09 އޯގަސްޓް 2016 - 06:56

ކްރިސްޓަލް އެންޓަޓައިމަންޓްގެ ކުރިއަށް އޮތް ފިލްމް "4426" ގެ ނަމާ ބެހޭ ގޮތުން ސުވާލު ކުރާ މީހުންނަށް ޕްރޮޑިއުސަރު/ޑައިިރެކްޓަރު ފާތުމަތު ނަހުލާ ދެނީ އިންޒާރެކެވެ. އޭނާ ބުނަނީ ފޯފޯޓޫސިކްސްއަކީ ކޯއްޗެއްހޭ އަހައިފި ނަމަ އައްޒަ އިނގިލި ކާލާނެ ކަމަށެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ފެނުމާ އެކު ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. ހާއްސަކޮށް ޓީޒާ އިން ފެނިގެންދާ ބަތަލާ މަރިޔަމް އައްޒަގެ ރޯލް ވަރަށް ބޮޑަަށް ފާހަގަކޮށްލެވެ އެވެ. "4426" އަކީ ކޯއްޗެއްހޭ އަހާލުމުން އޭނާ އަލީ ފާރޫގްގެ އިނގިލި ކާލަ އެވެ. އެހެން މަންޒަރެއްގައި އައްޒަ އޮންނަނީ ފާރަށް އަރައި ތަތްކޮށްލައިގެންނެވެ.

ގައިން ހީބިހި ނަގައިގެންދާ މި ނޫން ވެސް އެތައް މަންޒަރެއް "4426" ގެ ޓީޒާ އިން ފެނިގެންދެ އެވެ.

އެހެންވެ ބެލުންތެރިން މި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރާނެކަން ޔަގީނެވެ.

އައްޒަ ބުނީ ފިލްމުގެ ޓައިޓްލް އާ އެއްގޮތަށް މުޅި ފިލްމަކީ ވެސް ސަޕްރައިޒްތަކުން ފުރިގެންވާ މޮޅު އަދި ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ބިރުވެރި ފިލްމަކަށް ވާނެ ކަމަށެވެ. އެހެންވެ ފިލްމުގެ ސަސްޕެންސް ގެއްލުވައިލާކަށް އޭނާ ވެސް ބޭނުމެއް ނޫނެވެ.
އައްޒަ ހުރީ ފިލްމުގައި ކުޅެން ލިބުނު ރޯލާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ. އަދި ބެލުންތެރިން ހީނުކުރާ ވަރުގެ ވަރުގަދަ ރޯލަކުން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ޒުވާން، އުންމީދީ ބަތަލާ ވަނީ ދީފަ އެވެ.
"4426" އަކީ ފީޗާ ފިލްމެއްގެ ބޮޑު ރޯލަކުން އައްޒަ ފެނިގެންދާ ފުރަތަމަ ފަހަރު ވެސް މެ އެވެ. އަނެއްކޮޅުން ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާތަކެއް ހަދައިފައިވާ ނަހުލާގެ ފިލްމަކުން ސްކްރީނަށް އައުމަކީ އައްޒަ ބުނި ގޮތުގައި އޭނާގެ ކެރިއަރަށް އެޅޭ ވަރަށް ބޮޑު ބިންގަލެކެވެ.
އޭނާ ނަހުލާގެ ފިލްމަކުން ބޮޑު ރޯލެއް ލިބޭނެ ކަމަކަށް ދުވަހަކު އުންމީދެއް ވެސް ނުކުރެ އެވެ.
"އަހަރެން އެއްގޮތަކަށް ވެސް އުންމީދެއް ނުކުރަން ނަހޫގެ ފިލްމަކުން ބޮޑު ރޯލެއް ކުޅެން ލިބިދާނެ ކަމަކަށް. އަސްލު ނަހޫ އެއް ދުވަހު ފޯނުން ގުޅާފައި ފިލްމް އޮފާ ކުރީމަ ގަބޫލުކުރަން ވެސް ދަތިވެފައި ހުރީ. ހިތަށް އެރީ ހަމަ ނަހޫބާއޭ އައްޒަ އަށް މި ރޯލް އޮފާ މި ކުރަނީ،" ނަހުލާ އެންމެ ފަހުން ގެނެސްދިން ދެ ޑްރާމާ "ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" ގައި މުހިއްމު ރޯލެއް ކުޅުނު ބަތަލާ ބުންޏެވެ.
