23 ސެޕްޓެމްބަރ 2018 - 07:59

ސެމްސަންގުން މި މަހު އާ ފޯނެއް ނެރެން އުޅޭކަން ކުއްލި ގޮތަކަށް އިއުލާންކޮށްފި އެވެ. އެކަމަކު މިއީ ސެމްސަންގުން ކުރިން ވެސް ރާވާފައިވާ ގޮތް ކަމަށްވެ އެވެ. މި ނެރޭ ފޯނަކީ ފޮޓޯ ނަގާ މީހުންނަށް ރަނެކެވެ.
މި ފޯނުގައި ސެލްފީ ކެމެރާއަކާއި ފޯނުގެ ފަހަތުގައި ތިން ކެމެރާ ހުރެއެވެ. މި ކެމެރާތަކުގެ ފެންވަރު ވަރަށް ރަނގަޅުވާނެ ކަމަށް ވެސް ވަނި ބުނެފަ އެވެ. ގެލެކްސީގެ އެހެން ފޯނުތަކަކާ ފީޗާގެ ގޮތުން މާ ބޮޑު ތަފާތެއް ނެތެވެ. އެންމެ ޚާއްސަކޮށް ފާހަގަކުރެވެނީ 24 މެގަޕިކްސަލްގެ ސެލްފީ ކެމެރާއެވެ. ސެލްފީ ނަގަން ފޯރި ހުންނަ މީހުންނަށް މިއީ ވަރަށް މޮޅު ފޯނެކެވެ. ލެޑް ފްލޭޝްލައިޓާއެކު، ބޭނުން ނަމަ ފޮޓޯ ނަގާ ނިމިގެން އިތުރަށް ރީތިކުރެވޭނެ ގޮތްތައް ވެސް މީގައި ހިމެނެއެވެ.
ގެލެކްސީ އޭ7ގައި ދެން ހިމެނޭ ތިން ކެމެރާ ހުންނަނީ މީގެ ފަހަތުގައެވެ. މީގެ ތެރޭގައި އިންސާނުންގެ ލޮލަށް ފެންނަ ވަރަށް 120 ޑިގްރީގެ ސަރަހައްދެއް ފެންނަ ގޮތަށް ނެގޭ ކެމެރާއެއް ހިމެނެއެވެ. މިއީ 8 މެގަޕިކްސަލްގެ ކެމެރާއެކެވެ. އެއް ފޮޓޯއަކަށް ބޮޑު އެއް މަންޒަރު ނަގަން ބޭނުން ނަމަ މި ކެމެރާ ފުދޭނެއެވެ. ދެވަނަ ކެމެރާއަކީ 24މެގަޕިކްސަލްގެ މައި ކެމެރާއެވެ. ތަންކޮޅެއް އަނދިރި މާހައުލެއްގައި ނަގާ ފޮޓޯވެސް ސާފުވާނެ ކަމަށްވެއެވެ. މި ކެމެރާއިން ފޮޓޯ ނަގާއިރު އަނދިރި ނަމަ، ރިޒޮލިޔުޝަން ދަށްކޮށްލައެވެ. ދެން ހުންނަނީ 5މެގަޕިކްސަލްގެ ކެމެރާއެކެވެ. މި ކެމެރާއިން ކަމުދާނީ ޕޯޓްރެއިޓް ފޮޓޯ ނަގާށެވެ.
ކެމެރާގެ ޚާއްސަ ސިފަތަކުގެ އިތުރުން މިފޯނުގައި މާބޮޑު އެހެން ޚާއްސަ ކަމެއް ނެތެވެ. މި ފޯނު މަސައްކަތްކުރާނީ އެންޑްރޮއިޑް 8.0، 2.2 ގިގަހާޓްޒް 8ކޯ ޕްރޮސެސަރަކުންނެވެ. ރެމްގައި ހުންނަނީ 4ޖީބީއެވެ. އިންޓާނަލް ސްޓޯރޭޖްގައި 64 ޖީބީ ހުރެއެވެ. ބެޓެރީގެ ބާރުގައި ހުންނަނީ 3،300 އެމްއޭއެޗްއެވެ. ގެލެކްސީ އޭ7ގެ ސްކްރީނަކީ 6 އިންޗީގެ އެމޯލެޑް ސްކްރީނެކެވެ. ރިޒޮލިޔުޝަންގައި ހުންނަނީ 1080x2220 އެވެ. މީގެ އިތުރުން މައިކްރޯއެސްޑީ ކާޑް ލައްވާނެ ތަންކޮޅެއް ހުރެއެވެ. މީގައި 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖް އެޅުވެ އެވެ. ގޫގްލްޕޭއަށް މަގުފަހިކޮށްދިނުމަށް އެންއެފްސީ ޗިޕެއް ވެސް ހިމެނެއެވެ.
ސެމްސަންގް ގެލެކްސީ އޭ7 މީހުންނަށް އާންމުކޮށް ދައްކާލިޔަސް ބާޒާރަށް ނެރޭނެ ދުވަހެއް މުޅިން ކަށަވަރެއް ނުވެއެވެ. ޔޫރަޕާއި އޭޝިއާގައި މީގެ ފޯނު ވިއްކަން އެންމެ އަވަހަށް ވެސް ފަށާނީ އޮކްޓޯބަރު މަހުއެވެ. އެމެރިކާގައި ނެރޭނެ ތާރީޚެއް އަދި އެއްގޮތަކަށް ވެސް ނޭނގެއެވެ. ބުނިހާވެސް އެއްޗަކީ އޮކްޓޯބަރު 11ގައި ވަރަށް މުހިއްމު ޚަބަރެއް ދޭނެ ކަމަށެވެ.