22 ސެޕްޓެމްބަރ 2018 - 11:26

ވޮޝިންޓަން (ސެޕްޓެމްބަރު 22) - ގާނޫނު އަސާސީގެ މާއްދާއެއްގެ ދަށުން ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރެވިދާނެ ކަމަށް ބުނެ އެކަމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށް ހާމަކުރި ރިޕޯޓް އެމެރިކާގެ އެޓާނީ ޖެނެރަލްގެ ނައިބް ރޮޑް ރޮސެންސްޓެއިން ދޮގު ކުރައްވައިފި އެވެ.
އެމެރިކާގެ ދެ ވަނަ އަށް އެންމެ މަތީ ގާނޫނީ އޮފިޝަލް ވިދާޅުވީ އެއީ "ތެދު ނޫން ހަގީގަތާ ޚިލާފު" ވާހަކަތަކެއް ކަމަށެވެ.
އެކަމަކު ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮސެންސްޓެއިން ވަނީ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހާ ގުޅޭ ގޮތުން ކެބިނެޓުގެ ބައެއް މެންބަރުންނާ އެކު މަޝްވަރާ ކޮށްފަ އެވެ. ރޮސެންސްޓެއިން އެގޮތަށް ކަންތައް ކުރައްވަން އުޅުއްވީ އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުން ޖޭމްސް ކޯމޭ ވަކިކުރުމާ ގުޅިގެން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ވެރިކަން ކުރަން ރައީސް ފިޓް ނޫން ނަމަ މަގާމުން ދުރުކުރެވިދާނެ ކަމަށެވެ.
ނަމަވެސް އެ ރިޕޯޓާ ގުޅިގެން އެޓާނީ ޖެނެރަލްގެ ނައިބް ނުރެއްވި ބަޔާނުގައި ބުނެފައި ވަނީ ނިއު ޔޯކް ޓައިމްސްގެ ބަޔާން ތެދު ނޫން ކަމަށެވެ.
"ވަކި އެޖެންޑާއެއް ނެރެން ބޭނުންވާ ބަޔަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވާ ވާހަކަތަކާ ގުޅޭ ގޮތުން އަޅުގަނޑު އިތުރަށް ކޮމެންޓެއް ނުކުރާނަން. އެކަމަކު އެއް ޕޮއިންޓް ސާފުކޮށްލަ ދޭނަން. ރައީސްއާ އެކު މިހާތަނަށް އަޅުގަނޑު އަމިއްލަ އަށް ކުރި މުއާމަލާތަތްތަކަށް ބަލާއިރު 25 ވަނަ އިސްލާހުގެ ދަށުން ކަމެއް ކުރާނެ ޖާގައެއް ނެތް،" ރޮސެންސްޓެއިންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ އިސްލާހުގެ ދަށުން ރައީސް މަގާމުން ދުރުކުރަން ބޭނުން ނަމަ ކެބިނެޓުގެ އަޣުލަބިއްޔަތާއި ނައިބް ރައީސް އާއި ކޮންގްރެސްގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ. ކޮންގްރެސްގެ ކޮންޓްރޯލް އޮތީ ޓްރަމްޕުގެ ޕާޓީއަށެވެ.