23 ސެޕްޓެމްބަރ 2018 - 08:00

މި އަހަރަށް ޚާއްސަ އައިފޯން މޮޑެލްތައް ވިއްކަން ފެށުމުގެ އެތައްއިރެއް ކުރިން، ސިންގަޕޫރު ފިހާރައެއް ކައިރީގައި ކިޔޫގަދައިގެން ތިބި ބައެއްގެ ތެރެ އަށް ވާވޭ މުވައްޒަފުންތަކެއް ގޮސް ޕަވާ ބޭންކްތަކެއް ބަހައި، ޒާތަކަށް މަލާމާތްކޮށްފި އެވެ.
ސްމާޓް އިލެކްޓްރޯނިކްސް އަށް ދުނިޔެ ލެނބިފައި އޮތް މި ޒަމާނުގައި އެންމެ ފޯރިގަދައީ އައިފޯން ލޯންޗްކުރާ ދުވަސްތަކެވެ. އާ އައިފޯނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ވެސް އެހައި ގިނަ އެވެ. ވާވޭ މި ފަހަރު އެ ކުރި ކަމަކުން ދައްކަން ހުރި ވާހަކަތައް ވަނީ އަދި ވަކިން އިތުރުވެފަ އެވެ.
އާ އައިފޯނެއް ނެރޭ ކޮންމެ ފަހަރަކު ސަޕޯޓަރުން އެޕަލް ސްޓޯރުތައް ކުރިމައްޗަށް އެއްވެ މުޅި ތަން ފުރާލަ އެވެ. ފޯނު ވިއްކަން ފެށުމުގެ ދެތިން ދުވަސް ކުރިން ކިޔޫގައި ޖެހޭ މީހުން ވެސް އުޅެ އެވެ. ކައިބޮއި ނިދައި ހަދަނީ ވެސް އެތަނުގަ އެވެ.
ވާވޭ ޕަވާ ބޭންކްތަކެއް ހިލޭ ބެނުން ވެފައި ވަނީ އައިފޯނަށް ލޯބިކުރާ މީހުންނަށް ކުރި މަލާމާތަކަށެވެ. އެންޑްރޮއިޑް ފޯނުތަކުގައި ބާރުގަދަ ބެޓެރީތައް އާންމުވެފައި ވާއިރު، އައިފޯނުތަކުގައި ވަނީ ނިސްބަތުން ދަށް ބެޓެރީތަކެކެވެ. މިއީ އެޕަލް އަށް އަބަދު ވެސް މަލާމާތް ރައްދުވާ ކަމެކެވެ.
އައިފޯނަކީ އެޕަލް އިން ވަރަށް ފުރިހަމަ އަށް އުފައްދާ އާލާތެކެވެ. ހާޑްވެއާ އަދި ސޮފްޓްވެއާ އުފެއްދުމުގައި، އެޕަލް ނޫން ކުންފުންޏަކުން ނަގާނުކިޔަ އެވެ. ނަތީޖާ އަކީ ހާޑްވެއާ ބާރަށް ކުޅުމަށް ސޮފްޓްވެއާ ދޭ ސަޕޯޓްގައި އުނި އިތުރުނުވުމެވެ. އެހެންކަމުން ބޭކާރު ގޮތުގައި ބެޓެރީ ބާރު ގެއްލިގެނެއް ނުދެ އެވެ.
ވާވޭ ބެހި ޕަވާ ބޭންކްތަކުގެ ބޭރުގައި މެސެޖެއް ނޯޓްކޮށްފައި ވެ އެވެ. "މި އޮތީ ޕަވާ ބޭންކެއް. ބޭނުން ޖެހޭނެ. ހިތްހެޔޮކަމާ އެކު – ވާވޭ" އެވެ. ރީތިކޮށް ކޮށްފައި އޮތް މަލާމާތެކެވެ. ކިޔޫގައި ތިބި މީހުންނަށް މި ކަން ބޮޑު ކަމަކަށް ނުވެ އެވެ. މުޅިން އާ ޕަވާ ބޭންކެއް ލިބުމުން އެ މީހުން ތިބީ އުފަލުންނެވެ.