އިންޑޮނީޝިއާގައި ފަތިސް ނަމާދު ނުކުރާ ނަމަ ވަޒީފާ ގެއްލިދާނެ ކަމަށް އަންގައިފި
އިންޑޮނީޝިއާގައި ފަތިސް ނަމާދު ނުކުރާ ނަމަ ވަޒީފާ ގެއްލިދާނެ ކަމަށް އަންގައިފި

ޖަކާޓާ (ސެޕްޓެމްބަރު 21) - އިންޑޮނީޝިއާގެ ސިޓީއެއްގެ ސިވިލް ސާވިސްގެ އިސް މުވައްޒަފުން މިސްކިތަށް ގޮސް ފަތިސް ނަމާދު ނުކުރާ ނަމަ ވަޒީފާ ގެއްލިދާނެ ކަމަށް އަންގައިފި އެވެ.

މިދިޔަ މަހު އޭޝިއަން ގޭމްސް ބޭއްވި އެއް ސިޓީ ކަމަށްވާ ޕަލެމްބަންގުގެ ސިވިލް ސާވަންޓުންގެ އިސް ފަރާތްތަކަށް އެންގި މި އަމުރަކީ އެ ގައުމުގައި އަލަށް ކުރި ކަމެކެވެ. އެ ސިޓީގެ ތަރުޖަމާނަކު ބުނެފައި ވަނީ އަވަހަށް ހޭލުމުން މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުވާ ކަމަށެވެ.

"ފަތިހު ހޭލައިގެން ގޮސް ފަތިސް ނަމާދު ކުރުމުން ބައްދަލުވާ އާއްމުންގެ ފަރާތުން ސިޓީގައި ހައްލު ކުރަން ޖެހޭ ވަރަށް ގިނަ މައްސަލަތަކުގެ ޝަކުވާ ވެސް ލިބޭނެ،" ތަރުޖަމާން ބުންޏެވެ.

ޕަލެމްބަން ސިޓީގެ ސިވިލް ސާވިސްގައި 16،000 މީހުން ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭން މި އަމުރު ހިނގާނީ ސީނިއާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ 1،100 މުސްލިމުންނަށެވެ. އެ މީހުން ފަތިސް ނަމާދަށް މިސްކިތަށް ދިޔަތޯ ބަލަން މޯބައިލް ފޯން އެޕެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ.