ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!
ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!

ރައްޔިތުންގެ ކުރިމަތީގައި މިއޮތީ ދެ އިޚްތިޔާރެކެވެ؛ އެއްގޮތަކީ، މާދަމާ ނަގާ ވޯޓުގައި، ފަސް އަހަރުގެ ދައުރަކަށް ރާއްޖޭގެ ވެރިކަން އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމެވެ. ނުވަތަ، އާ ބަދަލަކަށް، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސަކަށް ހޮވުމެވެ.

ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!
ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!

ދެ "ޗޮއިސްގެ" ތެރެއިން، ގޮތް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ އަތުގަ އެވެ. ވެރިކަމުގެ ނިޒާމްގައި އެންމެ ބާރުގަދައީ ރައްޔިތުންކަން އެންގުމުގެ ވަގުތެވެ. ވެރިކަން ފެށެނީ އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނާ ވާހަކަ އެންމެ ބޮޑަށް ޔަގީންވާ ވަގުތުކޮޅެވެ.

ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!
ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!

ވައުދުގެ މޫސުމްގައި، އެއްފަހަރާ، ދެ ބޭފުޅުން އޮއްސާލެއްވި ކަންކަމުން ރައްޔިތުންގެ ސިކުނޑިތައް ވަނީ ބަރުކޮށްލައިފަ އެވެ. ވެރިކަމަށް އެންމެ ގާބިލް، ހެޔޮއެދެނީ ތިމަންނާއޭ ވިދާޅުވެ ދެ ބޭފުޅުން ވެސް ރައްޔިތުންނަށް ހުށަހެޅުންތަކެއް ހުށަހަޅުއްވައިފަ އެވެ.

ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!
ބޮޑު ނިންމުން: ހައްގު ދޫކޮށްނުލާތި!

ރައީސް ޔާމީން ވިއްކީ، ފަސް އަހަރުގެ ތެރޭގައި ހިންގެވި ތަރައްގީގެ މަޝްރޫއުތަކެވެ. ދަރުމަވަންތަ ހޮސްޕިޓަލާއި ބްރިޖާއި އެއާޕޯޓާއި ރަށްރަށުގެ ބަނދަރާއި ނަރުދަމާ ކަހަލަ ކަންކަމުގެ ލިސްޓު ކޮންމެ ވާހަކަފުޅެއްގައި ވެސް އަމުނާލައްވަ އެވެ. ވޯޓުދޭން ޖެހޭ ކަމަށް، އެމަނިކުފާނު ދައްކަވާ އެންމެ ސަބަބަކީ އެއީ އެވެ. އެ ބާރުމިނުގައި ރާއްޖެ ތަރައްގީ ކުރެވޭނެ އެހެން ބޭފުޅަކު ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެ އެވެ.

އެކަމަކު، އިބޫ ދައްކަވަނީ، އެ ތަރައްގީގެ ފަހަތުގައިވާ، ކޮރަޕްޝަނާއި އަނިޔާ އާއި ބޭއިންސާފާއި މަޖުބޫރުކުރުވުންތަކާ އެކު ރައްޔިތުންނަށް ޖައްސާފައިވާ ހާލެވެ. ތިން ބާރު ވަކިވެފައި އޮތް ނިޒާމުގައި، ހުރިހާ ބާރުތަކާއި ރައްޔިތުންގެ ހައްގުތައް "މުށުތެރެއަށް" ލައްވައި، އަޅުވެތި ކުރުވާފައިވާ މިންވަރެވެ. އިންސާފު ހޯދަން ހުރި މުއައްސަސާތަކުގެ މިނިވަންކަން ގެއްލިފައިވާ މިންވަރެވެ. އެހެންވެ، އިބޫ އެދިވަޑައިގަންނަވަނީ މިނިވަންކަމާއި އިންސާފުގެ މަގު ޚިޔާރު ކުރުމަށެވެ.

ދެން އޮތީ ރައްޔިތުންގެ ނިންމުމެވެ. އެ ކަންކަމަށް ވިސްނައި، ތަރައްގީ އަށް ނުވަތަ ކޮރަޕްޝަނާއި އަނިޔާއާ ދެކޮޅަށް ފާހަގަ ޖެހުމެވެ.

