވޭ ގޮތުގައި މި ފްރޭމަށް ކިތަންމެ ބައިވަރު ޑްރޯނެއް ވަނަސް ބަރާބަރަށް ޗާޖުކޮށްދެއެވެ.

ގެޓްގެ އަމާޒަކީ ގިނައިން ޑްރޯން ގެންގުޅޭ ހިސާބުތަކުގައި ޖާގަ އޮތް މިންވަރަކުން މިފަދަ ހެކްސެގަން ފްރޭމްތައް ރޭވުމެވެ. މިއީ ފަސޭހައިން އެއްތަނުން އަނެއް ތަނަށް ގެންދެވޭ އެއްޗެއް ކަމަށްވާތީ އެކި ފަހަރު އެކި ތަނަށް ބަދަލުކުރާކަށް އުނދަގުލެއް ނޫނެވެ. ނުހުއްޓި ދަތުރުކުރާނެ ޑްރޯންތަކެއް ބޭނުން ނަމަ އަދި ވެސް އޮތީ އިންތިޒާރު ކުރުމެވެ.