ސިޓީ އޮތީ ހާސްކަމެއްގެ ތެރޭގައެއް ނޫން: ގާޑިއޯލާ
ސިޓީ އޮތީ ހާސްކަމެއްގެ ތެރޭގައެއް ނޫން: ގާޑިއޯލާ

މެންޗެސްޓާ (ސެޕްޓެމްބަރު 22) - ޓީމުގެ ފޯމް ދަށްވެފައިވަނިކޮށް މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުނު ނަމަވެސް މެންޗެސްޓާ ސިޓީ އޮތީ ހާސްކަމެއްގެ ތެރޭގައެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި ފަހަރުގެ ލީގުގައި މިހާތަނަށް ސިޓީ އަށް މިދިޔަ ސީޒަނުގައި ދެއްކި ކުޅުން ނުދެއްކޭ ކަމަށް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ. ސިޓީގެ އެންމެ މުހިއްމު މިޑްފީލްޑަރު ކެވިން ޑިބްރޭނާގެ ކަކުލަށް އަނިޔާވެފައިވަނިކޮށް މި ސީޒަނުގައި އެ ޓީމަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވާތު ބެކް ބެންޖަމިން މެންޑީ އަށް ވެސް މި ވަނީ އަނިޔާވެފަ އެވެ.

ބުދަ ދުވަހު ޗެމްޕިއަންސް ލީގުގައި ސިޓީ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ވަނީ ފްރާންސްގެ ލިޔޯން އަތުން ބަލިވެފަ އެވެ. މިއީ މި މުބާރާތުގައި މޮޅެއް ނުލިބި ސިޓީން ނިންމާލި ހަތަރު ވަނަ މެޗެވެ.

"އަހަރެން އެންމެ ބޭނުންވާ ގޮތަކަށް ނޫން ނަތީޖާތައް ހުރީ. އަހަރެން އެންމެ ބޭނުންވާ ކުޅުންތެރިންނަށް ނުކުޅެވޭ. ޑިބްރޭނާ އަނިޔާގައި. މެންޑީ އަށް ވެސް އަނިޔާވެއްޖެ. އެކަމަކު މިއީ ހުރިހާ ކަމެއް ނިމުމެއް ނޫން. ހާސްވެގެން އުޅޭކަށް ނުޖެހޭ. މި ޓީމުގައި އެބަތިބި އެކި މަގާމުތައް ފުރޭނެ ކުޅުންތެރިން،" ގާޑިއޯލާ ބުންޏެވެ.

ލީގުގައި މިރޭ ސިޓީ ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ. ގާޑިއޯލާ ބުނީ ސިޓީ އަށް މިހާރު ދިމާވެފައިވަނީ ވަރުބަލިވުމުގެ މައްސަލައެއް ނޫން ކަމަށެވެ.

"ބައެއް މީހުން ބުނޭ ވޯލްޑް ކަޕްގައި ކުޅުނު ކުޅުންތެރިން ވަރުބަލިވެފައި ތިބުމުގެ މައްސަލަ ޓީމުތަކަށް ދިމާވާ ކަމަށް. އެކަމަކު އަހަންނަށް ފެންނަނީ އެ މައްސަލައެއް ނޫން. މި އުޅެނީ ކޮންފިޑެންސްގެ މައްސަލަ. މެޗަށް އަމިއްލަ އަށް ތައްުޔާރުވުމުގެ މައްސަލަ. ހައްލު ހޯދަންވީ އެކަމަށް،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ފޯމު ގެއްލިފައިހުރުމަކީ ގާޑިއޯލާ އަށް އޮތް ބޮލުގެ ރިހުމެކެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް ކުރިމަތިލާއިރު އޮތް ހިތްހަމަޖެހުމަކީ ސިޓީ އަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފައިވުމެވެ.

ސިޓީ އާއި ކާޑިފް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.