އައްޒަ ބުނީ "4426" ގައި ކުޅެން ޖެހޭ ރޯލް، އޭނާ އަށް ކުޅެވޭނެ ކަމުގެ ހުރިހާ ވެސް ގެރެންޓީއެއް ދިނީ ނަހުލާ ކަމަށެވެ.
"ހިތަށް ވެސް ނާރާވަރުގެ ރޯލެއް ކުޅެން ލިބުނީމަ އަމިއްލަ ކޮންފިޑެންސާ ދޭތެރޭ ވެސް ސުވާލު އުފެދިފައި ހުރީ. އެކަމަކު ނަހޫ ބުނީ ހަމަ އައްޒަ ލައްވައޭ މި ރޯލް ކުޅުވަން ބޭނުން ވަނީ. އައްޒަ އަށް ވާނެއޭ،" ތަޖުރިބާކާރު މަޝްހޫރު ތަރިންތަކެއް ވެސް ހިމެނޭ ފިލްމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ.
އޭނާ ބުނީ ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައީ ވަރަށް ބޮޑަށް ރޭވިގެން ކަމަށްވާތީ މަސައްކަތް ފަސޭހަ ކަމަށެވެ. އަދި ނަހުލާއާ އެކު ޑައިރެކްޓަރެއްގެ ގޮތުގައި އަހުމަދު ޝިނާން ވެސް ބައިވެރިވާތީ "4426" އަކީ އާދައިގެ ފިލްމެއް ނޫންކަން ސާބިތުވާ ކަމަށް އައްޒަ ބުންޏެވެ.
"އެ ދެ މީހުންގެ ކޮމްބިނޭޝަން އައިމަ މީތި މިހާ ވަރުވަދަ ވަނީ. ވަރަށް ރަނގަޅަށް ކިޔައިދޭ ދެ ޑައިރެކްޓަރުން އެއީ. މިއީ ޝިނާންގެ ފުރަތަމަ ޑައިރެކްޝަން ކަމަށް ވިޔަސް މިކަން އޭނާ ކުރަނީ ވަރަށް ބޮޑަަށް އެނގިގެން. ޝޫޓިން ކުރިއަށް ދިޔައިރު، އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ ކޮންމެ ރޯލެއް ކުޅޭ އެކްޓަރަކު ވެސް ހީވަނީ ހަމަ ސީދާ އޭނަގެ އަމިއްލަ ކެރެކްޓާ ދައްކުވައިދޭހެން،" ފިލްމަށް ހާއްސަ ހަތަރު ބުރީގެ ސެޓެއްގައި ޝޫޓް ކުރި ފިލްމާ ބެހޭ ގޮތުން އައްޒަ ބުންޏެވެ. "އެހާ ވެސް ބޮޑަަށް މީގެ ތެރެއަށް ވަދެވިގެން ފިލްމް ޝޫޓް ކުރެވިފައި އޮތީ. ވަރަށް ކިކްގައި މީގެ މަސައްކަތް ގޮސްފައި އޮތީ."
އައްޒަ ބުނީ އޭނާގެ މަންޒަރުތައް ނަހުލާ އާއި ޝިނާން ހިތްހަމަޖެހޭ ވަރަށް ނެގެންދެން، ކެރެކްޓާ އަށް ކޮމިޓްވެގެން ހުރި ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން މާޝަލް އާޓްސް އެސޯސިއޭޝާއި އެމްއެންޑީއެފާ އެކު ކުރިއަށް ގެންދިޔަ ވޯކްޝޮޕްތަކަކީ ހުރިހާ އެކްޓަރުންނަށް ފުރިހަމަ ކުރި ސެޝަންތަކެއް ކަމަށް ބުންޏެވެ.
"އަހަރެންގެ މެކްސިމަމް ދީފައި ހުންނާނެ. ދެން ނަހުލާ އާއި ޝިނާން ހިތްހަމެހޭ ވަރަށް މަންޒަރުތައް ނަގާފައި ނޫނީ އެއްވެސް ސީން އެއް ދޫކޮށްލާފައެއް ނުހުންނާނެ،" އައްްޒް ބުންޏެވެ.
އޭނާ ބުނީ "4426" ގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި ފާރޫގާއި އިބްރާހީމް ޖިހާދު (ޖިމީ) ފަދަ އެކްޓަރުން ތިބުމަކީ އެކްޓިން ރަނގަޅު ކުރަން އޮތް ޕްރެޝަރެއް ކަމަށެވެ.