މި ވޯޓުގައި، ދެ ބުރެއް ނޯންނާނެ އެވެ. މިއީ، ވޯޓުލާން ދިއުމުގެ ކުރިން ވިސްނަން ޖެހޭ މުހިއްމު ކަމެކެވެ. އެހެން އިންތިޚާބުތަކުގައި، ދެ ފަހަރަށް ވޯޓުލާން ފުރުސަތު ލިބުނެވެ. އެކަމަކު މިއީ، 2008 ގައި އަމަލުކުރަން ފެށި ގާނޫނުއަސާސީގެ ދަށުން، ފުރަތަމަ ބުރުން ނަތީޖާ ކަށަވަރުވާ އިންތިޚާބެވެ.

ވޯޓު ލާކަށް ނުދާނަމެވެ. ކޮންމެ މީހަކު ހޮވުނަސް އަހަންނަށް ކޮން ކަމެއް ހެއްޔެވެ؟ އަހަންނަށް ކަމުދާ އެކަކު ވެސް ނެތެވެ. ސިކުނޑީގައި އެނބުރެނީ މި ސުވާލުތައް ކަމަށްވާ ނަމަ، ވިސްނުން ބަދަލުކުރަން މަޖުބޫރެވެ.

ޑިމޮކްރެޓިކް ނިޒާމުގައި ވޯޓު ލުމަކީ ދޫކޮށްލައިގެން ނުވާނެ އަސާސީ ހައްގެކެވެ. ގާނޫނުއަސާސީން އެ ހައްގު ކަށަވަރުކޮށްދީފައި ވަނީ، ގައުމުގެ ހިންގުމުގެ ނިޒާމްގައި ރައްޔިތުން ބައިވެރިވެ، ބަސް ބުނުމަށެވެ.

ހެޔޮބަދަލުތަކަކީ، ރައްޔިތުން ނުކުމެ އަޑު އުފުލައި، ގުރުބާނީތައް ވެގެން ހޯދާފައިވާ ހައްގުތަކެވެ. އެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ވޯޓުގައި ކޮންމެހެން ބައިވެރިވާން ޖެހެ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އެޑްވޯކަސީ އެންޑް ކޮމިއުނިކޭޝަން މެނޭޖަރު އައިމަން ރަޝީދު ވިދާޅުވީ ގައުމުގެ ހިންގުމުގެ ނިޒާމްގައި ކޮންމެ ރައްޔިތެއްގެ ވެސް ދައުރެއް އޮންނަ ކަމަށެވެ. ދައުލަތް ހިންގުމުގެ ކޮންމެ ކަމެއްގައި ވެސް ބަސްބުނުމަކީ ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވޯޓު ލުން ފެށޭ ހިސާބުން، ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ ބަހުސްތަކާއި ރައީސަކަށް ހުންނަވާ ބޭފުޅަކު ނިންމަވާ ނިންމުންތަކާއި މިނިވަން މުސްގިއްލު މުއައްސަސާތަކުން ނިންމާ ނިންމުންތަކާ މެދު ވެސް ރައްޔިތުންނަށް ބަސް ބުނެވޭނީ،" އައިމަން ވިދާޅުވި އެވެ.

"ރައްޔިތުން އެބަޖެހޭ އެ މީހުން ހިތްހަމަނުޖެހޭ ކަންކަން ސަރުކާރަށާއި މުއައްސަސާތަކަށް ދައްކައިދޭން. އަދި ހަމައެއާއެކު ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ރައްޔިތުންގެ ފަރާތުން ލިބެން ޖެހޭ. އެއީ ބަސް ބުނުން އެކަންޏެއް ނޫން. ރަނގަޅު މިސްރާބަށް ގައުމު ދޭތޯ އާއި ޖަވާބުދާރީ ކުރުވުމާއި އެއާއެކު ދައުލަތުގެ ކަންކަމުގައި ބަސް ބުނަން ތައްޔާރަށް ތިބުން."

ވޯޓު ވިއްކުމާއި ގަތުމުގެ ޝަކުވާ ކޮންމެ އިންތިޚާބެއްގައި ވެސް ބޮޑެވެ.

