ސަލާހަށް ވަކި ޓާގެޓެއް ނެތް: ކްލޮޕް
ސަލާހަށް ވަކި ޓާގެޓެއް ނެތް: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 22) - ލިވަޕޫލުގެ ވިންގާ މުހައްމަދު ސަލާހު ވަކި އަދަދަކަށް ގޯލު ޖަހަން ޖެހޭ ކަމަށް ބުނެ ކްލަބުން އޭނާ އަށް ވަކި ޓާގެޓްތަކެއް ހަވާލުކޮށްފައިނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ރޯމާ ދޫކޮށް ލިވަޕޫލަށް ބަދަލުވެ ސަލާހު ވަނީ ލިވަޕޫލަށް 44 ލަނޑު ޖަހައިދީފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ސަލާހު ވަނީ ޔޫރަޕާއި ދުނިޔޭގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން ސަލާހަށް ޖެހިފައިވަނީ އެންމެ ދެ ލަނޑެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކޮނޑަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ކުޅުމަށް އެނބުރި އައި ފަހުން ސަލާހަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށް މީޑިއާގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

ކްލޮޕް ބުނީ ސަލާހުގެ ހަމައެކަނި މަސައްކަތަކީ ލަނޑު ޖެހުން ނޫން ކަމަށާއި މި ސީޒަނުގައި ވެސް އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުން އަންނަ ކަމަށެވެ.

"(ސަލާހު ލަނޑު ނުޖެހުމަކީ) އެހާ ބޮޑު މައްސަލައެއް ނޫން. މިދިޔަ ސީޒަނުގައި ފެނުނުހާ ގިނަ ގޯލުތަކެއް ސަލާހު ޖަހާނެ ކަމަށް ސަޕޯޓަރުން އުއްމީދުކޮށްފާނެ. އެކަމަކު އަހަރެންނަށް އެނގޭ އެއީ ފަސޭހަކަމެއް ނޫންކަން. ސަލާހަކީ ހަމައެކަނި ލަނޑު ޖަހަން ގެނައި ކުޅުންތެރިއެއް ނޫން. މި ސީޒަނުގައި މިހާތަނަށް ލިވަޕޫލުން ނެރެމުން އަންނަ ނަތީޖާތަކުގައި ސަލާހުގެ ދައުރު ބޮޑު،" މިރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަތުން 3-2 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުން ފަހު ލަނޑު ޖެހީ ސަލާހުގެ ބަދަލުގައި ޒެރްޑަން ޝަގީރީ ކުޅެން އެރުވި ފަހުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިރޭ ސައުތެމްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ލިވަޕޫލުން ބަދަލުތަކެއް ގެންނައިރު، ސަލާހުގެ ބަދަލުގައި ފުރަތަމަ އެގާރައިގައި އެހެން ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު ބޮޑެވެ.

"ބަދަލުތަކެއް ގެންނަން ޖެހޭ. އަހަރެމެންނަށް އޮތީ ވަރަށް އުނދަގޫވާނެ މެޗުތަކެއް. އެހެންވެ ހުރިހާ ކުޅުންތެރިން ބޭނުންވާނެތީ މިއީ މުޅި ޓީމަށް ފައިދާވާ ގޮތަށް ގެންނަ ބަދަލުތަކެއް،" ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި ސައުތެމްޓަން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 7 ޖަހާއިރު އެވެ.