"އެނގޭ ކޮންމެ ގޮތެއް ވިޔަސް އެ މީހުން ވަރަށް މޮޅުވާނެކަން. އެހެންވެ އެ އެކްޓަރުންގެ ޕަފޮމޮންސާ އެއްވަރުގެ އެކްޓިންއެއް ދެއްކޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ހުންނާނެ،" ޔާރާ ޕްރޮޑަކްޝަން އާއިލާ އިން ފިލްމީ ދާއިރާ އަށް ނިކުތް އައްޒަ ބުންޏެވެ. "އަނެއްކާ މުޅި ޓީމް ވޯކް ވެސް ވަރަށް ރަނގަޅު. ވަރަށް ބުނެދޭ އެންމެން ވެސް. އެހެންވެ އެކަންވީ ވަރަށް ބޮޑު ފަސޭހައަކަށް. ޖޫނިއާވުމަކުން އެ މީހުން އަހަރެމެން ބާކީއެއް ނުކޮށްލާ ސެޓްގަ."
މި ފިލްމުގައި ހިމެނޭ ޒުވާން އާ މޫނުތަކަށް ބަލާއިރު، އައްޒަގެ އިތުރުން ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އައްޒަގެ ކުރީގެ ފިރިމީހާ (ޖުމާ) ވެސް ހިމެނެ އެވެ.
"ވަރަށް ފަސޭހަވި ޖުމާ އާއި ޖުމަލް ވެސް މީގެ ކާސްޓުންގެ ތެރޭގައި ހިމެނުނީމަ. އިތުރު އެއްޗެހިތަކެއް ދަސްވާން ލިބުނު ފުރުސަތެއް މިއީ،" އޭނާ ބުންޏެވެ.
އައްޒަ ހުރީ ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ. ފިލްމް ރިލީޒް ކުރާ ދުވަސް ކައިރިވަމުން އަންނަ އިރު، ވަރަށް ބޮޑު "އެގްޒައިޓްމަންޓެއް" އޮތް ކަމަށް އޭނާ ބުންޏެވެ.
"ނާވަސް ވެސް ވޭ. އެކަމަކު އެއަށް ވުރެ ބޮޑަށް އެގްޒައިޓް ވަނީ. ފިލްމް ބަލާފައި އޯޑިއަންސް ރިއެކްޓް ކުރާނެ ގޮތެއް ވަރަަށް ބޭނުން،" އައްޒަ ބުންޏެވެ.
އޭނާ ދޭން އޮތް ޔަގީން ކަމަކީ ފިތްކަނޑައިގެންދާ ވަރުގެ ބިރުވެރި ފިލްމަކަށް "4426" ވާނެ ކަމެވެ.
"ހަމަ ޔަގީނުން ވެސް ބެލުންތެރިން އެންޖޯއި ކުރާނެ ފިލްމެއް މިއީ. ބިރުވެރި ފިލްމަކަށް ހުރިހާ ރަހަތަކެއް މީގައި ހިމެނޭނެ،" އައްޒަ ބުންޏެވެ. "އެހެންވެ ބުނެލަން އޮތީ ކޮންމެހެން ވެސް ފޯފޯޓޫސިކްސް ބަލާލަން ވާނޭ."
ބޮޑު ދުވަހަކީ އޮކްޓޯބަރު 18 އެވެ. ނަހުލާ އާއި ޝިނާން ތިބީ ބެލުންތެރިން ބިރު ގަންނުވާލަން ތައްޔާރަށެވެ. ފިލްމް ރިލީޒް ކުރުމުގެ މަސް ދުވަސް ކުރިން ޓިކެޓަށް ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމައިފަ އެވެ. އަމާޒަކީ ރިލީޒް ކުރުމުގެ ކުރިން މަދުވެގެން 15 ޝޯ ހައުސްފުލް ކުރުމެވެ.
ނަހުލާއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ހައުސްފުލް ޝޯތައް ދެއްކި ޑައިރެކްޓަރެވެ. އެހެންވެ އަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އޭނާ ގެނެސްދޭ "4426" އަކީ އަނެއްކާ ވެސް ރާއްޖޭގައި ރިކޯޑް ހަދާނެ ފިލްމެއް ކަމަށް ވަރަށް ބޮޑަަށް ބެލެވެ އެވެ.