ބޭރުގެ ބައެއް ނޫސްވެރިންނަށް ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ފައިސާ ނުދައްކާތީ: އިމިގްރޭޝަން
ބޭރުގެ ބައެއް ނޫސްވެރިންނަށް ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ފައިސާ ނުދައްކާތީ: އިމިގްރޭޝަން

ރިޔާސީ އިންތިޚާބު ކަވަރު ކުރުމުގެ ހުއްދަ ދީފައިވާ ބޭރުގެ ނޫސްވެރިންނަށް ވިސާ ދޭން ނިންމާފައި ވިޔަސް، ވިސާ ދޫނުކުރެވި އޮތީ އެ ފަރާތްތަކުގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިޚާބު އޮބްޒާވް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ބައެއް ނޫސްވެރިންނަށް ވިސާ ހަމަނުޖެހޭ ކަމުގެ ޝަކުވާ އެ މީހުން ވަނީ ކޮށްފަ އެވެ. އިންތިޚާބު އޮބްޒާވް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނަސް، އެ މީހަކަށް ރާއްޖެ އެތެރެ ވެވޭނީ ބިޒްނަސް ވިސާ ހޯދައިގެންނެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންތިޚާބު ކަވަރު ކުރުމަށް އަންނަ ފަރާތްތަކަށް ބިޒްނަސް ވިސާ ދޭނެ ކަން އެ ފަރާތްތަކުގެ ސްޕޮންސަރުންނަށް އަންގާފައިވާ ކަމަށާއި ވިސާ ދޫނުކުރެވި އޮތީ ސްޕޮންސަރުން ދައްކަން ޖެހޭ ފައިސާ ނުދައްކާތީ ކަމަށެވެ. ބިޒްނަސް ވިސާ ދޫކުރެވޭނީ އެކަމަށް ދައްކަން ޖެހޭ ފީ ދެއްކުމުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އެދިފައިވަނީ އިންތިޚާބު ކަވަރު ކުރުމަށް ބިޒްނަސް ވިސާއަށް އެދުނު ފަރާތްތަކުގެ ސްޕޮންސަރުން ފައިސާ ދައްކަން އެއާޕޯޓުގައި ހުންނަ އިމިގްރޭޝަނަށް ދިއުމަށެވެ. ބަންދު ދުވަސްތަކުގައި ވެސް ފައިސާ ދެއްކޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އިިންތިޚާބު އޮބްޒާވްކޮށް، ކަވަރުކުރުމަށް 64 ފަރާތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ. އެއީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތަކާއި މޮނީޓަރުންގެ ގޮތުގައިި ހިމެނޭ 26 ނޫސްވެރިއެކެވެ.