ޖަޔަލަލީތާގެ ފިލްމުގެ ނަމަކީ "ދި އަޔަން ލޭޑީ"
ޖަޔަލަލީތާގެ ފިލްމުގެ ނަމަކީ "ދި އަޔަން ލޭޑީ"

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އަދި ކުރީގެ ބަތަލާ ޖަޔަލަލީތާގެ ހަޔާތުގެ ވާހަކަ ކިޔައިދޭ ފިލްމުގެ ނަމަކަށް "ދި އަޔަން ލޭޑީ" ހަމަޖައްސައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު، 5، 2016 ގައި މަރުވި ޖަޔަލަލީތާއާ ބެހޭ ފިލްމެއް ހަދާކަން އިއުލާނުކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ފިލްމުގެ ޕޯސްޓަރު އާންމުންނާ އެންމެ ފުރަތަމަ ހިއްސާ ކުރީ "ގަޖިނީ" އާއި "ހޮލިޑޭ" އަދި "ސްޕައިޑާ" ފަދަ ފިލްމްތައް ގެނެސް ދީފައިވާ ޑައިރެކްޓަރު އޭއާރް މުރްގަދޯސް އެވެ.

"ދި އަޔަން ލޭޑީ" ޕޯސްޓަރު ދައްކައިލި ނަމަވެސް، ފިލްމު ރަސްމީކޮށް ލޯންޗް ކުރުމުގެ ހަފުލާ ވަރަށް ކުލަގަދަކޮށް ފަހުން ބާއްވަން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީ އާއި ބޮލީވުޑްގެ ކާސްޓެއް މަސްހުނިކޮށްލައިގެން ގެނެސްދޭ ފިލްމު ޑައިރެކްޓް ކުރަނީ ޕްރިޔަދާރްޝުނީ އެވެ. ނަމަވެސް "ދި އަޔަން ލޭޑީ" ގައި ޖަޔަލަލީތާގެ ރޯލް ކުޅޭނެ ބަތަލާ އާއި ފިލްމުގެ ކާސްޓުން އަދި ހާމައެއް ނުކުރެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޖަޔަލަލީތާގެ ރޯލުން ފެނިދާނެ ކަމަށް ބެލެވޭ ބަތަލާއިންގެ ތެރޭގައި ނިތިޔާ މެނެން އާއި ވަރަލަކްޝްމީ ސަރަތުކުމާރް ހިމެނެ އެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެ ތަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރެއްގައި އަދާ ކުރި އަދި އައްމާގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާއަކީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު 140 ފިލްމެއްގައި މަސައްކަތްކޮށްފައިވާ މީހެކެވެ.

އިންޑިއާގެ ވަރަށް ބަހުރުވަތަކުގެ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ކުޅުނީ އެންމެ ހިންދީ ފިލްމެކެވެ. އެއީ ދަރްމެންދުރާއާ އެކު 1968 ގެ ފިލްމު "އިއްޒަތު" އެވެ.