ސިޔާސީ ކަންކަމުގައި ފައިސާގެ ނުފޫޒު ބޭނުންކުރުމާ ގުޅޭ ގޮތުން 2014 ގައި ހެދި، ދިރާސާއަކުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ 37 ޕަސެންޓް މީހުން ސީދާ ވޯޓު ގަތުމާއި ވިއްކުމުގައި ބައިވެރިވި އެވެ. އެއީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ 200،000 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ހިސާބު ހަދާ ކަމަށް ވަންޏާ
ގާތްގަނޑަކަށް 80،000 މީހުންގެ ސީދާ ބައިވެރިވުމަކަށް ވާތީ، އެ ރިޕޯޓުގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

މި އިންތިޚާބުގައި ވެސް ވޯޓު ވިއްކުމާއި ގަތުމުގެ ޝަކުވާ ބޮޑެވެ. އެކަމަކު ރައްޔިތުންގެ ބާރާއި އިޚްތިޔާރާއި މަސްލަހަތުގެ މައްޗަށް ފައިސާ އާއި ނުފޫޒު ގަދަވާން ޖާގަ ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

މުއްސަނދި، ސިޔާސީ ގޮތުން ބާރުގަދަ ނުފޫޒު ގަދަ މީހާ ބޭނުން ވާނީ، ވޯޓު ގަތުމަށެވެ. އޭނާ އިސްކުރަނީ އަމިއްލަ މަސްހަތެވެ.

އައިމަން ވިދާޅުވި ގޮތުގައި ވޯޓު ވިއްކުލުމާ އެކު ކަށަވަރު ނުވެ، އޮޔާދަނީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާ އެވެ. އެއާއެކު ގެއްލެނީ ނިޒާމްގައި ބައިވެރިވުމުގެ ފުރުސަތު ކަމަށް ވެސް ވިދާޅުވި އެވެ.

"ވޯޓަށް ޝަރުތުކޮށް، ޓިނާއި ސިމެންތި ބަސްތާތަކާއި، ލަންކާ ޓިކެޓާއި ފައިސާ ދެވެން ހުރީތީވެ ޔޫސުފަށް އިންތިހާބު ކާމިޔާބު ކުރެވޭ. އޭގެ މާނައަކީ ރައްޔިތުންގެ އިޚްތިޔާރު ކުރިއަރުވާނެ، ރައްޔިތުން ބޭނުންވާ ގޮތަށް ގައުމުގެ ސިޔާސަތު ބައްޓަންކުރާނެ މީހެއްގެ ބަދަލުގައި، ފައިސާ އާއި ނުފޫޒާއި ބާރުގައި ހުންނާ މީހާއަށޭ އިންތިޚާބީ ނިޒާމުގައި ބާރު ގަދަ މިވެވެނީ ވޯޓު ވިއްކީމަ،" އައިމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފައިސާ އާއި ނުފޫޒު އޮތް މީހާ ވޯޓު ގަންނަން އެއް ބިލިއަން ރުފިޔާ ހޭދަކުރާނަމެ އެ ވޯޓު ގަތުމަށް ހޭދަކުރި ވަރަށް ވުރެން މާބޮޑު ފައިސާއެއް ދައުލަތުގެ ކޮންމެވެސް ދިމާލަކުން ހޯދާނެ އެވެ. ރައްޔިތުންނަށް ގެއްލޭ އެއްޗަކީ އެ އެވެ.

"އޭރަށް ވިއްކާލެވެނީ ހަމައެކަނި ވޯޓެއް ނޫން، އެ ދޫކޮށްލަނީ ގައުމުގެ މުސްތަގުބަލް،" އައިމަން ވިދާޅުވި އެވެ.

ވޯޓަށް ނުފޫޒު ފޯރުވުމުގެ ހައްގު އެކަކަށް ވެސް ނެތެވެ. އެގޮތަށް ނުފޫޒު ފޯރުވުމަކީ ގާނޫނީ ކުށެކެވެ. ވޯޓުލާނީ ކާކަށްތޯ ކަނޑައެޅުމަކީ އަމިއްލަ އިޚްތިޔާރެކެވެ. މާދަމާ ނަގާ ވޯޓުން ގައުމުގެ މުސްތަގުބަލް ކަނޑައެޅުމުގައި ބައިވެރިވާށެވެ. ނުފޫޒެއް، ވޯޓު ވިއްކާލުމެއް ނެތި އަމިއްލަ އިޚްތިޔާރުގަ އެވެ.